އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރެއްގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިންޑިއާގެ ނިއުސް ނައިންއިން އިންތިޒާމުކޮށްގެން ބާއްވާ ގްލޯބަލް ސަމިޓް 2025ގައި ބައިވެރިވުމަށް ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.
އެ ސަމިޓްގެ ދެ ހަރަކާތެއްގައި ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޝާހިދުގެ ވާހަކަފުޅުގައި ދުނިޔޭގެ މަސްރަހުގައި ހިނގަމުން އަންނަ އެކިއެކި ކަންކަމަށް ކުރިމަތިލުމުގައި ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، ދުނިޔޭގެ މަސްރަހުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ދައުރަށް ވަނީ އަލިއަޅުއްވާލައްވައިފައެވެ.

ޝާހިދު އިންޑިއާގެ ގްލޯބަލް ސަމިޓުގައި ބައިވެރިވެ، މޯދީއާ ބައްދަލުކުރެއްވުން --- ފޮޓޯ/ އަބްދުﷲ ޝާހިދު
މީގެ އިތުރުން އިންޑިއާއިން މިހާރު ދުނިޔޭގައި އަދާކުރަމުންދާ ދައުރާއި، އެދައުރުގެ މުހިއްމުކަމާ މެދު ޝާހިދު ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ދުނިޔޭގެ ދެކުނު ބިތުގެ، ނުވަތަ ގްލޯބަލް ސައުތުގެ ބައިވެރިވުން އެފަދަ ޕްލެޓްފޯމްތަކުގައި އޮންނަ ގޮތާ ބެހޭ ގޮތުންނާއި، ކުރިއަރަމުން އަންނަ ގައުމުތަކަށާއި، ގްލޯބަލް ސައުތަށް ލިބެން ޖެހޭ އިތުރު ބައިވެރިވުމުގެ މައްޗަށް ޝާހިދު އަލިއަޅުއްވާލެއްވިއެވެ.
ނިއުސް ނައިން ގްލޯބަލް ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ ސަރުކާރާއި، އެކިއެކި ސިނާއަތްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ހަރަކާތުގެ ތެރެއިން، ޝާހިދު މޯދީއާ ބައްދަލުކުރެއްވިއެވެ.