މިއަދު އޮށްކެޔޮ ހޮވުން މަނާ! މިއަދު ހޮވޭނީ ފަން!

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

މީހަކު އަޅެ އަޖައިބެއް ނުވާނެ ހެއްޔެވެ؟ އާންމުން ވަދެ އުޅޭ ވަލުތެރޭގައި ހެދިފައި ހުންނަ ގަސްގަހުން ވެރިފައި ހުންނައޮށްކެޔޮ ހޮވަން ވަކި ދުވަހެއް ކަނޑައެޅިދާނެ ހެއްޔެވެ؟ އަދި އޮށްކެޔޮ ނުހޮވޭނެ ދުވަހެއް ކަނޑައެޅިދާނެ ހެއްޔެވެ؟ އޭގެ އިތުރަށް ރުއްރުކުން ވެރިފައި ހުންނަ ފަނާއި ކާށި ހޮވަންޖެހޭނީ ވެސް ވަކި ދުވަހެއްގައި ކަމަށް ކަނޑައެޅިދާނެ ހެއްޔެވެ؟މިއީ ބޮޑެތިވަމުން އަންނަ ޒުވާން ޖީލަށް ޖަވާބު އެނގެން ޖެހޭ ސުވާލުތަކެއް ކަމުގައި ދެކެމެވެ.

................................................

ޑިސެންބަރު މަހު ލިބުނު އިސްކޫލު ބަންދު ޗުއްޓީގައި އަޅުގަނޑު ވެސް އަޅުގަނޑުގެ އުފަން ރަށަށް ޖައްސައިލީމެވެ. އަމިއްލަ އުފަން ރަށަށް ދިޔައިމައި ހިތަށް ފިނިކަމާއި އުފާވެރިކަން ލިބޭތީއެވެ. ދިހަވަރަކަށް ދުވަހު ރަށުގައި މަޑުކޮށްލުމުގެ ބޭނުމުގައެވެ. މަންމައަކީ ނ. ތޮޅެންދޫއަށް އުފަން މީހަކަށް ވެފައި ތޮޅެންދޫއިން މީހުން ބޭލިއިރު ތޮޅެންދޫގެ އާބާދީ އެއްކޮށް ކަހަލަ ގޮތަކަށް ދިވެހި ސަރުކާރުން ބަދަލުކޮށްދެއްވީ ނ. ކެނދިކުޅުދޫއަށް ކަމަށް ވީތީ، އަޅުގަނޑުގެ މަންމަ ފަރާތު ބޮޑު އާއިލާއެއް ކެނދިކުޅުދޫގައި ދިރިއުޅެއެވެ. އެހެންވީމާ، މި ފަދަ ޗުއްޓީތަކުގައި ރަށަށް ދާ ގިނަ ފަހަރު ކެނދިކުޅުދޫއަށް ޒިޔާރަތްކޮށްލަމެވެ. އާއިލާ ދެކިލާށެވެ. ގާތް ރަހުމަތްތެރީންނާ ބައްދަލުކޮށްލާށެވެ. އާއިލީ ގުޅުމުގެ އިތުރުން ވެސް އެ ރަށުގެ މީހުންނާމެދު ޚާއްސަ އެތައް ގުޅުންތަކެއް އަޅުގަނޑުގެ މާޒީއާ ގުޅިފައި ވާތީއެވެ. މިފަހަރު ކޮލަމުގައި އެއްޗެއް ލިޔެލާހިތްވީ ކެނދިކުޅުދޫން ފެނުނު މަންޒަރަކާ ގުޅިގެންނެވެ. ހިތަށް ވެރިވި އަސަރެއްގެ ބޮޑުކަމުންނެވެ.

