އުޅުނީ ހަލަބޮލި ކުރާކަށް ނޫން، ރައްޔިތުންގެ އަޑު ނާހާތީ ލޮލަށް ދައްކަން: ނާޒިލް

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް: ވިދާޅުވީ މަޖިލިސްތެރެ ހަލަބޮލި ކުރީކީ ނޫން ކަމަށާއި އަޑުނުއިވޭތީ މަންޒަރު ލޮލުން ދެއްކީ ކަމަށް -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު އެމްޑީޕީގެ މެންބަރުން މަސައްކަތްކުރީ މަޖިލިސްތެރެ ހަލަބޮލި ކުރަން ނޫން ކަމަށާއި، އެއީ ސަރުކާރަށް އެ މެންބަރުންގެ އަޑުނުއިވޭތީ މަންޒަރު ލޮލަށް ދައްކަން ކުރި މަސައްކަތް ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްޔެ އިއްވެވުމާ ގުޅިގެން ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ދެއްވި ރިޔާސީ ބަޔާނާއި އިއްޔެ ދެއްވި ދެވަނަ ރިޔާސީ ބަޔާނާ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ. ދެއްކެވީ އެއް ވާހަކަތަކެއް ކަމަށެވެ.

އެ ކަމުން ވެސް އެނގިގެން ދަނީ ފާއިތުވި އަހަރުތެރޭ ކޮށްދެއްވަން ވިދާޅުވި އެއްވެސް ކަމެއް ނުކޮށްދެވި ދިޔަ މަންޒަރުކަން ކަމަށް ނާޒިލް ވިދާޅުވިއެވެ. އޭގެ އެއް މިސާލަކީ ރަސްމާލެ ހިއްކަވާނެ ވާހަކަ އަނެއްކާ ވެސް އިއްޔެ ތަކުރާރުކުރެއްވި ކުރުން ކަމަށް ނާޒިލް ވިދާޅުވިއެވެ.

ރައްޔިތުންނަށް އިއްޔެ ވަރަށް ގިނަ ކަންތައްތައް ސާފުވެއްޖެ ކަމަށާއި، ނަމަވެސް ރައްޔިތުންގެ ޝުއޫރުތައް އެމްޑީޕީގެ މެންބަރުން ދެއްކެވި ނަމަވެސް ސަރުކާރުން އެ އަޑެއް ނާހާކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންކަމުން އިއްޔެ، މަޖިލިސް ތެރޭ އެމްޑީޕީގެ މެންބަރުން ކުރެއްވި މަސައްކަތަކީ އަޑުނުއިވޭ ވާހަކަތައް ލޮލަށް މަންޒަރުގެ ސިފައިގައި ދައްކައިދިނުން ކަމަށް ނާޒިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްޗެއްގަ ލިޔެގެން ގޮސް ކުރިމައްޗަށް ގޮސް ދިއްކުރީމާ އަޅުގަނޑުމެން ނަގާފައި ބޭރަށް މި ނެރެނީ. އަޑުނުއިވެންޏާ ފެންނާނެ ނޫންތޯ ލޮލަށް؟ އެއީ އަޅުގަނޑުމެން މިއަދު ކުރި މަސައްކަތަކީ މަޖިލިސް ތެރޭގައި،" ނާޒިލް ވިދާޅުވިއެވެ.

"...އަޅުގަނޑުމެން އެއްގޮތަކަށް ވެސް މަޖިލިސްތެރެ ހަލަބޮލިކޮށް ކަންތައް ކުރާކަށެއް ނޫން. އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެން ދައްކާ ވާހަކަ އަޑުނުއިވޭ ރައީސަށް މި މަންޒަރު ލޮލުން ދައްކަން. ރައްޔިތުންގެ ޝުއޫރު އަޅުގަނޑުމެން ކަރުދާސްގަނޑެއްގަ ލިޔެގެން ގޮސް ރައީސަށް މި ދައްކާލަނީ. ކިޔާލާށޭ. އަޑު ނުއިވެންޏާ ފެންނާނެ ނޫންހޭ ލޮލަށް؟ ކިޔުއްވާށޭ،" ނާޒިލް އިތުރަށް ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާ ފަށައި، ރިޔާސީ ބަޔާން އިއްވަވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފުރުސަތު ދެއްވުމާ އެކު ތަޅުމުގައި ތިއްބެވި އެމްޑީޕީގެ މަޖިލީސް މެންބަރުން ވަނީ ތަޅުމުގައި އިހުތިޖާޖުކުރަން ފަށާފައެވެ. އެހެންވެ، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އިހުތިޖާޖުކުރި ހުރިހާ މެންބަރުންގެ ނަން އިއްވަވާފައެވެ.

ނަން އިއްވި ނަމަވެސް އެމްޑީޕީ މެންބަރުން ވަނީ ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައެވެ. އެހެންވެ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ގެންދަވަނިކޮށް މެންބަރުން ތަޅުމުން ނުކުންނަންދެން ޖަލްސާ މެދުކަނޑާލައިފައެވެ. އެއަށް ފަހު ދެން ފެނިގެން ދިޔައީ މެންބަރުން މަޖިލީހުގެ ސެކިއުރިޓީ ލައްވާ ތަޅުމުން ނެރުނު މަންޒަރެވެ.

އެ މެންބަރުން ތަޅުމުން ނެރުނުއިރު، މަޖިލިސް އިދާރާ ކައިރީގައި އެމްޑީޕީގެ އާންމު މެންބަރުންނާއި، ކުރީގެ މަޖިލިސް މެންބަރުން އެއްވެ ތިއްބެވެ. އަދި، ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވައިލާ އެ ޕާޓީން ވަނީ އިހުތިޖާޖުކޮށްފައެވެ.

https://sun.mv/202296

އެކަމާ ގުޅިގެން އިއްޔެ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އިއްޔެ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރިޔާސީ ބަޔާން އިއްވެވި ވަގުތު، އެމްޑީޕީން އިހުތިޖާޖުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އޭގެ ކުރީގެ ދައުރުތަކުގައި އިހުތިޖާޖުކުރީ ސަބަބުތަކެއް ހުރެގެން ކަމަށް ފަލާހު ވިދާޅުވިއެވެ.

ހަމައެއާއެކު ގައުމު ހަލަބޮލިކުރަން މަސައްކަތްކުރާ ވަރަކަށް މި ގައުމު ދާނީ އިތުރަށް ނިކަމެތިވަމުން ކަމަށާއި، އޭރުން ދައްކަންޖެހޭ ދަރަނި ދައްކަން ފައިސާ ވެސް ނުލިބި ގައުމު ބަނގުރޫޓުވާނެ ކަމަށް ޖުމްހޫރީ ޕާޓޫގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ. އޭގެ ނަތީޖާއަކީ ދައްކަން ޖެހޭ ލޯނުތައް ނުދެއްކި، ފައިސާ ނުލިބި، ރާއްޖޭގައި އިންވެސްޓުކުރާނެ ބަޔަކު ވެސް ނުވުން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭގޮތުގައި މިއީ އެމްޑީޕީން މަޖިލިސް ދޮށަށް އެއްވި ތިންވަނަ ފަހަރެވެ. މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބިދޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައި ދުވަހާއި ފުލެޓާއި ގޯތި ލިބުން ލަސްވުމާ މައްސަލައިގައި ވެސް އެމްޑީޕީން މަޖިލިސް ދޮށަށް މީގެކުރިން އެއްވިއެވެ.

comment ކޮމެންޓް