ބޮބްމާލީގެ ލަވަ އަޑުއަހާ ދަނޑިފުޅުދޫނި

ދަނޑިފުޅުދޫންޏެއް----

ކަމަކު ދާކަށް ނެތެވެ. ހާދަހާވާ ދެރައެވެ. މުލާއެކު އުފުރައިލައިގެން ގެންދިއުމަށް ތައްޔާރު ވަމުން އެ ދަނީ، އަހަރެންގެ ހަޔާތުގެ ހުރިހާ އުއްމީދުތަކެއް ގުޅިފައިވާ ނިކަގަހެވެ. އެ ގަހުގެ ބުޑުގައި ވަނީ އަހަރެންގެ އެތައް ދަރިއެއް އުފަންވި އަރާމު ތަންމައްޗެވެ. އެ ތަންމައްޗަކީ، ދިވެހި މުސްކުޅި އިބާރާތުން ނަމަ އަހަރެންގެ ގޭގެ އެތެރެގެއެވެ. ރައްކާތެރިކަމާ އެކު އަހަރެންގެ ދަރީންނަށް ހޭހަންކޮށްދީ ހެދީ އެ ގަހުގެ ބުޑުގައި އޮތް ހޮހަޅައިގައެވެ.

ފަސޭހަކަމާއެކު އުދުހުމުގެ ކުޅަދާނަކަން އަހުރެމެންނަށް މާތްﷲ މިންވަރުކުރެއްވިއަސް، އަހަރެމެންނަކީ އުފެދުމުގައި ވެސް ހިނގާބިނގާވެ އުޅުމަށް ދަތިކަމެއް ހުންނަ ބައެކެވެ. ޅަދަރީންނަށް އަމިއްލަ ހާލާ އުދުހިގަނެވެންދެން ވަރަށް ރައްކާތެރިކަމާއެކު އެ ދަރީން ބަލަހައްޓައިދޭން ޖެހެއެވެ. ނިކަގަހުގެ ބުޑުގައި ހެދިފައި ހުންނަ ފޮރުވިފައިވާ ހޮހަޅަތަކަށް ބިސްއަޅައި އެ ބިސްތައް ފީކޮށް ހަދަނީ އެއްވެސް ނުރައްކަލެއް އެ ހިޔާވައްސަށް ނޯންނަކަން ކަށަވަރުކޮށްގެން ތިބެއެވެ.

ދަނޑިފުޅު ދޫނި ނިކަގަހުގެ ހޮހޮޅައިގައި--- ފޮޓޯ: އަޝްރަފް

ދެ ފިޔަ ދަމައިލައިގެން އޮވެ އުދުހެމުން ދިޔައީ، ރަށް މަތީ، ގަހާ ދިމާގައެވެ. ޒަމާނީ މެޝިންތަކުގެ އެހީގައި މުލާއެކު ގަސް ނެގުމުގެ ތަޖުރިބާކާރުން، އެ ނިކަގަސް ނެގުމަށް މަސައްކަތްކުރަމުން ދިޔަ މަންޒަރު އަސަރާއެކު ބަލަމުން ދިޔައިމެވެ. ކުރާނެކަމެއް ނެތެވެ. އެ ނިކަގަސް އެ ތަނުން ނުނެގުމަށާއި ނުގެންދިއުމަށް އަހަރެން ކިތަންމެ ވަރަކަށް ވެސް ހިތާހިތުން އެދެމުން ދިޔައިމެވެ. އެހެނަސް އަހަރުމެންގެ މި އާދޭހުގެ އަޑެއް އެ މީހުންގެ ކަންފަތަކަށް ނުފޯރައެވެ. ހިތުގެ ތެޅުމާއި ވިންދުގެ އަޑު އިވޭނީ ވެސް ކިހިނެއް ހެއްޔެވެ؟

