ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ރިޔާސީ ބަޔާން އިއްވެވި ވަގުތު، އިދިކޮޅު އެމްޑީޕީން އިހުތިޖާޖުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން އިހުތިޖާޖުކުރަން ފެށުމާއެކު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ މިއަދު ވަނީ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލައިފައެވެ.
ރިޔާސީ ބަޔާން އިއްވި ޖަލްސާއަށް ފަހު "ސަން"އާ ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ, ހަގީގަތުގައި މިއަދު މަޖިލީހުގައި އިދިކޮޅުން އިހުތިޖާޖުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އޭގެ ކުރީގެ ދައުރުތަކުގައި އިހުތިޖާޖުކުރީ ސަބަބުތަކެއް ހުރެގެން ކަމަށް ފަލާހު ވިދާޅުވިއެވެ.
"މިސާލަކަށް މިދިޔަ ވެރިކަމުގަ އަޅުގަނޑުމެންގެ މަޖިލީހުގަ ތިއްބެވި އަށެއްކަ މެންބަރުން އިހުތިޖާޖުކުރީ އޭރު އޮތް އިދިކޮޅު ލީޑަރު އޮތީ ޖަލުގަ. އެ ލީޑަރުގެ ފަރާތުން ގޮސް ސަރުކާރުގެ ކަމާބެހޭ ވުޒާރާއެއްގަ އެއްޗެއް ދަންނަވާލާކަށް އެއްވެސް މެންބަރަކަށް ފުރުސަތެއް ނުދޭ،" ފަލާހު ވިދާޅުވިއެވެ.
"އެކަމު މިހާރު ކޮބައިތޯ؟ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްޙޫރިއްޔާ ވަޑައިގެންފަހުން ސިޔާސީ ބޭފުޅަކު ޖަލަކަށް ނުލައްވާ، އެއްވެސް ބޭފުޅަކަށް އަނިޔާވެރިއެއް ނުވޭ. ވައްކަމުގެ އެއްވެސް ކަމެއް ނުހިނގާ. ގައުމަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުހިނގާ. ރިޔާސީ ބަޔާން އިއްވިއޭ ކިޔާފަ އިހުތިޖާޖު ކުރާކަށް ނުޖެހޭނެ،" ފަލާހު އިތުރަށް ވިދާޅުވިއެވެ.
މި ސަރުކާރުން ކަންކަން ކުރަމުން ދަނީ ވަރަށް ރަނގަޅަށްކަން ފަލަހު ވަނީ ފާހަގަކުރައްވާފައެވެ.
މިއަދުގެ ޖަލްސާ ފަށައި، ރިޔާސީ ބަޔާން އިއްވަވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފުރުސަތު ދެއްވުމާ އެކު ތަޅުމުގައި ތިއްބެވި އެމްޑީޕީގެ މަޖިލީސް މެންބަރުން ވަނީ ތަޅުމުގައި އިހުތިޖާޖުކުރަން ފަށާފައެވެ. އެހެންވެ، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އިހުތިޖާޖުކުރި ހުރިހާ މެންބަރުންގެ ނަން އިއްވަވާފައެވެ.
ނަން އިއްވި ނަމަވެސް އެމްޑީޕީ މެންބަރުން ވަނީ ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައެވެ. އެހެންވެ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ގެންދަވަނިކޮށް މެންބަރުން ތަޅުމުން ނުކުންނަންދެން ޖަލްސާ މެދުކަނޑާލައިފައެވެ. އެއަށްފަހު ދެން ފެނިގެން ދިޔައީ މެންބަރުން މަޖިލީހުގެ ސެކިއުރިޓީ ލައްވާ މެންބަރުން ތަޅުމުން ނެރުނު މަންޒަރެވެ.
ނަން އިއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ:
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު
- ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
- މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
- ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް
އެ މެންބަރުން ތަޅުމުން ނެރުނުއިރު، މަޖިލިސް އިދާރާ ކައިރީގައި އެމްޑީޕީގެ އާންމު މެންބަރުންނާއި، ކުރީގެ މަޖިލިސް މެންބަރުން އެއްވެ ތިއްބެވެ. އަދި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވައިލާ އެ ޕާޓީން ވަނީ އިހުތިޖާޖުކޮށްފައެވެ.
ފާހަގަކޮށްލެވޭގޮތުގައި މިއީ އެމްޑީޕީން މަޖިލިސް ދޮށަށް އެއްވި ތިންވަނަ ފަހަރެވެ. މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބިދޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައި ދުވަހާއި ފުލެޓާއި ގޯތި ލިބުން ލަސްވުމާ މައްސަލައިގައި ވެސް އެމްޑީޕީން މަޖިލިސް ދޮށަށް މީގެކުރިން އެއްވިއެވެ.