ތިޔައީ އަދިވެސް ރޯނުފިލާ އޮތް ތަނެއް ދޯ؟

އަހަރުގެ މެދު ތެރެއިން ލިބުނު އިސްކޫލު ބަންދާ ދިމާކޮށް އަޅުގަނޑު ވެސް އަމިއްލަ އުފަން ރަށަށް ޖައްސައިލީމެވެ. އާއިލާއާއެކު އުފާވެރިކަމުގެ ދުވަސްތަކެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ. މާލޭގެ ގޮންގުރީޓު އިމާރާތްތަކުގެ ތެރެއިން ނުކުމެ މިނިވަން ޖައްވެއްގައި އާއިލާއާއެކު ކުޑަ ދުވަސްކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ. އުފަން ރަށަކީ ގަސްބޯ މީސްކޮޅު މަދު ރަށެއްކަމަށް ވާތީ، ހިތަށް ފިނިކަން ލިބޭ މިންވަރު ވަރަށް ބޮޑެވެ. ތޮއްޖެހިފައިވާ މާލެއިން ނުކުމެ، އެއް އުމުރުގެ ރައްޓެހިންނާއެކު ކަނޑު ބޭރުވެލައި ފަރުމަސްވެރިކަމަށް ނުކުމެލައި އުޅުމަކީ މި އުމުރުގެ މީހަކަށް ލިބޭނެ ހާދަހާ ބޮޑު ނަސީބެކެވެ.

ހިތަށް ފިނިކަމާއި އުފާވެރިކަން ގެނެސްދިން 10 ވަރަކަށް ދުވަހަށް ފަހު، އަނެއްކާ ވެސް އެނބުރި މާލެ އައުމަށް ޓަކައި ދަތުރު ހަދައިފީމެވެ. ހަނދާންތަކެއް ރަށަށް ދޫކުރުމަށް ފަހުއެވެ. މާލެ އައުމަށް ހަމަޖެހިފައި އޮތީ ރަށާ ވަރަށް ކައިރީގައި އޮންނަ ވައިގެބަނދަރަކުންނެވެ. ކަންދިމާކުރި ގޮތުން ހެނދުނު ހަތް ގަޑި ބައިގައި ރަށުން ފުރަން ހަމަޖެހިފައި އޮތީމާ، ރަށުން ފުރީ ހެނދުނު ސައި ވެސް ނުބޮއެވެ. ހިތަށް އެރީ ވައިގެބަނދަރަށް ގޮއްސައި ސައިތަށްޓެއް ބޯލާނީއެވެ. އެ ދުވަހަކީ، މޫސުން ވެސް ތަންކޮޅެއް ގޯސް، ކަނޑުވެސް ގަނދަ ދުވަހެކެވެ. އެކަމަށް ރައްކާތެރިވެ، ދުރާލާ ވިސްނައިގެން، ވައިގެބަނދަރަށް ދިޔައީ މަތިންދާ ބޯޓު ފުރަން އޮތް ގަނޑިއަށް ވުރެ 2ގަޑި އިރު އަވަހަށެވެ.

ވަރަށް ފަސޭހަކަމާއެކު ފޮށި ތަންމަތި ކިރައިލައި އެކަމުން އަވަދި ވެއްޖައީމެވެ. އަށް ގަޑި ބައިގެ ކުރީން އެތެރެއަށް ވަންނާން ވާނެކަމަށް ކޮށިގަނޑުގައި އިން ކުއްޖާ ބުންޏެވެ. އެހެންވީމާ އެއް ގަޑި އިރަށް ވުރެ ގިނަ އިރު، ބާކީ އޮތީމާ އާއިލާއާއެކު ސައިތަށްޓެއް ބޮއިލުމުގެ ބޭނުމުގައި ރެސްޓޯރަންޓެއް ހުޅުވައިފި ތޯ އެ ކުއްޖާ ގާތުގައި އަހައިލައިފީމެވެ. އެ ކުއްޖާ ވެސް ކުޑަކޮށް ލަދުވެތިގޮތަކަށް ބުނީ ރެސްޓޯރަންޓު އަދިވެސް ނުހުޅުވާ ކަމަށެވެ. ހެނދުނުގެ ނާސްތާއެއް ލިބޭނެ އެއްވެސް ގޮތެއް އޮންނާނެ ތޯ އަހައިލުމުން ބުނީ، ޖެހޭނީ ރަށުތެރެއަށް ދާންކަމަށެވެ.

ޓެކުސީއެއް ކުއްޔަށް ނަގައިގެން ރަށު ތެރެއަށް ދިޔައިމާ ރަށުގައި ހުންނަ ކޮފީ ކަޑައަކުން ނާސްތާއެއް ލިބޭނެކަމަށް ބުންޏެވެ. އެކަމަކު އެންމެ ލަސްވެގެން ބޯޓު ފުރުމުގެ އެއް ގަޑިއިރު ކުރީން އެތެރެއަށް ވަންނާން ވާނެކަމަށް ބުންޏެވެ. ހިތަށް އެރިއެވެ. ޓެކުސީއެއް ހޯދައިގެން ރަށުތެރެއަށް ގޮސް، ކޮފީ ކަޑައިގައި ނާސްތާއަކަށް އޯޑަރުކޮށްގެން އެ ގެނައިމައި އެކައިގެން އެ ބުނާ ވަގުތުގެ ކުރީން އާދެވޭނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. އެހެންވީމާ ނުދާނަމޭ ހިތައި އެތަނުން ދުރަށް ޖެހިލައިފީމެވެ.

ފުރާ ގިމަތައަށް ދަތުރުވެރީން ލަގޭޖު ހިފައިގެން ދާން އޮންނަ ހަނި ފާލަން-- ފޮޓޯ: އަޝްރަފު

ދުރަށް ޖެހިލައި ރަނގަޅަށް ހަމަ ނޭވާއެއް ނުލެވި އުޅެނިކޮށް ރަށުން އައީ ފޯނުކޯލެކެވެ. ރަށަށް ދިޔައީންސުރެ އެންމެ ގާތުގައި އަބަދުވެސް ހުންނަ އެންމެ ގާތް އެކުވެރިޔާގެ ކޯލެކެވެ.

ރަހުމަތްތެރިޔާ: ކޮބާ ކިހިނެއް ވަނީ؟

އަޅުގަނޑު: ފޮށި ތަންމަތި ކިރާ ނިމިއްޖެ!

ރަހުމަތްތެރިޔާ: ސައިތަށްޓެއް ބޮއިފިންތަ؟ ނާސްތާ ކުރީތަ؟

އަޅުގަނޑު: ނޫން! ނާސްތާއެއް ނުކުރަން. މިތާކު ނެތް ކާ އެއްޗެއް ލިބޭނެ ގޮތެއް.

ރަހުމަތްތެރިޔާ: އައްދޭ! ތީ ރޯނުފިލާ އޮތް ތަނެއް ދޯ؟ ގައިމު، ރާއްޖޭގައި އޮތް އެންމެ އަގު ބޮޑު ރިސޯޓުތަކަށް، އެންމެ ގިނަ މުއްސަނދިންނާއި މަހުޖަނުން އަންނަނީ ތިޔަ އެއާޕޯޓަށޯ! ތިޔަ ތަނުން ސައިތަށްޓެއް ވެސް ލިބޭކަށް ނެތް!

އަޅުގަނޑު: ތިޔަ ބުނީ ތެދެއް!

އެކުވެރިޔާއާ ދެއްކި ވާހަކަތަކުގެ ތެރެއިން އަޅުގަނޑަށް އަޅައިގަތީ އެކުވެރިޔާ ބޭނުންކުރި ލަފުޒެކެވެ. އެއީ "ރޯނުފިލާ" އެވެ. އެއަރޕޯޓަކީ ރޯފިލުވަން ޖެހޭ އެއްޗެއް ބާވައެވެ؟ ކޮންމެއަކަސް ތަންކޮޅެއް ފުންކޮށް ވިސްނައިލީމާ އަޅުގަނޑަށް އޭނާ އެ ބުނި ވާހަކަ ގަބޫލުކުރެވިއްޖެއެވެ.

