ސަރުކާރުގެ ހިލޭ ބޭސްފަރުވާދޭ ސްކީމް، އާސަންދައިން މިދިޔަ އަހަރު ކުރި ޚަރަދު 3.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
އެ ކުންފުނިންވަނީ މިދިޔަ އަހަރުގެ ހުރިހާ ކުއާޓަރެއްގައި އެ ކުންފުނިންކޮށްފައިވާ ޚަރަދުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 276،439 މީހުން އާސަންދައިގެ ޚިދުމަތް ހޯދިއިރު، 838 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ. އަދި 1،599 މީހަކު އިމަޖެންސީގައި އިވެކުއޭޓް ކޮށްފައިވާއިރު، ޖުމްލަ 1،691 މީހުންނަށް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުނިން ޚަރަދުކޮށްފައިވަނީ 823 މިލިއަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު 15 މިލިއަން ރުފިޔާގެ އުނިވުމެކެވެ. ދެވަނަ ކުއާޓަރުގައި އާސަންދައިގެ ޚިދުމަތް ހޯދީ 265،059 މީހުންނެވެ. އޭގެ ތެރޭގައި އިމަޖެންސީގައި އިވެކުއޭޓް ކުރި 1،232 މީހުންނާއި، ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވި 2،807 މީހުން ހިމެނެއެވެ.
ތިންވަނަ ކުއާޓަރުގައި އެ ކުންފުނީގެ ޚަރަދު 903 މިލިއަން ރުފިޔާއަށް އެރިއެވެ. ދެވަނަ ކުއާޓަރާ އަޅައިބަލާއިރު، އެއީ 101 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެންމެ ގިނަ މީހުން އާސަންދައިގެ ޚިދުމަތް ބޭނުންކޮށްފައިވަނީ ވެސް ތިންވަނަ ކުއާޓަރުގައެވެ. އެ ގޮތުން އެ އަދަދު 280،491އަށްވަނީ އަރައިފައެވެ. މި ކުއާޓަރުގައި ވެސް 1،226 މީހުން އިމަޖެންސީގައި އިވެކުއޭޓްކޮށް، 2،370 މީހުން ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވިއެވެ.
ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ އަހަރު އާސަންދައިގެ ޚަރަދު އެންމެ ކުޑަވީ ފަހު ކުއާޓަރުގައެވެ. ތިންވަނަ ކުއާޓަރަށްވުރެ 86 މިލިއަން ރުފިޔާއިން ޚަރަދު ކުޑަކޮށް، ހޭދަކޮށްފައި އޮތީ 817 މިލިއަނެވެ. ފަހު ކުއާޓަރުގައި 278،330 މީހުން އާސަންދައިގެ ޚިދުމަތް ހޯދާފައިވާއިރު، އިމަޖެންސީގައި 1،393 މީހުންވަނީ އިވެކުއޭޓް ކޮށްފައެވެ. އަދި ފަރުވާކުރަން ރާއްޖޭން ބޭރަށް ފޮނުވި މީހުންގެ އަދަދަކީ 2،327އެވެ.
މި އާއެކު މިދިޔަ އަހަރު އާސަންދައިގެ ޖުމްލަ ޚަރަދު ހުރީ 3.3 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު އާސަންދައަށް ކަނޑައެޅި 1.9 ބިލިއަން ރުފިޔާއަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ ފަސްވަރަކަށް އަހަރު ވެސް އާސަންދައަށް ކުރި ހޭދަވަނީ 60 އިންސައްތައަށް އިތުރުވެފައެވެ. މިދިޔަ 2024 ނިމުނުއިރު، 2018އިގެ އަދަދުތަކާ އަޅައިބަލާއިރު އާސަންދައިގެ ޚަރަދު 40 އިންސައްތަ އިތުރެވެ. ބޭހަކަށް އެކަނި ވެސް އެވަރެޖުކޮށް 500 މިލިއަން ރުފިޔާ ހޭދަކުރެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ޓަކައި، އާސަންދައަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ރާއްޖެއަށް ލަފާދިނެވެ. އެއާ އެކު މި ސަރުކާރުންވަނީ އާސަންދައިން ޚިދުމަތްދޭ އުސޫލަށް ބަދަލުތަކެއް ވެސް ގެނެސްފައެވެ. އޭގެ ތެރޭގައި އެނދުމަތިނުކޮށް ދެވޭ ފަރުވާތަކުގައި، އެހެން އިންޝޫރެންސް ސްކީމެއްގައި ރެޖިސްޓްރީވެފައިވާނަމަ، އެ ސްކީމަކުން ކެނޑޭގޮތަށް ގެނައި ބަދަލު ހިމެނެއެވެ.
މީގެ އިތުރުން 250 ބޭހެއްގެ އަގު ވެސް ވަނީ ހެޔޮކޮށްފައެވެ.