ރޭގަނޑު ނިދީ ކުޅުދޫ އަވަށުގައި އަޅުގަނޑުގެ މަންމަގެ ކޮއްކޮ ވަހީދުބެގެ ގޭގައެވެ. އަތޮޅަށާއި އެހެންމީހުން ދަންނަ ނަމުން ނަމަ "ތޮޅެންދޫ ވަހީދު" ނުވަތަ "ވަހީދުބެ" ގޭގައެވެ. ހެނދުނު 9ގެ ފަހުން ދިޔައީ ކެނދިކޮޅު އަވަށަށެވެ. އެއީ މަންމަ ފަރާތު ތިމާގެ މީހަކު ހެނދުނު ނާސްތާ ތައްޔާރުކޮށްފައި އޮތީ، ކެނދިކޮޅު އަވަށުގެ ކުޅީގައި އަޅައިފައި ހުންނަ ބުރިޖު ނުވަތަ ދާލަމާ ދިމާ އަތިރިމަތީގައި ކަމަށް ވީތީއެވެ. ކެނދިކޮޅުގެ މައި ވަލަށް ވަދެގެން ގޮސް ދާލަން ހުރަސްކޮށް ދިޔައީ ފުއްޓަރު ފަރާތު އަތިރިއަށެވެ. ނާސްތާއަށް އިންސާފުކުރީ އެ ތަނުގައެވެ.

މި ދެންނެވި ތަނަށް ދާން ސައިކަލުގައި ދިޔައިރު ވަލުތެރެއިން ޚާއްސަކަމެއް ލޮލުގައި އަޅައިގަތެވެ. ތަންކޮޅެއް ހަލުވި ހިނގުމުގައި ހޭލަމޭލައަށް އުޅޭ އަންހެނުންތަކެކެވެ. ކޮންމެ މީހެއްގެ އަތުގައި ބާލިދީއެއް ނުވަތަ ޓައްޕެއް ފަދަ އެއްޗެއް އޮވެއެވެ. ނުވަތަ މުޅޯށްޓެއް ފަދަ އެއްޗެއް ކިހިލީގައި އޮވެއެވެ. އެއަށް އަޅައިފައި ހުންނަނީ އޮށްކޭލެވެ. އޮށްކޭލަކީ ކޮބައިކަން ނޭނގިގެން ހަމަގައިމު ވެސް ކެނދިކުޅުދޫ މީހުންނެއް ނޫޅޭނެއެވެ. އެއަށްވުރެ އެ މީހުންނަށް އެއީ ތިޔާގި އެއްޗެކެވެ. ގާތް މިތުރެކެވެ. އެމީހުންގެ ގޭގެ ބައެއް ޚަރަދުތައް ބަލަހައްޓައިދިނުމަށް އަތްމައްޗަށް ތަނަވަސްކަން ގެނެސްދޭ އިގުތިސާދީ ހިއްސާގެ ބައިވެރިއެކެވެ.

ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމަށް ކެނދިކުޅުދޫގެ ފުއްޓަރަށް ދިޔައީ މި ކުޅި ހުރަސް ކޮށްފައި.

ކޮންމެއަކަސް މިދިލި ގަސްތަކުގައި މިދިލި އަޅައި ބަރާވެ އެ ދޮންވީމާ އެ ގަސްތަކުގެ ބާރުވެރިކަން އަތުލައިގަނެ އެ ގަސްތަކުގައި ރަސްކަންކުރަނީ ވާލައެވެ. ދޮން މިދިލިތަކަކީ އެ ތަކެތީގެ އެ ދުވަސްވަރުގެ މައި ކާނާއެވެ. ދުވާލެއް ރޭގަނޑެއް ނޯވެއެވެ. ކީންކީން އަޑާއެކު މިދިލި ގަސްތަކަށް ދިރުން ގެނެސްދެނީ މި ދެންނެވި ވާލައެވެ. އެއިން ކޮންމެ ވާލައެއްގެ ވަކި ގަނޑުގެ އެހީއާއެކު ކަނަކޯޅިން އުފުރައިލެވޭ ކޮންމެ ކަނައެއްގެ ފޮނިކޮޅު ބޯލުމަށް ފަހު އެ ދޫކޮށްލުމާއެކު ބިންމައްޗަށް ވެއްޓެއެވެ. މި ގޮތަށް ބިންމައްޗަށް ވެއްޓޭ ކޮންމެ ކަނައަކީ ބިޔަ ރަށްރަށުގެ ބިޔަ ވަލުތެރެއިން އެ ރަށްރަށަށް ތަނަވަސްކަން ގެނުވައިދޭ ވަސީލަތެކެވެ.

