ސަރުކާރާ ދެކޮޅަށް އެމްޑީޕީ އަދި ޕީއެންއެފުން ވެސް ވަކިވަކިންއިހުތިޖާޖު ކުރަން ފަށައިފިއެވެ.
ޕީއެންއެފުން ވަނީ ވޭތުވެދިޔަ ދެ ހަފުތާގައި ވެސް ސިލްސިލާ އިހުތިޖާޖުތަކެއް ކޮށްފައެވެ. ހަމައެއާއެކު އެމްޑީޕީން ވެސް މިރޭ ވަނީ ސިލްސިލާކޮށް އިހުތިޖާޖުތަކެއް ފަށައިފައެވެ.
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، މި ސަރުކާރުން 12 ކަމެއް އިސްލާހުކުރަން ގޮވާލާފައިވެއެވެ. އަދި ސަރުކާރާ ދެކޮޅަށް އިހުތިޖާޖުތަކެއް ފަށަން އުޅޭކަން އިއުލާނުކުރީ ވެސް އެ ބައްދަލުވުމުގައެވެ.
އެއަށްފަހު އެ ޕާޓީން ވަނީ، އިހުތިޖާޖަށް ނުކުމެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އަދި މި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިއްޖެ ކަމަށް ވެސް އެ ޕާޓީން ވަނީ ގޮވާލައިފައެވެ. ވަކިން ޚާއްސަކޮށް ނިމިދިޔަ ކައުންސިލު އިންތިޚާބާއި މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ނެތްކަން ހާމަކޮށްފައިވާ ކަމަށް އެމްޑީޕީން ގޮވައިލިއެވެ.
އެމްޑީޕީގެ އިތުރުން މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ ޕީއެންއެފުން ވެސް ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި ރައީސްގެ އިސްތިއުފާއަށް ވަނީ ގޮވާލައިފައެވެ.
ސަރުކާރާ ދެކޮޅަށް އިދިކޮޅު ދެ ޕާޓީން ނުކުމެފައި މިވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުން މިސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.
އެ ނާކާމިޔާބީއަށްފަހު، ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ.