މިއަދުގެ ކޮލަމުގައި ވާހަކަދައްކައިލާން ބޭނުންވަނީ ޅެން ބައިތަކާ ބެހޭ ގޮތުންނެވެ. ދިވެހި ޅެންވެރިކަމަށް ލޯބިކުރައްވާ ވަރަށް ގިނަ ބޭފުޅުން ދެނެވަޑައިގަންނަވާ ޅެން ބައިތެކެވެ. ދިވެހިބަހަށާއި ދިވެހި އަދަބިއްޔާތަށް ގިނަގުނަ އެތައް ޚިދުމަތެއް ކުރައްވައިފައިވާ މޮޅު އަދީބެއްގެ ޅެންބައިތެކެވެ. ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނުގެ އެންމެ މަޝްހޫރު ޅެންތަކުގެ ތެރޭގައި ހިމެނޭ "އަލްއަދަބު" މި ޅެމުގެ ފުރަތަމަ ބައިތެވެ.
އެ ބައިތަކީ؛
"އަދަބުވެރިކަން ނެތުނު މީހާ ދެ ދުނިޔޭން ގެއްލި ނިމިދާނޭ،
މަދަރުވެރިކަން ނެތީ ވިއްޔާ ޤަދަރުނެތިގެން ހިނގައިދާނޭ." މިއެވެ.
މި ބައިތާމެދު ވާހަކަދައްކައިލާން ޖެހުނީ ސަބަބެއް މެދުވެރިވެގެންނެވެ. މި އަހަރު ރޯދަމަހަށް ޚާއްސަކޮށް، އެސް.އެސް.ޓީވީއާއި ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެން ހުށަހަޅައިދެމުން އަންނަ އަދަބީ ސުވާލު މުބާރާތުގައި މި ދެންނެވި ބައިތު ހިމަނައިފައި، މިއީ ކޮން ބޭފުޅެއްގެ ޅެން ބައިތެއްތޯ ސުވާލުކުރެވިފައި ވާނެއެވެ. މައްސަލަ އުފެދެނީ މި ސުވާލާމެދުއެއް ނޫނެވެ. މި ސުވާލު މީސްމީޑިއާގެ މަންސަތަކުގައި އާންމުވުމާ އެކު، އަޅުގަނޑަށް ހެއު އެދޭ ރައްޓެއްސަކު ގުޅުއްވައިފައި ވިދާޅުވަނީ، އެކެޑަމީއާ އެސް.އެސް.ޓީވީއާ ގުޅިގެން މިއަދު ގެނެސްދިން އަދަބީ ސުވާލުގައި ޅެން ބައިތު ވިދާޅުވަނީ ގޯސްކޮށް ކަމަށެވެ. އަޅުގަނޑު ވެސް ކުޑަކޮށް ހާސްވެ އެ ސުވާލު އަޑުއަހައިލައިފީމެވެ. ރާއްޖޭގެ އެތައް ބަޔަކު އެ އަޑުގެ ޖާދޫގައި ޖެހިފައިވާ އެންމެން ދަންނަ އަލްފާޟިލް މުޙަންމަދު އާސިފު (މޮންދު)ގެ އަޑުން ޅެންބައިތު ވިދާޅުވަނީ ހަމަ ރަނގަޅަށެވެ. އަޅުގަނޑަށް ފޯނުކުރެއްވި ބޭފުޅާ އަރިހުގައި އެ ވާހަކަ ދެންނެވުމާ އެކު، އަޑަށް ބާރުލައްވައިފައި ވިދާޅުވަނީ ބައިތު ވިދާޅުވަނީ ނުބައިކޮށް ކަމަށެވެ.