ދިވެހިބަސްފޮތުގައި މި ލަފުޒު މާނަކޮށްފައި އޮތީ ކޮން ގޮތަކަށްތޯ ބަލައި މި ލިޔުމުގައި އެ މާނަ ލިޔާ ހިތެއް ނެތެވެ. އެހެނަސް "ރޯފިލުވުން" މި ލަފުޒުން ދިވެހީން ކޮށް އުޅޭ މާނައެއްކަމަށް އަޅުގަނޑަށް ވިސްނުނީ، އެއްޗެއް ކައްކައިގެން، އެ ހެޔޮ ގޮތުގައި ކެވޭނެ ގޮތެއް ނުވަތަ ބޭނުންކުރެވޭނެ ގޮތެއް ހެދުމަށެވެ. އެއްޗެއް ރޯނުފިލާނަމަ އެއީ ބޭނުންނުކުރެވޭ ހާލަތެއްގައި އޮތް އެއްޗެކެވެ. "ދަރިފުޅާ! ތިޔަ ކެވޭނީ އަދި ރޯފިލުވައިގެންނޭ!" ބުނާ އަޑު އަޅުގަނޑުމެންގެ މަންމައިންގެ ކިބައިން އަޑު އިވިފައި ވެއެވެ. އެހެންވީމާ، ނަމުން "ބައިނަލްއަގުވާމީ" މި ވައިގެބަނދަރަކީ އަދި ބޭނުންކުރެވޭ ހާލަތެއްގައި އޮތް ތަނެއް ނޫންތާއެވެ. އެކުވެރިޔާ އެ ބުނީ އެ ވާހަކައެވެ.

ދެން އެކުވެރިޔާ އެ ބުނި މާނައަށް ބާރުދޭ ހެކިތަކެއް ފެނޭތޯ ބަލައިލީމެވެ. ދެ ފަރާތް ހޯދާ ބަލައިލި އިރު ކަމަކު ދާކަށް ނެތެވެ. މި ވައިގެ ބަނދަރު އޮތީ ރޯފިލަން ކައިރިވެސް ނުވެއެވެ.

މި ތަނުން ނާސްތާއެއް ކީއްކުރަންތޯއެވެ. ފުލައިޓު ލަސްވެ، ފުރުން ލަސްވެއްޖެ ހާލަތެއްގައި ނަމަ ރަނގަޅު ކާނާއެއް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ކުޑަކުއްޖަކަށް ދިއްކޮށްލެވޭނެ ކާ އެއްޗެއް ވެސް ލިބޭނެ އިންތިޒާމެއް ނެތެވެ. ބޯފެން ވެސް ގަންނާން ލިބޭނެ ގޮތެއް ނެތެވެ. މިއީ މިއަދު އެހެނީ، 28 ޖުލައި 2026ގެ ހާލަތު ހުރި ގޮތެވެ.

މީގެ ދެތިން އަހަރު ކުރީން މި ވައިގެ ބަނދަރުން ކުރެވުނު ދަތުރެއްގައި ބޭރުގައި ހުރި ރެސްޓޯރަންޓަކުން ސައިތަށްޓަކާއި ސޭންޑުވިޗެއް ލިބޭނެ އިންތިޒާމް ހަމަޖެހުނެވެ. އެކަމަކު އެ ދަތުރަށް ފަހު ދެން އައި އިރު އެ ރެސްޓޯރަންޓު ހުރީ ބަންދުކޮށްފައެވެ. އެހެން ބަޔަކަށް ކުއްޔަށް ދޭން އިއުލާނުކޮށްފައި ކަމަށް މައުލޫމާތު ލިބުނެވެ. މިހާރު ގައިމު ވެސް 2 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެއެވެ. އެ ތަނެއް އަދިވެސް ނުހުޅުވައެވެ. ބޭނުންވާ ބަޔަކަށް ނުދެވެނީ ތޯއްޗެކެވެ.