ގަސް ހެދިފައި ހުރީ އެ ރަށުގެ އެންމެ މަޝްހޫރު އެއް މަގުކަމުގައިވާ "ނާމަގު" ފެށޭ ހިސާބުގައެވެ. ނިކަގަސް ކަނޑައިލުމަށް ނިންމާފައި ވަނީ، އެ ތަނުގައި ބޮޑު މަގެއް ހެދުމަށެވެ. އަދި ރަށާ ކައިރީގައި އޮތް، 700އަށް ވުރެ ގިނަ ކޮޓަރިއާއެކު އަލަށް ހަދާ ރިސޯޓަކަށް އެ ފަދަ ބޮޑެތި ގަސްތައް ބޭނުންވާތީއެވެ. އެކަން ކުރަނީ ރަށުގެ ކަމުވޮށިގެންވާ މީހުންނާއި ރިސޯޓުގެ ވެރިފަރާތާއި ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކާ ވާހަކަ ދެކެވުމަށް ފަހުއެވެ. އެކަން އެ ގޮތަށް ތަންފީޒުކުރުމަށް އެ ވަނީ ސިއްކަޖެހިފައެވެ. އެހެންވީމާ، އެކަމެއް ނުހުއްޓާނެއެވެ. ކަށަވަރުން ވެސް އެކަން ކުރާނެ ތާއެވެ. ޒަމާނީ ތަރައްގީ އަކީ އެއީ ވިއްޔާއެވެ.

.........................................
އޭގެ ދެ ތިން ދުވަސް ފަހެވެ. ނިކަގަހުގެ ހިލަމެއް ވެސް އެތާކު ނެތެވެ. ގަސް ނެގި ވަޅުގަނޑު ވެސް އޮތީ ވެލި އަޅާ އެއްވަރުކޮށްފައެވެ. ވަލުތެރެއަށް ވާގޮތަށް ތަންކޮޅެއް ދުރަށް އުކައިލައިފައި އޮތީ ނިކަގަހުން ކަނޑައިލި ބޮޑެތި ބައެއް ގޮފިތަކެވެ. އެ ގޮފިތަކުގެ ފަތްތައް ހުރީ ކޮންމެވެސް ވަރަކަށް މިލާފައެވެ.

ދަނޑިފުޅުދޫނި ބިސްއަޅައިގެން އޮތް ނިކަގަސް ކައރިން ފަތުރުވެރީންނަށް މަރުހަބާ ކިޔަނީ-- ފޮޓޯ: އަޝްރަފު

ނިކަގަސް ހުރިތަނާ ކައިރީގައި ހުރި އެހެން ގަހަކަށް ތިރިކުރުމަށް ފަހު، އެ ގަހުގެ ގޮފިތަކުގެ އެހީގައި މަޑުމަޑުން ބިމަށް ފޭބީމެވެ. ފަސޭހައިން ހިނގާއުޅެވޭ ނަސްލުގެ ދޫންޏެއް ނޫންވީމާ، މާ ދުރަކަށް ނުހިނގުނެވެ. އެ ފަސްގަނޑެއްގައި އަހަރެންގެ އެތައް ދަރިކޮޅެއް ދުނިޔެއަށް ނޭވާލި ތަންމަތި އޮތް ތަނުގައި މަޑުކޮށްލައިގެން މާ ގިނަ އިރު އިންނާކަށް ބޭނުމެއް ނުވިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަޔާއި އެތެރެ ހަށީގައި އަޅަމުން ދިޔަ ވޭނާ އެކު އުދުހިގަންނާނެހާ ހިތްވަރެއް ވެސް ނެތެވެ. އެހެނަސް އެ ތަނުގައި ގިނައިރު މަޑުކުރުމަކީ ހިތާއި ހަށިގަނޑުގައި ރިހޭ ރިހުން އިތުރުވާނެ ކަމަކަށް ވާތީ، ހިތްވަރުކޮށްފައި އުދުހިގަނެގެން ދިޔައީއެވެ. ދުވަހަކުވެސް އެ ތަނަށް އަންނަން ބޭނުންނުވާ ހާލުގައެވެ. އަލްވަދާއު ކިޔަން ބޭނުން ނުވިޔަސް ވަދާއުގެ ސަލާންކުރުމަށް ފަހުއެވެ.

