ރާއްޖޭގެ ސެކަންޑްރީ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ތުނބުޅި ބެެހެއްޓުމުގެ ފުރުސަތު ދޭންޖެހޭކަމަށާއި، ގަދަކަމުން ތުނބުޅި ބޭލުވިގެން ނުވާނެކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ރިސޯޓު މުވައްޒަފުންނަށް ތުނބުޅިމަތިމަހާއި ބުރުގާ އެޅުމުގައި ހުރި ހުރަސްތައް ނައްތައިލަން ގޮވައިލައި ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ހުސައިން ވިދާޅުވީ ތުނބުޅި މަތިމަސް ބެހެއްޓުމުގެ ހުރަސް ޓޫރިޒަމް ދާއިރާ ނޫނަސް، އެހެން އެއްވެސް ދާއިރާއެއްގައި ކުރިމަތިވެގެން ނުވާނެ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ސްކޫލުތަަކަށްދާ ފިރިހެން ކުދީންނަށް ވެސް ތުނބުޅި ބާލަން މަޖުބޫރުކުރުވާ ކަމަށާއި އެ ކަން ހުއްޓުވަންޖެހޭކަމަށް ވިދާޅުވިއެވެ.
"ކުއްޖާ ހަމަ ކޮންމެ ދުވަހަކު ވަންނައިރަށް ލީޑިން ޓީޗަރު ބުނާނެ 'އޭ ތުނބުޅި ބާލައިގެން އާދޭ' މި ކަން އެބަޖެހޭ ހުއްޓުވަން އަޅުގަނޑުމެންގެ ގައުމުން،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ސެކަންޑަރީ ސްކޫލުތަކުގައި ދަރިވަރުން ތުނބުޅި ބަހައްޓަން ފުރުސަތު ނުދިން ނަމަވެސް ހަޔާ ސެކަންޑަރީ ސްކޫލުތަކުގައި ދަރިވަރުންނަށް ތުނބުޅި ބަހައްޓަން ފުރުސަތުދެއެވެ.
މީގެ އިތުރުން ހުސައިންވަނީ ރިސޯޓެއްގައި ވަޒީފާ އަދައިކުރަން ޖެހޭތީ ތުނބުޅި މަތިމަސް ބެހެއްޓުން މަނާކޮށްފައި އޮތީ ކޮން ގާނޫނެއްގައިތޯ ސުވާލު އުފައްދަވައިފައެވެ.
އެފަދަ އެއްވެސް ގަވަައިދެއް ގާނޫނެއް ނެތް ކަމަށާއި، ނެތް ކަމަކަށް އަމަލުކުރަން ވެސް ނުޖެހޭނެ ކަމަށް ހުސައިން ވިދާޅުވިއެވެ.
"ކޮން ގޮތަކުންތޯ މަނާކުރެވޭނީ. އިންސާނާ ގަބޫލުނުކުރާ ހަމަތަކެއްގެ މައްޗަށް އޭނާގެ ހައްގު ނިގުޅައިގަންނަނީ. އެ ހައްގު ނިގުޅައެއް ނުގަނެވޭނެ އެ ގޮތަަކަށެއް،" ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ތުނބުޅި ބޭލުމަކީ މިއަދު ދިވެހި ޒުވާން ފިރިހެން ކުދިން އެއްގޮތަކަށް ވެސް ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ. މީގެ އިތުރުން މިއަދު ދުނިޔޭގައި ވެސް ޒުވާން ފިރިހެނުންގެ މެދުގައި ވެސް ތުނބުޅި ބެހެއްޓުމަކީ މަގުބޫލު ޓްރެންޑެއް ކަމަށް އޭނާ ވިދާޅުވިއެވެ.