މި ވައިގެބަނދަރު ހުޅުވި ތަނާ ކައިރީގައި، ވައިގެ ބަނދަރާ ކައިރީގައި ރަށު ތެރެއަށް ދާން އޮންނަ މަގުގެ ހޭޅިފަށުގެ ގަސްތަކުގެ ތެރޭގައި އެ ރަށު މީހުން ގާޑިޔާ ބާއްވައިގެން ކާ އެއްޗެހީގެ ވިޔަފާރިކުރި ތަން ދުށީމެވެ. އެ ޚިދުމަތެއް ވެސް މިހާރަކު ލިބޭކަށް ނެތެވެ. އޭރު "ބައިނަލްއަގުވާމީއެއް" ނުވެއެވެ. ފުނަގަސްތަކާއި މިދިލިގަސްތަކުގެ ހިޔަލުގައި ސައި ބުއިމުގެ ޚިދުމަތް ލިބުނީ އެހެންވީމާ ތާއެވެ.

ޗެކިންކޮށްގެން އެތެރެއަށް ވަނީމާ ކޮންމެވެސް ކާ އެއްޗެއް ނުވަތަ ބޯއެއްޗެއް ލިބޭނެކަމަށް ކުރި އުއްމީދު ވެސް ދިޔައީ ފެނަށެވެ. އެތާކު އެކައްޗެއް ވެސް ނެތެވެ. ފެން ފޮދެއް ވެސް ގަންނާކަށް ލިބޭކަށް ނެތެވެ. ކުރީން އެއްޗެއް ލިބޭ ގޮތަށް ހަދާފައި ހުރި ސަރަހައްދުގައި ހުރީ ފީތާ ދަމާ ކައިރި ނުވެވޭ ގޮތް ހަދާފައެވެ.

ރަށް ރަށުން އަންނަ ދަތުރުވެރީން ދުއްވައިފައި އަންނަ ލޯންޗު ގާތްކުރަން އޮންނަ ޖެޓީ ނުވަތަ ފާލަން އޮންނަނީ ފުރާ ގިމަތައާ ދުރުގައެވެ. ރާއްޖެއަކީ އާންމުކޮށް ވިއްސާރަކުރާ ގައުމެކެވެ. އެކަމަކު، ފުރާން އަންނަ ދަތުރުވެރީން ލޯންޗުން ފޭބުމަށް ފަހު ވާރޭ ވެހެންޏާ ގިމަތައާ ހިސާބަށް ނުތެމި ދެވޭނެ އެއްވެސް އިންތިޒާމެއް ނެތެވެ. ފާލަން މައްޗަށް ފޭބިޔަސް ތިބެން ޖެހޭނީ ވާރެ ވެހެންޏާ ވާރޭގައެވެ. އަވިދެންޏާ އަވީގައެވެ. ވެހޭ ވާރެއިން ތެމެން ބޭނުންނުވާ މީހާ ލޯންޗުގައި މަޑުކުރަންވީއެވެ. އެ ގޮތަށް ލޯންޗެއްގައި އިނުމަކީ ކިހާ ވަރެއްގެ ވޭނެއްކަމުގެ އިހުސާސްވާނީ އެ ފަދަ ކަމެއް ތަޖުރިބާ ކޮށްފައިވާ މީހަކަށެވެ.

ލަގެޖުތައް އަރުވަން ހުންނަ ޓުރޯލީތަކުގައި ހުރީ ދަބަރުޖަހައިފައެވެ. އެއީ ކުނި ގޮނޑަށް ގެންދިޔަޔަސް ބާ ދަނގަޑަށް ކިރަން ވެސް ކަމުދާނެ އެއްޗެއް ނޫނެވެ. ޓުރޯލީތަކުގެ ފުރޮޅު ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. އެ ދަނީ ދާނެ ދިމާއަކަށެވެ. އެތަނުން ޓުރޯލީއަކަށް ލަގެޖު އަރުވައިގެން ކޮއްޕުކީ ހަށިގަނޑަށް ލިބޭ ހެޔޮވަރުވަރެއްގެ ވޭނެކެވެ. ހަނި ފާލަމެއްގެ މަތީގައި އެ ކޮއްޕަމުން ދާއިރު ހުންނަނީ ބިރުން ތުރުތުރު އަޅައަޅައެވެ. ކައްޗާދާ ބޮޑީ ގެނައި ފޮށިތަންމައްޗާއެކު މޫދަށް ވެއްޓިދާނެތީ ބިރުންނެވެ.
އެކަމަކު ދަންނަވަންތޯއެވެ. ދުނިޔޭގެ ނިސްބަތުން އެންމެ މުއްސަނދި "އަމްބާނީ" އަމިއްލަ 4 މަތިންދާ ބޯޓުގައި މި ވައިގެބަނދަރަށް އައިސް، އަމިއްލަ މުދަލާއި ތަކެތި ގެނެސް އެ ތަކެތި އުފުލަން ބޭނުންކުރީ ވެސް މި ދެންނެވި ދަބަރު ޖަހައިފައިވާ ޓުރޯލީތަކެވެ. އެ ޓުރޯލީތަކެއް އަންބާނީ އަކަށް ނުފެންނާނެއެވެ. އެކަމަކު ފެނުނު މީހުން ހިތަށް އަރާނީ ކީކޭބާވައެވެ؟ މި ވައިގެބަނދަރު ރޯނުފިލައެކޭ ހިތަކަށް ނާރާނެބާވައެވެ؟