...........................................................
މިއީ އޭގެ ދެތިން އަހަރު ފަހެވެ. ހަމަ އެ ގަހެވެ. ގަހުގައި ހުރި ގޮފިތައް، ކުރީން ހުރި ގޮފިތަކަށް ވުރެ ތަންކޮޅެއް ކުރެވެ. އެހެނަސް އާ ފަތްތައް ފަޅައި އާ ނިރު ޖަހައި ގަހަށް އާރޯކަން ލިބި، ނިކަގަސް މިހިރީ ހެދިގަނެފައެވެ. ނިކަގަހުގެ ގޮފިތަކުން ގަހުގެ ބުޑަށް ފައިބައިފައި ހުރި އަޅޯތައް ވެސް އެބަހުއްޓެވެ. ހަމަ ޔަގީނުން ވެސް މިއީ އެ ނިކަގަހެވެ. މި ނިކަގަހެއް އަހަރެންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. އަހަރެންގެ ދިރިއުޅުމާ ގުޅި ލާމެހިފައިވާ ނިކަގަސް އޮޅުވައިލާނީ ކިހިނެއް ހެއްޔެވެ؟ ނިކަގަސް ފެނުމުން ވީ އުފަލެއް ބުނެދޭން ވެސް ނޭނގުނެވެ. ހިތުގެ ހިނގުން އަވަސްވިއެވެ. އުފަލުގެ ކަރުނަ ލޮލުން ނީރާލިއެވެ. ނިކަގަހާ ދިމާ މަތީގައި އޮވެ ހިތް ފުރޭންދެން ނިކަގަހަށް ބަލައިލީމެވެ. ނިކަގަސް އިންދާފައި ހުރި ރަށާއި އެ ރަށުގެ މާހައުލު ރަނގަޅަށް ދަސްކުރާން ނިންމީމެވެ. ނިކަގަހަށް ތިރިކުރުމުގެ ކުރީން އެއީ ކޮން ކަހަލަ ތަނެއްތޯ ވަރަށް ރަނގަޅަށް ބަލާން ބޭނުންވިއެވެ.

ކުރީން ނިކަގަސްހެދިފައިވާ މާހައުލާ މި މާހައުލު ވަރަށް ތަފާތެވެ. ކުރީން ނިކަގަސް ހުރީ އިންސާނެއްގެ ހިލަމެއް މަދު ފަހަރަކު މެނުވީ ނުވާ ހިސާބު އެ ރަށުގެ އަވަށާ ދުރުގައެވެ. މި ފަހަރު ތަފާތެވެ. އަބަދުވެސް އިންސާނުން އައިސް ގޮސްވާ ސަރަހެއްދެކެވެ. އޭރު އެ ރަށުން ފެނުނު މީހުންނާ މި ތަނުން ފެންނަ މީހުންނާ ކުލައިގެ ތަފާތުތަކެއް އެބަހުއްޓެވެ. ސިފައިގެ ތަފާތުތަކެއް އެބަހުޓެވެ. އިސްކޮޅާއި ރޫފައިގައި ވެސް ތަފާތެވެ. އެހެނަސް އެ ރަށުން ފެނުނު މީހުންނާ އެއްވެސް ތަފާތެއް ނެތް މީހުން ވެސް ފެނެއެވެ.

ދުވާލު ގަޑީގައި އަބަދުވެސް ފެންނަނީ ބަޔަކު އައިސް ގޮސްވާތަނެވެ. ދަބަސްތަކާއި ބޮޑެތި ފޮށިތައް ހިފައިގެން އަންނަ ބަޔެކެވެ. ފުރާ މީހުންނާއި އަންނަ މީހުންނެވެ. ދެ ފިޔަ ދަމައިލާފައި އޮންނަ މޫދަށް ޖައްސާ ބޯޓެއްގައި އެތައް ބަޔަކު އާދެއެވެ. އަދި އެ ބޯޓުން އަނެއްކާ ބަޔަކު ފުރައިގެން ދެއެވެ. ބަޔަކު ހޭލަމޭލައަށް އުޅޭތަން ނުފެންނަ ވަގުތެއް ނުދެއެވެ.