ނުބައިކޮށް ވިދާޅުވާ ބައި ވެސް ވިދާޅުވެދެއްވައިފިއެވެ. ޅެން ބައިތުގެ އަޖުޒުގެ ފެށޭ ބަހުގައި އެ ވިދާޅުވަނީ، "މަދަރުވެރިކަން" ނޫންތޯއޭ ވިދާޅުވެއްޖެއެވެ. އެ ތަނުގައި އޮންނާނީ، "މަދަދުވެރިކަން" ކަމުގައި ވިދާޅުވެދެއްވައިފިއެވެ. މަދަދުވެރިކަމާ ގުޅުވައި ބައިތުގެ މާނަވެސް ވިދާޅުވެދެއްވައިފިއެވެ. އިތުރު ހެއްކެއްގެ ގޮތުގައި އެ ބައިތު ތާނައިން ލިޔެ، ގޫގަލް މެދުވެރިކޮށް ހޯދައިފައިވާ އެތައް ސައިޓެއްގެ ލިންކު ވެސް ފޮނުއްވައިދެއްވައިފިއެވެ. ހަމަ ކޮންމެ ލިންކެއްގައި ހިމެނޭ ލިޔުންތަކުގައި ވެސް އެ ޅެންބައިތުގެ އަޖުޒުގައި ފެށޭ ބަހަކަށް އޮތީ "މަދަދުވެރިކަން" މި ލަފުޒެވެ. އޭގެ އިތުރުން މަޝްހޫރު އަލްމަރުޙޫމް ޢަބުދުﷲ ޙަސަން (ހޮޅުދޫ ޢަބުދުﷲ) މި ޅެން ވިދާޅުވެފައިވާ ވީޑިއޯ ކުލިޕެއް ވެސް ހިއްސާކޮށްދެއްވައިފިއެވެ. އެ ވީޑިއޯ ގައި "އަލްއަދަބު" މި ޅެން ތާނައިން ލިޔެފައިވާ ތަން ވެސް ފެނެއެވެ. އޭގައި ވެސް ލިޔެފައި އޮންނަނީ، "މަދަދުވެރިކަން" މި ގޮތަށެވެ.

އަލްމަރުޙޫމް ޢަބުދުﷲ ޙަސަން "އަލްއަދަބު" ޅެން ވިދާޅުވާއިރު، ޅެމުގެ ބައިތައް ތާނައިން ފެންނަގޮތް
މިވަރުވީމާ، އަޅުގަނޑު ވެސް ކުޑަކޮށް ހާސްވެއްޖެއެވެ. ކަންބޮޑުވެއްޖެއެވެ. އަޅުގަނޑަށް ދަސްވެފައި މި އޮތީ ގޯސްކޮށް ކަމުގައި ހީވެއްޖެއެވެ. ޔަގީންކޮށްލައިފައި ގުޅައިލާނަމޭ ދަންނަވައިފައި ރަހުމަތްތެރިޔާގެ ފޯނު ކަނޑައިލައިފީމެވެ.
ކޮންމެއަކަސް، އިންޓަނެޓުގެ ވަރަށް ގިނަ ލިޔުންތަކުގައި އެ ބައިތު ލިޔެފައިވަނީ "މަދަދުވެރިކަން" މި ގޮތަށެވެ. ޅެންވެރިކަމުގެ ފަންނުގައި ފުންނާބު އުސް ފަރާތްތަކާ އަޅުގަނޑު ގުޅައިފީމެވެ. ހިތުގައި އުފެދުނު ޝައްކުފިލުވުމުގެ ބޭނުމުގައެވެ. އަޅުގަނޑުގެ ސުވާލަށް ބައެއް ބޭފުޅުން ސަމާސާ ވެސް ކުރެއްވިއެވެ. އަޝްރަފު ވެސް ޒަމާނީ މަޅީގައި ޖެހުނީކަމަށް ވިދާޅުވެ ސަމާސާކޮށް ހެއްދެވިއެވެ. އަޅުގަނޑަށް އެނގިފައި އޮތީ ހަމަ ރަނގަޅަށެވެ. އާނއެކެވެ. ބައިތު އޮންނާނީ މި ލިޔުމުގައި ވެސް ލިޔެފައިވާ ގޮތަށެވެ. "މަދަދުވެރިކަމެއް" ނޫނެވެ. "މަދަރުވެރިކަން"އެވެ. އެއީ ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނު އެ ބައިތު ހައްދަވައިފައިވާ ގޮތެވެ. އޮޅިވަޑައިގަންނަވައި "މަދަދު" ލިޔުއްވަންވީ ތަނަކަށް "މަދަރު" ލިޔުއްވުނީއެއް ނޫނެވެ. އޭގެ ސަބަބުތަކާ މެދު ފުންކޮށް ވިސްނައިލަމާތޯއެވެ
