ރާއްޖެއާއި އިންޑިއާއަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ދެ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް އިތުރަށް ގުޅުން ބަދަހިކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސް ދުރުޕަތީ މުރުމޫއާއި އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ފޮނުއްވައި، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭން އިންޑިއާއާ އޮންނަ ގުޅުން އަބަދުވެސް ބަލައިގަންނަ ކަމަށާއި އެ ގުޅުމުގެ އަގު ރާއްޖޭން ވަޒަން ކުރާ ކަމަށެވެ.
މި ގުޅުމަކީ އިހުތިރާމާ ތިރުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ދެ ގައުމަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ދެ ގައުމަށް މަންފާވާ ގޮތަށް މިހާރަށް ވުރެ ގުޅުން ބަދަހިކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއާއި އިންޑިއާގެ ގުޅުން ގޯސްވީ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލްމީޑިއާގައި ކުޑައިމީސްކުރި މައްސަލައިގައެވެ. އަދި ރާއްޖެ ކުޑަ ނަމަވެސް "ބްލީ" ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވާހަކަ ދެއްކެވުމުން ވެސް ގުޅުމަށް އަސަރު ކުރިއެވެ.
މިކަމުގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު ވެސް ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ.
ނަމަވެސް ދިވެހި ސަރުކާރުން ފަހުން ވަނީ އިންޑިއާއާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހި ކޮށްފައެވެ.