މިހާ ކާރޫބާރޫ ބޮޑު މީހުން ތޮއްޖެހިފައިވާ ތަނެއްގެ އެއްފަރާތުގައި އެހެރަ ގަހަކީ އަހަރެންގެ މާޒީގެ ހިޔާވައްސެވެ. އަހަރެންގެ ގެއެވެ. އަމާންކަމާއި ރައްކާތެރިކަމާއެކު އެތައް އަހަރަކު ނިދާ އުޅުނު އަހަރެންގެ ހިމޭން ތަންމައްޗެވެ. ދަރީންނަށް އުދުހި ގަނެވެންދެން އެ ދަރީންނަށް ރައްކާތެރިކަމާއެކު ހޭހަންކޮށްދިން ފިނިފެންމަލުގެ ދާނެވެ. ލައްކަ ވިސްނުމަށް ފަހު ނިންމީ ހިމޭން ގަޑިއެއް ބަލައި އެ ގަޑިއަކަށް ތިރިކުރާށެވެ. އެކަން އެ ގޮތަށް ނިންމާ ބަލާން ޖޭހޭ ބެލުންތައް ބަލައި، ޖަހާންޖެހޭ ހިސާބެއް ވެސް ޖަހައިފީމެވެ. ރަނގަޅު އިރުވަރާއި ވަގުތަށް ބަލައި ގަހަށް ތިރިކުރާ ގޮތަށް ނިންމައި އެ ސަރަހައްދުން އުދުހިގަނެގެން ދިޔައީއެވެ. ހިމޭންވާ ވަގުތެއްގައި އަލުން އައުމަށް ނިންމައިގެންނެވެ.

.....................................................................

މިއީ އޭގެ އެއް އަހަރުފަހެވެ. އަހަރެން މި އޮތީ އެ ގަހުގެ ބުޑުގައި ހެދިފައި އޮތް ހޮހަޅައިގައެވެ. އަހަރެންގެ ތުއްތު ދަރިއާއެކު ހާލީގައެވެ. ލޯބިލޯބި ފުށްގަނޑެއް ފަދަ މި ދަރިއަށް ހޭހަންކޮށްދިނުމަށެވެ. އެއްވެސް ނުރައްކަލެއް ނެތެވެ. އަމާންކަމާއެކުއެވެ. ރައްކާތެރިކަމާއެކުއެވެ. މީހެއްގެ އުދަނގުލެއް ނުވެއެވެ. އެތައް ބަޔަކު މިތާ ކައިރިން ހިނގާފައި ދެއެވެ. ދުއްވާ ބަގީތަކުގައި އަންނަ މީހުންނާއި ދާ މީހުން އިންތިހާއަށް ގިނައެވެ. އެ މީހުން އެ މީހުންނާ އެތައް ވާހަކައެއް ދައްކައެވެ. އެއިން މީހެއްގެ ފަރާތުން އަހަރެންނަކަށް އުނދަގުލެއް ނުވެއެވެ. ނުވެސް ކުރެއެވެ.

މަނަދޫން ގެންދިޔަ ނިކަގަހާއި އެ ގަހުގެ ބުޑުގައި އޮންނަ ހޮހަޅައިގައި ދަނޑިފުޅުދޫނި ބިސްއަޅައިގެން ހާލީގައި-- ފޮޓޯ: އަޝްރަފް

އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް މެހުމާންދާރީ އަދާކުރުމުގެ ގޮތުން އެ މީހުންނަށް ބޭނުންވާނޭ ބުއިންތައް ތައްޔާރުކޮށް ޒީނަތްތެރިކަމާއެކު އަތުރާފައި ހުންނަނީ މި ގަހާ ވަރަށް ކައިރީގައެވެ. އެ ތަނުގައި އެ މީހުން އެތައް ބުއިމަކަށް އިންސާފުކުރެއެވެ. ރަށަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހަކަމާއެކު އިށީނދެ ތިބެވޭނޭ ގޮތް ހަދާފައި ހުންނަނީ މި ގަހާ ޖެހިގެން އޮންނަ ސަރަހައްދުގައެވެ. އެކި ޒާތުގެ ގޮޑިތަކާއި މޭޒުތައް އަތުރާފައި ހުރެއެވެ. މި ނިކަގަސް ނޫނަސް އެހެން ބާވަތްތަކުގެ ގަސްތައް ވަރަށް ގިނައެވެ. އެ ސަރަހައްދުގައި ވަރަށް ދިގު ރުއްތައް އެބަ ހުއްޓެވެ. މި ތަނުން ފެންނާން ހުރި ގިނަ ރުއްތަކަކީ އެރަށުގައި ފަޅައިގެން ހެދިފައިވާ ރުއްތަކެއް ނޫންކަން އެނގެއެވެ. މި ނިކަގަސް ގެނައި ގޮތަށް، ކައިރި ރަށްރަށުން ގެނެސްފައިވާ ރުއްތަކާއި ގަސްތަކެވެ.

މިއީ މި ރަށަށް ޒިޔާރަތްކުރާ މީހުންނަށް މަރުހަބާ ކިޔާ ސަރަހައްދެވެ. މަޑުކޮށްލައިގެން ތިބޭ ވަގުތުގައި އެ މީހުން ހިތްހަމަ ޖައްސައިދިނުމަށް މި ތަނުގައި ގިނައިން ޖަހާފައި ހުންނަނީ ބޮބްމަލީގެ ލަވަތަކެވެ. ނުވަތަ ރެގޭއެވެ. ބައެއް ފަހަރަށް ޔޫބީ 40ގެ ލަވަތައް ވެސް އަޑު އިވެއެވެ. މިއީ މީގެ ކުރީން އަހަރެންނަށާއި އަހަރެންގެ ދަރީންނަށް ދުވަހަކު ވެސް އަޑު އިވުނު އެއްޗެއް ނޫނެވެ. އެހެނަސް މިހާރު މި އޮތީ ޒަމާން ބަދަލުވެފައެވެ. އަހަރެންގެ ދަރީން މިހާރު ބޮޑެތިވަމުން މި ދަނީ މިއުޒިކާއެކު އެ ލަވަތައް އަޑުއަހަމުންނެވެ. ޒަމާނީ މާހައުލެއްގައެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގެ މީހުންނާ ބައްދަލުވެ ފެނިދެނިވެ، އެ މީހުންގެ އުޅުމާއި ވާހަކަ ދެއްކުން އަޑުއިވޭ މާހައުލެއްގައެވެ. އެ މީހުންގެ އޯގާތެރިކަން ވެސް ފެންނަ މާހައުލެއްގައެވެ. އެންމެ ޒަމާނީ ލަވައާއި އެ ލަވައިގެ މިއުޒިކު އަޑުއަހައިލެވޭ މާހައުލެއްގައެވެ.

މި ހާލީގައި އަހަރެންގެ ދަރީން ބޮޑެތިކުރާން އޮންނަ އިރު އަހަރެންގެ ހިތަށް އަރައެވެ. "ދުނިޔެއަށް އައިސްފައި މި ވަނީ ހާދަހާ ބޮޑު ބަދަލެކެވެ. ޒަމާނީ ތަރައްގީއާއެކު އަހަރެންނަށް ވެސް ރައްކާތެރިކަމާއި އަމާންކަން ދޭން މި މީހުންނަށް އެނގޭ ކަމީ ކޮންފަދަ ބޮޑު ނަސީބެއް ހެއްޔެވެ؟ ހަމަ ހަގީގަތުގައި ވެސް މި ފަދަ ރީތި ދޮންވެލި ބިމެއްގައި ލެއްވުމީ އަހަރެންނަށް ލިބުނު ކޮން ފަދަ ބޮޑު ނަސީބެއް ހެއްޔެވެ؟ އަދި ހަންހާރަވެތި ދިވެހީންގެ އޯގާވެރި މާހައުލުން އަހަރެންނަށް ޖާގަ ލިބުމަކީ އަދި އެއަށް ވުރެ ބޮޑު ނަސީބެއް ނޫން ހެއްޔެވެ؟
........................................