އެންމެ ފުރަތަމަ ވާހަކަދައްކައިލާނީ، މަދަދުވެރިކަމުގެ މާނައަށެވެ. ދިވެހިބަސްފޮތުގެ އެޕުގައި "މަދަދުވެރިކަން" މި ލަފުޒު ލިޔުނީމާ އެ ލަފުޒެއް ދިވެހިބަހުގެ އެކެޑަމީގެ ރަސްމީ ބަސްފޮތުގައި ފެންނާކަށް ނެތެވެ. އެހެނަސް، "މަދަދު" އާއި "މަދަދުކުރުން" އާއި "މަދަދުގާރު" ހިމަނައިފައި އެބައޮތެވެ. މި ތިން ލަފުޒުގެ ތެރެއިން ފުރަތަމަ ދެ ލަފުޒުގެ މާނައެއް ކަމުގައި ލިޔެފައިވަނީ، އަޅައިލުމާއި އެހީތެރިވެދިނުމާއި ވާގިވެރިވެދިނުމުގެ މާނަތަކެވެ. އަދި "މަދަދުގާރު" މި ލަފުޒުގެ މާނައެއް ކަމުގައި ލިޔެފައި ވަނީ، އެހީތެރިވާ މީހާއާއި ހިމާޔަތްދޭ މީހާއާއި މަދަދުވެރިޔާއެވެ. ކޮންމެ އަކަސް، ޅެންބައިތުގައި ދައްކަވާ ވާހަކަތަކަށް ބަލާއިރު، "މަދަދުވެރިކަން" ބަސްފޮތުގައި ހިމަނައިފައި ނެތަސް، މި ދެންނެވި މާނަތަކާ ގުޅުވައި ޅެންބައިތުގައި އެ ދައްކަވަނީ، "އެހީތެރިކަން ނެތީވިއްޔާ ޤަދަރު ގެއްލިގެން ހިނގައިދާނެ ކަމަށް" މާނަކޮށް ޅެންބައިތުގެ މާނަ ހަމަޖައްސައިލެވިދާނެއެވެ.
އިސްވެ މި ދެކެވުނު ވާހަކައިން އަޅުގަނޑުމެންނަށް ކުރެވެމުން މިދަނީ، ހަމަ އެންމެ ރަނގަޅު މާނަތޯ ވެސް ވިސްނައިލާން ޖެހެއެވެ. އަޅުގަނޑަށް ވިސްނެނީ އެއީ އެންމެ ރަނގަޅު މާނަ ނޫންކަމުގައެވެ. އެތާ އޮންނާންވާނީ "މަދަދު"ގެ ވާހަކައެއް ނޫނެވެ. އެހެންވިއްޔާ ދެން ކޮން ވާހަކައެއް ހެއްޔެވެ؟ ކޮން ލަފުޒެއް ހެއްޔެވެ؟ "މަދަރުވެރިކަން" ކިޔާ ލަފުޒެއް އަދި އަމުދުން ދިވެހިބަސްފޮތުގައި ނެތެއް ނޫންތޯއެވެ؟
އާދޭހެވެ! ދިވެހިބަސްފޮތުގައި "މަދަރުވެރިކަން" ކިޔާ ލަފުޒެއް ނެތެވެ. އެއީ "މަދަރުވެރިކަން" އެއީ ލަފުޒަކަށް ނުވާތީއެވެ. އެހެނަސް ދިވެހި ޅެންވެރިކަމުގެ އެންމެ ރީތި، އާދަޔާ ޚިލާފު ސިފަތަކުގެ ތެރެއިން އެއް ސިފައަކީ، ޅެންބައިތުގެ ބަނޑުވައް އަކުރު އެއްގޮތް ކުރުމުވެ. އެ ގޮތުން ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނު އެ ވަނީ، މި ޅެމުގެ ފެށޭ ބައިތުގެ ދެވަނަ އަކުރު ކަމުގައިވާ "ދަ" އެއްގޮތް ކުރައްވާފައެވެ. އެކަންކުރެއްވީ، "ދަރުމަވެރިކަން" މި ލަފުޒުގެ އަކުރަކަށް އިސްފަސްކަމެއް ގެންނަވައިގެންނެވެ. އެ ގޮތުން، "ދަރުމަވެރިކަން" ބަދަލުކުރެއްވީ "މަދަރުވެރިކަން" އަށެވެ. މިކަން ކުރެއްވީ ސަބަބެއް ނެތިއެއް ނޫނެވެ. އަކުރު އިސްފަސްކޮށްލައްވާ ހިތުން ކުރެއްވިކަމެއް ނޫނެވެ. ބޭނުމެއް އެބަ އޮތެވެ. އެ ބޭނުން ދެނެގަންނަމާތޯއެވެ؟
ފުރަތަމަ ބޭނުންފުޅަކީ، ދިވެހި ޅެންވެރިކަމުގެ އާދަޔާ ޚިލާފު ރީތިކަން އެ ގޮތުގައި ދެމެހެއްޓެވުމެވެ. ބައިތުގެ ސަދުރާއި އަޖުޒުގެ ދެވަނަ އަކުރާއި ފިލި އެއްގޮތް ކުރެއްވީއެވެ. ބައިތުގެ އަކުރުތައް ކިޔާއިރު، އެއް އަޑުތަކެއް ތަކުރާރު ވީމާ، އަޑަށް އަންނަ ރީތިކަމަށް ޓަކައެވެ. "އަދަ" އާއި "މަދަ" ގެންނަވައި އަޑުހިމުން ކޮށްލެއްވީއެވެ.
