މުޅި މަޖިލިސް އިސްތިއުފާދޭންވީ، އާ މަޖިލީހެއް އިންތިޚާބުކޮށްގެން ނޫނީ އާންމުންނަށް ތަސައްލީއެއް ނުލިބޭނެ: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް: ވިދާޅުވީ މުޅި ވިހިވަނަ މަޖިލިސް ވަގުތުން ވަގުތަށް އިސްތިއުފާދީ އާ މަޖިލީހެއް އިންތިޚާބުކުރަންޖެހޭ ކަމަށް -- ފޮޓޯ: މަޖިލިސް

މިހާރު ހިނގަމުންދާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ވިދާޅުވެ، މުޅި މަޖިލިސް އިސްތިއުފާދިނުމަށް އެމްޑީއޭގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ގޮވާލައްވައިފިއެވެ. މެންބަރުން ހަމައެކަނި ކުރީ ސަރުކާރަށް ފާޑުކިޔުން ފިޔަވައި، ކޮރަޕްޝަންގެ މައްސަލަތައް ބަލައި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގައި ވަނީ ނުކުޅެދިފައެވެ. އަދި ބޮޑު މުސާރައެއް ނަގަމުންދާއިރު، މަޖިލީހުގެ ޖަލްސާތައް މަދުކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ.

  • ވިހި ވަނަ މަޖިލީހުގެ މެންބަރުން އިސްތިއުފާދީ އާ މަޖިލީހެއް އިންތިޚާބުކުރުމަށް ގޮވާލުން
  • މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގައި މަޖިލިސް ނުކުޅެދިފައިވާކަމަށް ތުހުމަތުކުރުން
  • ކުންފުނިތަކުގެ ވެރިންނާއި ވަޒީރުންނަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ނުބެލޭކަން ފާހަގަކުރުން
  • މަޖިލީހުގެ މެންބަރުންނަށް ބޮޑު މުސާރައެއް ލިބޭއިރު މަސައްކަތް ނުކުރާކަމުގެ ޝަކުވާ އޮތުން

މިހާރު ހިނގަމުން އަންނަ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަގުތުން ވަގުތަށް އިސްތިއުފާދެއްވަންވީ ކަމަށާއި، އައު މަޖިލީހެއް އިންތިޚާބުކޮށްގެން ނޫނީ ރައްޔިތުންނަށް ތަސައްލީއެއް ނުލިބޭނެ ކަމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް މިރޭ ވިދާޅުވެއްޖެއެވެ.

'އެސްއެސްޓީވީ'ން ގެނެސްދޭ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޢައްބާސް ވިދާޅުވީ، ފާއިތުވެދިޔަ ދެ އަހަރު ވިހި ވަނަ މަޖިލީހުން ކުރި މަސައްކަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ހުރިހާ މެންބަރުން އިސްތިއުފާދެއްވުން ކަމަށެވެ.

"މިހާރު އޮތް ރައްޔިތުންގެ މަޖިލިސް އިސްތިއުފާ ދިނުމަށް ފަހު އާ ރައްޔިތުންގެ މަޖިލީހެއް އިންތިޚާބުކޮށްގެން ނޫނީ ރައްޔިތުންނަށް ދިމާވެފައި ހުރި މިހިރަ ބޮޑެތި ކަންބޮޑުވުންތަކަށް ތަސައްލީ ލިބޭނެ އެއްވެސް ގޮތެއް ނެތް،" ޢައްބާސް ވިދާޅުވިއެވެ.

މަޖިލީހުގެ ތެރެއިން "ނިމިދިޔަ ސަރުކާރު" ނޫން ބަހެއް މެންބަރުންގެ ފަރާތުން އިވިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދައިން ވާހަކަދައްކަވާ މެންބަރުން މަޖިލީހުގެ ކޮމިޓީތަކަށާއި އޭސީސީއަށް އެ މައްސަލަތައް ހުށަހަޅައިގެން ކުރީ ސަރުކާރުގައި ކޮރަޕްޝަން ހިންގި ވެރިންނަށް ލިބުނީ ކޮން އަދަބެއްތޯ ޢައްބާސް ސުވާލު އުފެއްދެވިއެވެ. އެހެންކަމުން އެއީ ހަމައެކަނި ދައްކާ ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ހަމައެއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ އެމްޓީސީސީއާއި އާރުޑީސީއާއި ފެނަކަ ފަދަ ކުންފުނިތަކުގެ ވެރިންނަށާއި، މިފަހުން ސަގާފަތާ ބެހޭ ވަޒީރުކަމަށް އައްޔަންކުރި އެންސްޕާގެ ކުރީގެ ސީއީއޯ ހީނާ ވަލީދަށް އާންމުން ބޮޑެތި ތުހުމަތުތަކެއްކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކޮބައިތޯ އޭސީސީ؟ ކޮން ކަމެއްތޯ ބައްލަވަނީ؟ ނުބައްލަވައެއް ނޫންތޯ؟ އޮޑިޓަރު ޖެނެރަލް ކޮބައިތޯ، ކޮން ރިޕޯޓެއްތޯ ނެރުނީ؟" ޢައްބާސް ސުވާލު އުފެއްދެވިއެވެ.

އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ސަރުކާރާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުވައި، ގޯސްކޮށް އަމަލުކުރާ މުއައްސަސާތަކާއި އިދާރާތައް ރަނގަޅުނުކުރާ ކަމުގައިވާނަމަ، ގާނޫނުއަސާސީގައި ހުންނަ ފޮނި މީރުކަމެއް ނުލިބޭނެ ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ނިކަމެތި ހާލަތެއް ވެސް ބަދަލު ނުވާނެ ކަމަށް، ޢައްބާސް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަހަރު ފެށިއިރު، މަޖިލީހުން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވެއެވެ. ބައެއް ކޮމިޓީތަކުން މަސައްކަތްކުރި ނަމަވެސް، މާ ބޮޑު މަސައްކަތެއް ނުކުރެއެވެ.

އެގޮތުން، ކައުންސިލު އިންތިޚާބުގެ ކުރިން މަޖިލީހުން މިއަހަރު ބޭއްވީ އެންމެ ފަސް ޖަލްސާއެވެ. އެއީ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހާއި އެ މަހުގެ 10ވަނަ ދުވަހާއި، 11ވަނަ ދުވަހާއި، 17ވަނަ ދުވަހާއި، މިދިޔަ މާރިޗު މަހުގެ އަށްވަނަ ދުވަހު ބޭއްވި ޖަލްސާތައް އެކަންޏެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާތައް ފަށައި، ގަވައިދުގައިވާ ގޮތަށް މަދުވެގެން ތިން ދުވަހު ޖަލްސާތައް ބޭއްވީ މި ހަފުތާގައެވެ.

ސަރުކާރުގެ މެޖޯރިޓީން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތްނުކުރާ ކަމުގެ ޝަކުވާ ބޮޑެވެ.

comment ކޮމެންޓް