ވައިގެބަނދަރަށް ފުލައިޓެއްގައި އަންނަ ދަތުރުވެރީންގެ ލަގެޖުތައް ކުރީން ބަހައްޓައިފައި ހުންނަނީ އެއްކޮޅަށް ދުވާ އަށްޓެއްގައެވެ. މިހާރު އެ އަށްޓެއް ވެސް ނެތެވެ. ފޮށިތައް ގެނެސް ދަތުރުވެރީންނާ ހަވާލުކުރުމުގައި ތަނުގެ މުއައްޒަފުން ވަރަށް މުރާލިކަމާއެކު ހަރަކާތްތެރިވާތަން ދުށީމެވެ. އެ ތަނުގައި މަސައްކަތްކުރާ މޯލްޑިވިއަންގެ އެންމެ އިސްވެރީން ވެސް ފޮށިތަންމަތި ދަތުރުވެރީންނާ ހަވާލުކުރުމުގެ މަސައްކަތުގައި ވަރަށް ހީވާގިކަމާއެކު އުޅެމުން ދިޔައެވެ. އެ މީހުން ވަރަށް ހެވެ. ކިތަންމެހާ ވެސް އޯގާވެރިއެވެ. ތަނުގައި ހަމަޖެހިފައި ނެތް އިންތިޒާމެއް، އެ މީހުންނަށް ވީ ވަރަކުން ހަމަޖައްސައިދެވޭތޯ ބެލިއެވެ. އެ މީހުންނަށް އިޚުލާސްތެރި ހިތަކުން ޝުކުރިއްޔާއެވެ.

ދިގުކުރާން ލިޔާނެ ކަމެއް ނެތެވެ. ތަނުގެ ހާލަތު ހުރީ "ބައިނަލްއަގުވާމީ" ކިޔޭ ފެންވަރެއްގައެއް ނޫނެވެ. ތަން އޮތީ ރޯފިލުވާން ޖެހިފައެވެ. ގޭސް އުނދުނެއް ބަހައްޓައިގެން ނަމަވެސް އެކަން ކުރާން ވެއްޖެއެވެ. ނުވަތަ ދަރުން ކެއްކޭ ގޮތަށް އަޅިން އުނދުނެއް ޖަހައިގެން ނަމަވެސް މިތަނުގެ ރޯފިލުވާން ވެއްޖެއެވެ. ފެންނަ ފެނުމަށް މިހާރު ހީވަނީ އަޅިއުނދުނުގެ ތިން ފައި ޖަހައިފިހެންނެވެ. މާ ގިނަ ދުވަހެއް ނުވެ، ތެލި އުނދައި ރޯފިލުވުމަށް އުނދުނަށް ގިނިލައިފައިނެހެން ހީވާ މަންޒަރެއް ވެސް ދުށީމެވެ.
އާނއެކެވެ. ރަހުމަތްތެރިޔާ ބުނީ ހަމަ ސަތޭކައިގެ ވާހަކައެކެވެ. މި ވައިގެބަނދަރަކީ އަދި ރޯނުފިލާ އޮތް ތަނެކެވެ.

comment ކޮމެންޓް