ދެވަނަ ބޭނުންފުޅަކީ، މި ބައިތުގެ އަޖުޒުގެ ތެރޭގައި "މަދަރު" އައުމަށް ފަހު އެއާ ވިދިގެން އަންނަ ލަފުޒުތަކުގެ ތެރޭގައި ހިމެނޭ "ޤަދަރު" މި ލަފުޒުގެ އަޑުތަކާ ވެސް އެއްގޮތް ކުރެއްވުމެވެ. "މަދަރު" އާއި "ޤަދަރު" ގެ ނިމޭ ދެ އަކުރު އެއްގޮތް ކުރައްވައި ޅެން ބައިތުގެ އަޖުޒަށް ގެންނެވި ތާލުގެ އެއްގޮތްކަން އެއީ ބޭނުމެއް ނެތި ކުރެއްވިކަމެއް ނޫނެވެ. ދެ ލަފުޒުގެ ފަހަތަށް "ދަރު" އައިމާ އަޑަށް އަންނަ ރީތިކަން އެ މަނިކުފާނަށް ވިސްނިވަޑައިގަންނަވާތީ އެކަން އެ ގޮތަށް ކުރައްވައިފައި އެ ވަނީ ގަސްދުގައި ކަމަށް ގަބޫލުކުރެވެއެވެ. އެ އަކުރު އިސްފަސް ނުކުރައްވައި "ދަރުމަ" ލިޔުއްވި ނަމަ، މިހާރު ބައިތުން އިވޭ އަޑުގެ ރީތިކަން އިވިވަޑައިނުގަންނަވާނެތީ ކުރެއްވި ކަމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ.
އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ، ޅެންބައިތުގެ ބައެއް ލަފުޒުތަކުގެ އަކުރުތައް އިސްފަސްކުރުމަކީ، އެ ދުވަސްވަރު ދިވެހީންގެ ޅެންވެރިކަމުގެ ފަންނުގައި ޅެންވެރީން ގެންގުޅުއްވި އުސްލޫބެއްކަމެވެ. އެ ފަދަ އެތައް މިސާލުތަކެއް އެ ދުވަސްވަރުގެ ޅެންތަކުން ފެންނާން ހުންނާނެއެވެ. އަދި ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނުގެ "އަލްއަދަބު" މި ޅެމުގެ އަންނަނިވި ބައިތުގައި ވެސް ލަފުޒުގެ އަކުރު އިސްފަސްކުރައްވައިފައި ވާ ކަން ފާހަގަކުރެވެއެވެ.
އެ ބައިތަކީ؛
"ރިކަންކުޅަދުންވެ ނުމެ ހީކޮށް ފިކަން ދޮގު މާ ބުނުން ގިނަކޮށް
ލިކަންއަ ފިލައި މުޅިން މޫނުން ނިކަން ކަމެކޭ ހިނގައިދާނޭ"
މި ބައިތުގައި ވެސް މި ވަނީ، ބަނޑުވައްއަކުރު "ކަ" އެއްގޮތް ކުރެއްވުމަށް ބައިތުގެ ސަދުރާއި އަޖުޒުގެ ފެށޭ ލަފުޒުގެ އަކުރުތައް އިސްފަސްކުރައްވާފައެވެ. "ރިކަންކުޅަދުންވެ" އެއީ "ކުޅަދުންވެރިވެ" އެވެ. އަދި "ލިކަންއަ" އެއީ "އަލިކަން" އެވެ. ފިލިކޯލިވެސް އެއްގޮތް ކުރައްވައިފައި ބަނޑުވައްއަކުރު ވެސް އެއްގޮތް ކުރެއްވީއެވެ. އެއީ ހަމަ އެނގިވަޑައިގަންނަވައިގެން ކުރައްވާ ކަންކަމެވެ. ޅެމަށް ފުރިހަމަކަމާއި ރީތިކަން ވެސް އަންނަނީ އެ ބަދަލު އެ ގޮތަށް އައީމައެވެ.