އަސްތާ ހަނދާން ނެތުނީއެވެ. ލިޔުމުގެ ސުރުޚީގައި އޮތް ވާހަކައާ މާ ދުރަށް ދެވުނީ ދެއްތޯއެވެ؟ ނޫނެކެވެ. ދައްކާން މި އުޅޭ ވާހަކައަށް ތަން ހޯދައިލުމުގެ ގޮތުން ކުޑަކުޑަ ސިފަކުރުމެއް ގެނެސްދެވޭތޯ މަސައްކަތްކޮށްލީއެވެ. މާފުކުރައްވާށެވެ.

ކެނދިކޮޅުގެ ފުއްޓަރު ފަރާތު އަތިރިމަތީގައި ހެނދުނު ނާސްތާއަށް އިންސާފުކުރަމުން ދިޔައިރު، އަޅުގަނޑުގެ އާއިލާގެ އެކުވެރިޔާއާ ސުވާލުކޮށްލައިފީމެވެ. މިއަދު ވަލުގައި ހޭލަމޭލައަށް މި އުޅޭ އަންހެންވެރީންނަކީ ކޮން ބައެއް ހެއްޔެވެ؟ ޖަވާބު އައީ ކުރީން ވެސް އަޅުގަނޑަށް އެނގިފައިވާ ޖަވާބުތަކެކެވެ. ދެމުން ދިޔަ ޖަވާބުތަކުން އިތުރު ސުވާލު އުފަންކުރުވަމުން މައުލޫމާތު މުއްސަނދި ކުރަމުން ދިޔައިމެވެ.

ޒަމާނުންސުރެ ކެނދިކުޅުދޫ އަކީ، މައި ވަލަށް ވަނުމަށް ވަކި ހަމަތަކަކާއި އުސޫލުތަކެއް ގެންގުޅޭ ރަށެކެވެ. ކަރަންޓާއި ޒަމާނީ ވަސީލަތްތަކަށް ދިވެހިން ލޯ ހުޅުވިފައި ނުވާއިރު ވެސް އެ ވެރިންގެ މެދުގައި އޮންނަނީ ވަލަށް ވަނުމަށް ހަމަތަކެއް ކަނޑއަޅައިފައެވެ. އެ ކަންކަން ބަލަހައްޓަވަނީ އެއިރެއްގައި އެ ރަށުގެ އޮފީސް ބެލެހެއްޓުމާ ހަވާލުވެވަޑައިގަން ހުންނަވާ ބޭފުޅެކެވެ. ވެރީންގެ ގޮތުގައި ކަތީބުން ތިއްބެވި އިރު ބޮޑު ކަތީބާއި ކުޑަ ކަތީބެވެ. ނުވަތަ ކަތީބުން ހަމަޖައްސަވާ ބޭފުޅެކެވެ. ސަންގު ފުމުނު ޒަމާނެއް ވެސް މާޒީ ދެކެފައިވެއެވެ. ހެނދުނު ވަލަށް ވަނުމަށް ހަމަޖެހިފައިވާ ގަޑި ޖެހުމާއެކު ސަންގު ފުމޭނެއެވެ. ދެން އެވީ ވަލަށް ވަންނާށެވެ. ވަލުގައި އުޅުމަށް ހަމަޖެހިފައިވާ ގަޑި ޖެހުމާއެކު އެނބުރި ވަލުން ނުކުންނާނެއެވެ. ސަންގު އަޑު ނީވޭނަމަ އެކަކު ވެސް ވަލަކަށް ނުވަންނާނެއެވެ. ގަޑި ޖެހުމަށް ފަހުގައި ވަލުގައި މީހަކު ނޫޅޭނެއެވެ. ހުރި ތަނަކުން އެ މީހަކަށް ނުކުމެވެން އޮތް ގޮތަކަށް ވަލުން ނުކުންނާނެއެވެ.

