ނަޕިޑަވް (29 މާޗް 2025): ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް އިއްޔެ އައި ބާރުގަދަ ބިން ހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ މިޔަންމާ (ބަރުމާ)އަށް ކަމަށާއި ނަމަވެސް އިތުުރު ހަތަރު ގައުމަކަށް ބިންހެލުމުގެ އަސަރު ކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ބިންހެލުންތައް ދިރާސާކުރާ އެމެރިކާގެ ޖިއޮލޮޖިކަލްސާވޭ މަރުކަޒު ބުނާގޮތުން ރެކްޓާ މިންގަނޑުން 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ މަރުކަޒު ހުރީ މިޔަންމާގެ ހުޅަނގު އުތުރުގެ ސިޓީއެއްކަމަށްވާ ސާގެއިން އާ 16 ކިލޯމީޓަރުގެ ދުރުގައި ބިމު އަޑިން ގާތްގަނޑަކަށް 20.85 ކިލޯމީޓަރު ފުނުގައެވެ. މިއީ މިޔަންމާގެ ސީދާ މެދުތެރޭގެ ސަރަހައްދެކެވެ.
ބިން ހެލުމަށް ފަހު އެ ސަރަހައްދަށް އިތުރު ބިންހެލުމެއް ވެސް ވަނީ އައިސްފައެވެ. އެއީ، 4.2 މެގްނިޓިއުޑް ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ.
ކޮންމެ ބިންހެލުމެއްގައި ވެސް ބިންހެލުމުގެ މަރުކަޒަކީ ބިންހެލުން އެންމެ ފުރަތަމަ ފެށޭ ސަރަހައްދެވެ. މި ސަރަހައްދަށް ކިޔަނީ ހައިޕާކޯނާއެވެ. ބިންހެލުން ފެށޭ ސަރަހައްދުގެ މަތީގައިވާ ބިމުގެ ފަށަލައަށް ކިޔަނީ އެޕިސެންޓަރެވެ.
ރިޕޯޓްތައް ބުނާގޮތުން މި ބިންހެލުމުގެ އެންމެ ބޮޑު ގެއްލުން ލިބިފައިވަނީ މިޔަންމާއަށާއި ތައިލެންޑަށެވެ. ނަމަވެސް، ބަންގްލަދޭޝް، އިންޑިއާ، ލާއޮސް، އަދި ޗައިނާގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކަށް މި ބިންހެލުމުގެ އަސަރު ކޮށްފައިވެއެވެ.
ބިންހެލުމުގެ ބާރުމިނާ އަދި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކެއް ކަމަށްވާތީ އެމެރިކާގެ ޖިއޮލޮޖިކަލްސާވޭ މަރުކަޒުންވަނީ މި ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރުވުން އެކަށީގެންވާކަމަށް އަންދާޒާ ކޮށްފައެވެ.

ބިން ހެލުމުގައި ތައިލެންޑަށް ލިބިފައިވާ ގެއްލުންތައް
މަރުވިކަން މިހާތަނަށް ކަށަވަރުވެފައިވަނީ މިޔަންމާއިން 144 މީހުންނާއި ތައިލެންޑުން 10 މީހުންނެވެ. ނަމަވެސް، ވެއްޓިފައިވާ އިމާރަތްތަކުގެ ދަށުގައި ތާށިވެފައި މަދުވެގެން 90 ވަރަކަށް މީހުން ތިބިކަން ކަށަވަރު ކުރެވިފައިވާތީ މަރުވާނެކަމަށް ބެލެވޭ މީހުންގެ އަދަދު ތައިލެންޑްގައި މައްޗަށް ދާނެކަމަށް އެ ގައުމުން ބުނެއެވެ.
މިޔަންމާއިން 144 މީހުން މަރުވުމުގެ އިތުރުން މިހާތަނަށް 732 މީހުން ޒަޚަމުވިކަމާއި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތިބިކަން އެ ގައުމުގެ އަސްކަރީ ވެރިޔާ ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އެހެންކަމުން މިޔަންމާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށްވަނީ ލަފާކުރެވިފައެވެ.
މި ބިންހެލުމުގެ މާއްދީ ގެއްލުން އެންމެ ބޮޑަށް ލިބިފައިވަނީ މިޔަންމާއަށެވެ. މިޔަންމާގެ ސަރުކާރު ބުނާގޮތުން ބިންހެލުމުގެ ސަބަބުން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި އެތަށް އިމާރާތެއްވަނީ ވެއްޓި ފުނޑުފުނޑުވެފައެވެ. ބައެއް ބްރިޖްތައް ވެއްޓި މަގުތަކުގެ ބިންގަނޑުވަނީ ކަނޑައިގެން ގޮސްފައެވެ. ހައިވޭތަކުގެ ބިންގަނޑުވެސްވަނީ ފަޅަފަޅައިގެން ގޮސް ތާރުތައް ނެއްޓިފައެވެ.
ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ވެސް ބައެއް އިމާރާތްތައް ވެއްޓުނެވެ. މީގެ ތެރޭގައި އިމާރާތް ކުރުމުގެ މަރުހަލާގައިވާ 30 ބުރީގެ އުސް އިމާރާތެއް ވެސް ހިމެނެއެވެ.
ބިންހެލުމުގެ ސަބަބުން މިޔަންމާއާއި ތައިލެންޑްގެ އެތަށް ސަރަހައްދަކުންވަނީ ކަރަންޓާއި ފެން ވެސް ކަނޑައިގެން ގޮސްފައެވެ. އާންމުންވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
މިޔަންމާއާއި ތައިލެންޑަކީ އާންމު ގޮތެއްގައި ބިންހެލުން އަންނަ ގައުމުތަކެއް ނޫނެވެ. ފާއިތުވި 90 ވަރަކަށް އަހަރު ތެރޭގައި މިޔަންމާއަށް ބާރުގަދަ ހަ ބިންހެލުމެއް އައިސްފައިވީ ނަމަވެސް ތައިލެންޑަކީ ފަހުގެ ތާރީޚެއްގައި ބިންހެލުން އައިސްފައިވާ ގައުމެއް ނޫނެވެ.
އެހެން ގައުުމުތަކަށް އަންނަ ބިންހެލުންތަކާ އެކު ތައިލެންޑްގެ ބައެއް ސަރަހައްދުތަކުގެ ބިންގަނޑަށް ލޮޅުންތައް އެރިނަމަވެސް ފާއިތުވި 70 ވަރަކަށް އަހަރު ތެރޭގައި ވެސް ތައިލެންޑަށް ބާރުގަދަ ބިން ހެލުމެއް އައިސްފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.