އާމްދަނީ އިތުރަށް ދަށަށް؛ އިމްޕޯޓް ޑިއުޓީއާއި ރިޒޯޓު ކުލި ލިބުނީ މަދުން

މުދާ ބަރުކޮށްފައިވާ ކޮންޓެއިނަރުތަކެއް: ދައުލަތުގެ އާމްދަނީ އިތުރަށް ދަށްވެފައިވާއިރު އިމްޕޯޓް ޑިއުޓީއާއި ރިޒޯޓު ކުލި ވަނީ މަދުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފާސްހިސާބުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އާމްދަނީ ދަށްވެފައިވާ ކަމަށް ދައްކައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީއާއި ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު ހާމަކޮށްފައެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން، އެ މުއްދަތުގައި މިދިޔަ އަހަރު 4.64 ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 3.77 ބިލިއަން ރުފިޔާއެވެ. އެއީ 18.8 ޕަސެންޓްގެ ދަށްވުމެކެވެ.

ދައުލަތަށް ޓެކުހުގެ ގޮތުގައި އާއި ޓެކްސް ނޫން ގޮތަށް ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފައެވެ. އެގޮތުން ޓެކުހުން މި މުއްދަތުގައި 3.36 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 3.95 ބިލިއަން ލިބުނެވެ. އެއީ 589 މިލިއަން ނުވަތަ 14.9 ޕަސެންޓްގެ ދަށްވުމެކެވެ.

ޓެކްސް އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީއާއި ވިޔަފާރިއާއި ޕްރޮޕަޓީ ޓެކްސްއާއި ޑިޕާޗާ ޓެކުހުން ލިބުނު އަދަދު ވެސް ވަނީ ދަށްވެފައެވެ. އެއީ:

އިމްޕޯޓް ޑިއުޓީ

  • މިދިޔަ އަހަރު: 385 މިލިއަން ރުފިޔާ
  • މި އަހަރު: 138 މިލިއަން ރުފިޔާ

ވިޔަފާރިއާއި ޕްރޮޕަޓީ ޓެކްސް

  • މިދިޔަ އަހަރު: 1.72 ބިލިއަން ރުފިޔާ
  • މި އަހަރު: 1.33 ބިލިއަން ރުފިޔާ

ޑިޕާޗާ ޓެކްސް

  • މިދިޔަ އަހަރު: 116 މިލިއަން ރުފިޔާ
  • މި އަހަރު: 107 މިލިއަން ރުފިޔާ

މުދަލާއި ޚިދުމަތުގެ އަގުން ލިބުނު ޓެކްސްވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ 1.61 ބިލިއަން ރުފިޔާއިން މި އަހަރު 1.64 ބިލިއަނަށް އެ އަދަދުވަނީ އިތުރުވެފައެވެ. އޭގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުން ނަގާ ޓީޖީއެސްޓީ އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރު ޓީޖީއެސްޓީއަށް ލިބިފައިވަނީ 1.03 ބިލިއަން ކަމަށްވާއިރު މި އަހަރު 1.10 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެއާޕޯޓުގައި ފަތުރުވެރިންތަކެއް: ޓީޖީއެސްޓީ އިތުރުވީއިރު، ރިޒޯޓު ކުލިން ލިބުނު އަދަދު ވަނީ ދަށްވެފައި -- ސަން ފޮޓޯ/ އަމަން ލަތީފް

އެހެންނަމަވެސް ޖީޖީއެސްޓީ ނުވަތަ އާންމު މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ލިބިފައިވަނީ ކުރިއަށް ވުރެ މަދުންނެވެ. އެއީ 543 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު އޮތީ 575 މިލިއަން ރުފިޔާއަށް އަރައިފައެވެ.

ޓެކްސް ނޫން އާމްދަނީއަށް ބަލާއިރު، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް)އަށް މި އަހަރު ލިބިފައިވަނީ 109 މިލިއަން ރުފިޔާއެވެ. ދެހާސް ސައުވީހުގެ މި މުއްދަތުގައި އޭޑީއެފްގެ ގޮތުގައި 119 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޕްރޮޕަޓީ އިންކަމް ވެސް ދަށްވެފައިވާއިރު އޭގެ ތެރެއިން، ރިޒޯޓުތަކުން ކުލީގެ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި 93.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރު ލިބުނީ 65.9 މިލިއަން ރުފިޔާއެވެ. އެއީ 29.7 ޕަސެންޓު ދަށް އަދަދެކެވެ.

ދައުލަތުގެ ޚަރަދު ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު ޚަރަދުތައް 3.26 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު މި އަހަރު އެ އަދަދު ހުރީ 2.48 ބިލިއަން ރުފިޔާގައެވެ. އެއީ 34 ޕަސެންޓްގެ ދަށްވުމެކެވެ.

ފިނޭންސް މިނިސްޓްރީން ޖަނަވަރީގެ ނިޔަލަށް ލިބިފައިވާ އާމްދަނީގެ ތަފުސީލު ހާމަކުރިއިރު، އެ މުއްދަތުގައި ލިބުނު އާމްދަނީ، 2024ގެ ޖަނަވަރީގައި ލިބުނު އާމްދަނީއަށް ވުރެ 574 މިލިއަން ރުފިޔާ ދަށް ކަމަށް ވަނީ ދައްކައިފައެވެ.

https://sun.mv/202343

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ، ދައުލަތުގެ ޚަރަދުތައް އާމްދަނީއަށް ވުރެ އިތުރަށް ކުރުމުގެ ސަގާފަތެއް އޮތް ކަމަށާއި، އެކަން ނިމުމަކަށް ގެންނަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން އަންނަނީ އާމްދަނީ އިތުރުކުރުމަށް އިގުތިސާދު ސިންދަފާތު ކުރުމަށް މަސައްކަތްތަކެއް ފެށުމުގެ އިތުރުން، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ.

މިދިޔަ އަހަރު ދައުލަތުގެ އިގުތިސާދީ ހާލަތު ދަށްވުމާ ގުޅިގެން ބޭރުގެ އިދާރާތަކުން ވަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަވަސް ކުރުމަށް ގޮވާލައިފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ވަފުދެއް ރާއްޖެ އައިސް، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ވަޒަންކުރުމަށް ފަހު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހާ މައުލޫމާތު ހިއްސާކުރަމުން ވެސް ވަނީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރުމަށް ގޮވާލައިފައެވެ.

comment ކޮމެންޓް