ވަލަށް ވަނުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތެރެއިން ހޯމަ ދުވަހާއި ބުރާސްފަތި ދުވަހަކީ އޮށްކެޔޮ ހޮވުމަށް ޚާއްސަކުރެވިފައިވާ ދެ ދުވަހެވެ. ހަފުތާގެ އެހެން އެއްވެސް ދުވަހެއްގައި އޮށްކޭލެއް ނުހޮވާނެއެވެ. އަޅުގަނޑަށް އެ ރަށަށް ދެވުނީ ހޯމަ ދުވަހެއްގައެވެ. އެހެންވީމާ، ހޭލަމޭލައަށް ކޮޅުކޮޅަށް ހަލުވިކަމާއެކު ހަރަކާތްތެރިވަމުން އެ ދިޔައީ އޮށްކެޔޮ ހޮވާ އަންހެން ވެރީންނެވެ. މަދުން ނަމަވެސް ފިރިހެން ވެރީން ވެސް ވަލަށް ވަދެ އުޅެއެވެ. އެހެނަސް ވަލަށް ވަދެ ތަކެތި ހޮވުމަކީ މި ރަށުގައި ބޮޑަށް އަންހެންވެރީންނަށް ޚާއްސަކަމެކެވެ. ހޮވާ އޮށްކެޔޮ ގެނެސް އަވީލައިގެން އެއިން ތެތްކަން ކަނޑުވައި މަދު ފަޅައި އެ މަދުން އަމިއްލަ ދިރިއުޅުމަށް ނަފާކުރަނިވި ނަތީޖާއަކާ ހަމައަށް ގެންދިއުމުގައި އަންހެންވެރީންގެ ހިއްސާބޮޑެވެ.

ހަފުތާގެ ދުވަސްތަކުގެ ތެރެއިން ހޮނިހިރު ދުވަހާއި އަންގާރަ ދުވަހަކީ، ކާށި ހޮވަން ޚާއްސަކުރެވިފައިވާ 2 ދުވަހެވެ. މި ދެ ދުވަހު ވަލަށް ވަންނަ މީހުން ހޮވާނީ ހަމައެކަނި ކާށްޓެވެ. އެހެން އެއްޗެއް ނުހޮވާނެއެވެ. އަދި އާދީއްތަ ދުވަހާއި ބުދަ ދުވަހު ހޮވާނީ ފަނެވެ. ކަނަމަދެކޭ އެއްފަދައިން، ފަނާއި ކާށްޓަކީ ވެސް އަމިއްލަ ބޭނުމަށާއި ވިޔަފާރީގެ ގޮތުގައި ވިއްކައިލެވޭ އެއްޗެކެވެ. އަދި ވަލެއް ނޯންނަ ކުދިކުދި ރަށްރަށުގައި އުޅޭ އާއިލާ މީހުންނަށާއި ރަހުމަތްތެރީންނަށް ހަދިޔާގެ ގޮތުގައި ފޮނުވައިލެވޭ ވެސް އެއްޗެކެވެ. އެހެންކަމުން އެ ބާވަތްތަކަކީ ބޭނުންތެރިކަން ބޮޑު ބާވަތްތަކެކެވެ.