ނޯޓު: މިއީ ނ. މަނަދޫގައި ހުރި ނިކަގަހެއް އެހެން ރަށަކަށް ގެންދިއުމުން ކުރިމަތިވި ކަންތައްތަކެއް، ވާހަކައަކަށް ބަދަލުކޮށް،
ލިޔެފައިވާ ހަގީގީ ހާދިސާއެކެވެ. ވާހަކަ ހުށަހަޅައިދީފައި ވާނީ، ވާހަކައިގެ މައި ޝަޚްސިއްޔަތު ކަމުގައިވާ ދަނޑިފުޅުދޫނިގެ ނަޒަރުންނެވެ.

މި ލިޔުމަކީ ރަށެއްގެ ތަރައްޤީއަށްޓަކައި ގަސްގަހާގެހި ނެގުމުން ދިރޭތަކެއްޗަށް ކުރާ އަސަރު، ދަނޑިފުޅުދޫންޏެއްގެ ނަޒަރުން ކިޔައިދީފައިވާ ޙަޤީޤީ ޙާދިސާއެކެވެ. ނޫނު މަނަދޫގައި ހުރި ބޮޑު ނިކަގަހެއް، ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި މުލާއެކު ނަގައިގެން ގެންދިއުމުން، އެ ގަހުގައި ހާލިހަދައިގެން އުޅުނު ދޫންޏަށް ފުރަތަމަ މާޔޫސްކަމާ ކުރިމަތިލާންޖެހުނެވެ. ނަމަވެސް، އަހަރުތަކަކަށްފަހު އެ ނިކަގަސް ރިސޯޓުގައި ހެދިބޮޑުވެ، ފަތުރުވެރިންނަށް މަރުޙަބާކިޔާ ސަރަޙައްދުގައި ހުރިއިރު، އެ ދޫނި ވަނީ އައު މާޙައުލަށް ހޭނިފައެވެ. އަދި ޒަމާނީ މިއުޒިކާއެކު އިންސާނުންގެ ފަރާތުން ލިބޭ ރައްކާތެރިކަމާއި އަމާންކަމާއެކު، އައު ވެށީގައި އާލާވުމުގެ ފުރުޞަތު އެ ދޫންޏަށް ވަނީ ފަހިވެފައެވެ.

  • ރަށުގެ ތަރައްޤީއާއި ރިސޯޓު ހެދުމަށްޓަކައި ބޮޑެތި ގަސްގަހާގެހި މުލާއެކު ނަގައިގެން ގެންދިއުމުގެ ސަބަބުން ދިރޭތަކެތީގެ އަސްލު މާޙައުލު ގެއްލިގެންދެއެވެ.
  • ނޫނު މަނަދޫން ނެގި ނިކަގަސް ރިސޯޓުގައި އިންދުމުން، އެ ގަސް އަލުން ހެދިބޮޑުވެ، ތިމާވެށްޓަށް އައު ދިރުމެއް ލިބިފައިވެއެވެ.
  • ދަނޑިފުޅުދޫނި ފަދަ ދިރޭތަކެތި، އިންސާނުންގެ ހަރަކާތްތައް ގިނަ ފަތުރުވެރިކަމުގެ މާޙައުލުތަކަށް ހޭނި، ރައްކާތެރިކަން ހޯދުމުގެ ޤާބިލުކަން ހުރިކަން ސާބިތުވެއެވެ.
  • ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ދިރޭތަކެއްޗާއި ތިމާވެށްޓަށް އޯގާތެރިވުމަކީ، ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް