ގައުމު ހަލަބޮލިކުރަން މަސައްކަތްކުރާ ވަރަކަށް މި ގައުމު ދާނީ އިތުރަށް ނިކަމެތިވަމުން ކަމަށާއި، އޭރުން ދައްކަންޖެހޭ ދަރަނި ދައްކަން ފައިސާ ވެސް ނުލިބި ގައުމު ބަނގުރޫޓުވާނެ ކަމަށް ޖުމްހޫރީ ޕާޓޫގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވަނީ ގައުމުގެ އަދުގެ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން, ގައުމުގެ އިގުތިސާދީ ހާލަތު ގޯސްވަމުންދާ ކަމަށާއި އޭގެ އަސަރު މި އަހަރު ދަރަނި ދެއްކުމަށް ފޯރާނެ ކަމަށް ވިދާޅުވެ, އެ މަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"މިއަދު ކުރުކޮށް ދަންނަވާކަމަށް ވާނަމަ ގައުމުގެ މަސްރަހު ގޯސްކޮށްލަން، ސިޔާސީ މަސްރަހު ހަލަބޮލިކޮށްލަން މަސައްކަތްކުރި ވަރަކަށް ގައުމު ދާނީ ނިކަމެތިވަމުން. 2025 ވަނަ އަހަރު ދައްކަންޖެހޭ ސުކޫކާ ލޯނުތައް ދައްކާކަށް ފައިސާއެއް ނުލިބޭނެ. އަޅުގަނޑު މި ދަންނަވަނީ ކެރިހުރެގެން ނުލިބޭނެ. މި ތަން ހަލަބޮލިވަމުން ދިޔަވަރަކަށް ނުލިބޭނެ،" ގާސިމް ވިދާޅުވިއެވެ.
ވަކިން ޚާއްސަކޮށް، ގައުމު ހަލަބޮލިކުރާނަމަ ރާއްޖެއަށް އިންވެސްޓުކުރާނެ ބަޔަކު ވެސް ދެން ނުވާނެ ކަމަށް ވިދާޅުވެ, ގާސިމް ވަނީ އިންޒާރުގެ މެސެޖެއް ދެއްވައިފައެވެ. އެގޮތުން، ގައުމުގެ މަސްލަހަތާ ގައުމުގެ އަމާންކަން ރިވެތި ގޮތުގައި ގޮސްގެން މެނުވީ އިންވެސްޓްމަންޓްގެ އެއްވެސް ދޮރެއް ނުހުޅެވޭނެ ކަމަށާއި އަދި އެއްވެސް ދަރަންޏެއް ވެސް ނުދެއްކޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"..ދައްކާނެ ފައިސާއެއް ވެސް ނުލިބޭނެ. ގައުމު ދާނީ ހަލާކުވެގެން، ނިކަމެތިވެގެން ގައުމުގެ ރައްޔިތުންނަށް އިހުސާސެއް ވެސް ނުކުރެވޭނެ. މި ތަނަށް އިންވެސްޓްކުރާނެ މީހަކު ވެސް ނާންނާނެ. އެހެންވީމާ އެ މާހައުލަށް އަޅުގަނޑުމެން ދިޔުންތޯ މުހިންމީ؟" އޭނާ ވިދާޅުވިއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173883564428KsPA.jpg)
ގާސިމް އިބްރާހީމް ދެއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ/ ނާއިޝް ނާހިދު
ދުނިޔޭގެ އެހެން ގައުމުތަކުގައި ދިވެހިރާއްޖެ 'ބްލެކްލިސްޓް' ކުރުމުން ދެން ކިހިނެއްތޯ ވާނީ ގާސިމް ވަނީ ސުވާލުއުފައްދަވައިފައެވެ. އަދި، އެ މަނިކުފާނު އެފަދައިން ވިދާޅުވަނީ އިގުތިސާދީ، އިޖުތިމާއީ، ސިޔާސީ އަދި ގާނޫނީ ދާއިރާގައި ވެސް އުޅުއްވާފައި ހުރި ބޭފުޅަކަށްވުމުން އެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެ ވާހަކަތައް އެފަދައިން ދައްކަވަނީ ވަކި ބޭފުޅަކަށް ތާއީދުކޮށް ނުވަތަ ވަކި ބޭފުޅަކަށް އެއްޗެހި ގޮވާކަށް ނޫން ކަމަށެވެ. ނަމަވެސް، ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް އައުމަށް ފަހު ހުވާތަކާއި ވައުދުތަކަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މި ވެރިކަމާ ދޭތެރޭ އެއްޗެއް ބުނަން އަދި އަވަސް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އެ ފާހަގަކުރެއްވީ ދަރަނި ނުދެއްކި، 2026 ވަނަ އަހަރު ދައްކަންޖެހޭ ސުކޫކަށް ފައިސާ ނުދެއްކިދާނެކަމުގެ ބިރު ބޮޑުވެފައި އޮތް ވާހަކައެވެ. ރާއްޖޭގެ މާލީ ހާލަތު ގޯހުން ގޯހަށް ދިޔުމުން، ސަރުކާރުން އަންނަނީ އާމްދަނީ އިތުރުކުރަން ފިޔަވަޅުތަކެއް އަޅަމުންނެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މި އަހަރު ދަށްކޮށްފައިވެއެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އެ ރޭޓިން ދަމަހައްޓައިފައެވެ. ދަރަނި ނުދެއްކިދާނެކަމުގެ ބިރު ހީވެ، ބޭރުގެ މާލީ އިދާރާތަކުން ވަނީ އަވަސް އިސްލާހީ ފިޔަވަޅުތަކެއް އަޅަން ގޮވާލައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ވިދާޅުވި ގޮތުގައި ރާއްޖެއިން އިންޑިއާއަށް 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި ޗައިނާއިން ވެސް މުއްދަތު އިތުރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ދީފައެވެ. އަދި ދައުލަތަށް ނުލިބި އޮތް 15.4 ބިލިއަން ރުފިޔާ އޮތް ކަމަށާއި އެ ފައިސާއިން ދަރަނީގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.