އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަސް، ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ރޭ ފާހަގަކޮށްފިއެވެ.
މި ހަރަކާތް އިންތިޒާމްކޮށްގެން ބާއްވާފައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުންނެވެ.
މި ހަރަކާތުގައި އިންޑިއާގެ ސަގާފަތް ދައްކުވައިދޭ ނެށުމާއި އެ ނޫންވެސް އެ ގައުމުގެ ސަގާފީ ހަރަކާތްތައް ވަނީ ބާއްވައިފައެވެ.
މި ހަރަކާތުގައި ސަރުކާރުގެ ކެބިނެޓުގެ ގިނަ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެތެރޭގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، ފެމެލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ހިމެނެއެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނުގެ އިތުރުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހަމައެއާއެކު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ އިންޑިއާގެ ހައި ކޮމިޝަނަރު ބަލަސުބްރަމާނިއަންއެވެ.
ރާއްޖެއާއި އިންޑިއާގެ ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައި ވާހަކަދައްކަވަމުން ހައި ކޮމިޝަނަރު ވިދާޅުވީ އިންޑިއާގެ ފޮރިން ޕޮލިސީގެ ދަށުން ރާއްޖެއަކީ ޚާއްސަ އިސްކަމެއް ދޭ ގައުމެއް ކަމަށެވެ.
"އިންޑިއާއިން އެންމެ އިސްކަމެއް ދެނީ އަވައްޓެރި ގައުމުތަކަށް. އަވައްޓެރި ގައުމުތަކުގެ ތެރެއިން ވެސް ދިވެހިރާއްޖެއަކީ އިސްކަމެއް ދެވޭ ގައުމެއް،" ހައި ކޮމިޝަނަރު ވިދާޅުވިއެވެ.
ހައި ކޮމިޝަނަރު ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރުވެގެން ދިޔައިރު، ދެ ގައުމު ކުރިއެރުވުމަށް ވެސް ގުޅިގެން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު ހަވަނަ ދުވަހު، އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ފާހަގަކުރައްވައި އެއީ ދެ ގައުމުގެ ގުޅުމަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
ޚާއްސަގޮތެއްގައި ރާއްޖޭގެ ތަރައްގީއަށް އެކި ރޮނގުރޮނގުން ކުރިއެރުވުމަށް މުހިންމު މަޝްވަރާތަކެއް ކުރެވުނުކަން ފާހަގަކުރެއްވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާއެކު ވަރަށް ގާތުން މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ. އަދި މިހާރު ވެސް ދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ގާތް ކަމަށް ރައީސް މުއިއްޒަށާއި ދިވެހި ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހާއި ގުޅިގެން މީގެ ކުރިން ރައީސް މުއިއްޒު ވެސް ވަނީ އިންޑިއާގެ ރައީސް ދުރުޕަތީ މުރުމޫއާއި އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ފޮނުއްވައިފައެވެ.
އަދި ރާއްޖޭން އިންޑިއާއާ އޮންނަ ގުޅުން އަބަދުވެސް ބަލައިގަންނަ ކަމަށާއި އެ ގުޅުމުގެ އަގު ރާއްޖޭން ވަޒަން ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާއަކީ ރާއްޖެއާ އެންމެ އަވައްޓެރި އެއް ގައުމަށް ވެފައި، ރާއްޖެއަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމެވެ. ބޭސްފަރުވާއަށާއި އަދި އެ ނޫން ވެސް ކަންތައްތަކަށް ރާއްޖެއިން އެންމެ ބޮޑަށް ބަރޯސާވާ އެއް ގައުމަކީ ވެސް އިންޑިއާއެވެ.