ހަފުތާގެ ހަތް ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް އާންމު ތަކެތި ވަލުން ހޮވުމުގެ ހުއްދަ އޮންނާނެއެވެ. އާންމު ތަކެއްޗަކީ ކޮބައިތޯ އަޅުގަނޑު ވެސް ސުވާލުކޮށްލީމެވެ. އެއީ އޮށްކޭލާއި ފަނާއި ކާށި ފިޔަވާ ދެން ވަލުން ލިބޭން ހުންނަ ތަކެއްޗެވެ. ބަނބުކެޔޮ މޫސުމެއްގައި ބަނބުކޭލެވެ. ކަށިކޭލާއި ކަނޑުލާއި ކުއްޅަވައް ފަދަ ތަކެއްޗެވެ. ވަލަށް ވަނުމަށް ހުއްދަ އޮންނަ ދުވަސްތައް ބަހައިލެވިފައި ވަނީ އިސްވެ ދެންނެވި ގޮތަށެވެ.

ހަފުތާގެ ހަތް ދުވަސް ތެރެއިން އެއް ދުވަސް ބާކީ ވޭ ދެއްތޯއެވެ؟ އެއީ ހުކުރު ދުވަހެވެ. އެ ދުވަހު ވަލަށް ވަނުން މަނާވާނެއެވެ. އަދި މި ނޫނަސް ވަލަށް ވަނުން މަނާ ދުވަސްތަކެއް އޮވެއެވެ. އެއީ، ދެ އީދު ދެ ދުވަހާއި އައްޔާމުއްތަޝްރީޤް 3 ދުވަހާއި ރަބީޢުލްއައްވަލު މަހުގެ 12، 13 އާއި 14ވަނަ ދުވަހެވެ. ތަން ކޮޅެއް ކުރީގައި ކަނދި ދުވަހު ވެސް ވަލަށް ވަނުން މަނާ ކަމަށް ވެއެވެ.

ކޮންމެ އަކަސް މި ދެންނެވި ތާވަލާ އެއްގޮތަށް އަމަލުކުރާ އެހެން ރަށްރަށް ވެސް ރާއްޖޭގައި ހުންނާނެކަން ކަށަވަރެވެ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަތަކާއި އުސޫލުތައް އެންމެ ކުރީ ޒަމާނުގައި ދަމަހައްޓަމުން އައީ ބޮޑެތި ފޮތްތަކުގައި ލިޔެގެންނެއް ނޫނެވެ. ކަތީބު ވިދާޅުވީމާ ނުވަތަ ވެރިއަކަށް ހުންނަވާ ބޭފުޅާ ވިދާޅުވީމާ އެ ގޮތަށް ރައްޔިތުން އަމަލުކުރަނީއެވެ. ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި އެ ދުވަހަކު ހޮވަން ކަނޑައަޅައިފައި އޮންނަ ތަކެތި ހޮވުމާއި ހޮވުން މަނާތަކެތި ނުހޮވައި ކިޔަމަންތެރިކަމާއެކު ދިވެހީން ބޯލަބަމުން ދިޔައެވެ. ކޮންމެ ރައްޔިތެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން އެކަންކަން ތަންފީޒުނުވެގެން ދިވެހީން ނޫޅެއެވެ. ދިވެހީންނަކީ ވެރީންނަށް ކިޔަމަންތެރި ބައެކެވެ. ވެރީންގެއެންގެވުންތަކަށް ބޯލަބާ ބައެކެވެ. ޚުލްޤު ހެޔޮ މުރާލި ބައެކެވެ. އަމާނާތްތެރިކަމާއި ތެދުވެރި ބައެކެވެ. މިކަންކަން މިހާރު ވެސް މި ފަދަ ރަށްރަށުން މި ދަނީ ފެންނަމުންނެވެ. އެހެންވީމާ، އޮށްކެޔޮ ހޮވަން ވަކި ދުވަހަކާއި ފަނާއި ކާށި ހޮވަން ވަކި ދުވަހެއް ހަމަޖައްސައިގެން އެކަންކަން ބަރާބަރަށް ކުރަމުން އަންނަ "ދިވެހީންގެ ރަށްތަކު"ގެ ތެރެއިން ކެނދިކުޅުދޫއަކީ އޭގެ މިސާލެކެވެ. އަޖައިބު ނުވާށެވެ.

comment ކޮމެންޓް