ތިންވަނަ ބޭނުން އަދި ވަކީން ބޮޑެވެ. އެއީ މާނައަށް އަންނަ ބަދަލެވެ. "މަދަދުވެރިކަން" އެއީ ދިވެހި ލަފުޒެއް ކަމުގައި ބަލައި އެ ލަފުޒުގެ މާނައާ ގުޅުވައި ބައިތު މާނަކުރެއްވީމާ، ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނު ކުރައްވަން ބޭނުންފުޅުވި މާނަ ނުކުރެވޭކަން އެއީ ޝައްކެއް އޮތްކަމެއް ނޫނެވެ. "މަދަދު"ގެ މާނައަކީ، އެއް ގޮތަކަށް ވެސް އެ ކަމެއްގައި އެހީތެރިވާ އިރު ސަވާބާއި ދަރުމަ ހޯދުމަށް ކުރާކަމަކަށް ނުވެ ހިނގައިދާނެއެވެ. އެހެނަސް "ދަރުމަ"އަކީ، ބަސްފޮތުގައި މާނަ ބުނެދީފައިވާ ގޮތުން "ހެޔޮ" އާއި "ސާވާބު" އެވެ. އަދި "ދަރުމަވެރި" އާއި "ދަރުމަވެރިކަން" އެއީ "އަމިއްލަ އެދުމެއް ނެތި ހެޔޮކޮށް ހިތާ" އެވެ. އެހެންވީމާ، ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނު އެ ދައްކަވަނީ ހެޔޮކަމާއި ސަވާބަށް އެދި އަނެކާއަށް އެހީތެރިވެދޭ ވާހަކައެވެ. ހެވާއި ސަވާބަށް ނޭދި ވެސް މީހަކަށް މަދަދުވެރިވެވިދާނެއެވެ. ފައިސާގެ ދަތިކަން ފޯރައިފައިވާ މީހަކަށް ފައިސާ ދީ އޭނާގެ ދަތިކަން ހައްލުކޮށްދެވިދާނެއެވެ. އެކަމަކު އެ ފައިސާ އޭނާއަށް ދިނީ ދަރުމައަށް ކަމުގައި ނުވެދާނެއެވެ. އަދި އެ ފައިސާ ދިނީ ބޮޑު އެއްބަސްވުމެއްގެ ދަށުން އަނބުރާ ދައްކާގޮތަށް ކަމުގައި ވެސް ވެދާނެއެވެ. އެހެންވީމާ، ދަރުމަވެރިކަމާއި މަދަދުވެރިކަމުގައި ވަރަށް ބޮޑު ތަފާތެއް އަޅުގަނޑަށް ވިސްނެއެވެ.
އެންމެ ފަހު ނުކުތާއެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލާނީ، ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނުގެ "އަލްއަދަބު" މި ޅެން، ފޮތްތަކުގައި ލިޔެ ޗާޕުކޮށްފައި ހުރި އިރު އެ ފޮތްތަކުގައި މި ދެންނެވި ބައިތު ލިޔެފައިވާ ގޮތަށެވެ.
އެންމެ ދޮށީ ޗާޕެއްކަމަށް ބެލެވޭ ފޮތަކަށް އަޅުގަނޑަށް ލިބުނީ، "ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ ތެރެއިން އެއްކޮށްލި ބާޤާއެއް" މި ފޮތެވެ. އެހެނަސް ނަސީބުދެރަކަމުން މިފޮތުގެ އެއްވެސް ސަފުހާއެއްގެ އެއްވެސް ހިސާބަކުން ފޮތް ޗާޕުކުރި ތާރީޚު އެނގޭކަށް ނެތެވެ. އަޅުގަނޑަށް އަތްމަތިވި ފޮތްތަކުގެ ތެރެއިން އެންމެ ދޮށީ ޗާޕެއްކަމަށް މި ދެންނެވީ އެ ފޮތުގައި ތާނައިން ލިޔެފައިވާ އިރު، ޢަރަބި ލަފުޒުތައް ޢަރަބިއަކުރުން ލިޔެފައިވުމާއި އަލްމަރުޙޫމް އިބުރާހީމް ޝިހާބުގެ ބަޔާނެއް ފޮތުގައި ހިމަނައިފައިވާ ހިމެނުމަށް ވިސްނައިފައެވެ. މި ދެންނެވި ފޮތާއި މި ނޫނަސް އެތައް ފޮތެއްގައި މި ޅެން ލިޔެ ޝާއިޢުކޮށްފައި އެބަހުއްޓެވެ. އެއިން އެއްވެސް ފޮތެއްގައި "މަދަދުވެރިކަން" މި ލަފުޒު ލިޔެފައިވާތީއެއް ނުފެނުނެވެ. ހުރިހައި ފޮތަކުން ވެސް ފެނުނީ، "މަދަރުވެރިކަން" މި ގޮތަށެވެ.

"ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ ތެރެއިން އެއްކޮށްލި ބާޤާއެއް" ފޮތާއި އެހެނިހެން ފޮތްތަކުގައި ޅެންބައިތު ލިޔެފައ ހުރި ގޮތް ---
ނޢޢވ ޢަބުދުﷲ ޞާދިޤު އެއްކުރައްވައިފައިވާ "ޅެން ޝަރަޙަ" ފޮތުގެ ފުރަތަމަ ޝަރަޙައެއްގެ ގޮތުގައި ހިމަނުއްވައިފައި އޮތީ، ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނުގެ "އަލްއަދަބު" މި ޅެމުގެ ޝަރަޙައެވެ. އަދި އެ ޝަރަޙައަކީ، ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނު އަމިއްލަފުޅަށް ލިޔުއްވައިފައިވާ ޝަރަޙައެއް ކަމަށް ވެސް ޅެމުގެ ޝަރަޙައިގެ ފެށޭ ބައިގައި ލިޔުއްވައިފައި ވެއެވެ.

ބައިތު ޝަރަޙަކުރައްވަން ފައްޓަވަމުން ވިދާޅުވެފައިވަނީ، "މަދަރުވެރިކަން ނެތީ ވިއްޔާ ޤަދަރު ނެތިގެން ހިނގައިދާނޭ" ދަރުމަވެރިކަމަކީ ދީލަތިކަމެވެ. ދީލަތިކަމަކީ އަނެކަކު އެދުނު އެދުމަކާ ނުލައި ނުވަތަ އަނެކަކު ތިމާއަށް ކުޅަ ހެއުކަމަކަށް ބެލުމަކާ ނުލައި ތިމާއަށް ލިބިހުރި އިތުރުކަމެއް ހިތްޔެޔޮކަމާ އެކުގައި ހޭދަކުރުމެވެ." ފެށުނީއްސުރެ ކުރަމުން އަންނަ މި ބަހުސްގެ ނިމުން ގެނައުމަށް މިއަށް ވުރެ ވަކި އިތުރު ފުރިހަމަ ހެއްކެއް ލިބިދާނެކަމަކަށް ނުދެކެމެވެ. ޝައްކެއް ނެތެވެ. އެ މަނިކުފާނު އަމިއްލަފުޅަށް ލިޔުއްވި ޝަރަޙައިގައި "މަދަރުވެރިކަން" ކަމުގައި ބަޔާންކޮށް އޭގެ ޝަރަޙަކޮށްދެއްވައި މި ބަހުސް ނިމުމަކަށް ގެނެސްދެއްވީއެވެ.
ދެކެވުނު ހުރިހާ ވާހަކައެއްގެ ޚުލާސާއަކީ، ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނު ހައްދަވައިފައިވާ “އަލްއަދަބު” މި ޅެމުގެ ފުރަތަމަ ބައިތުގެ އަޖުޒުގެ ފެށޭ ތަނުގައި އޮންނާނީ "މަދަރުވެރިކަން ނެތީ ވިއްޔާ ޤަދަރު ނެތިގެން ހިނގައިދާނޭ." އެވެ. އެތައް ސައިޓެއްގައި އެތައް ބަޔަކު "މަދަދުވެރިކަން" ލިޔުއްވިކަމުގައި ވިޔަސް އަޅުގަނޑަށް ވިސްނެނީ މި ދެންނެވި ގޮތަށެވެ. ސާބިތު އެހެން ހެއްކެން ދެއްކުމާ ހަމައަށެވެ.