ސުރުޚީގައި އެ ވަނީ މި އަހަރުގެ ބޮޑު އީދުގައި އެންމެ މަޝްހޫރުވި ވީޑިއޯތަކުގެ ތެރެއިން ވީޑިއޯއަކުން އިވުނު ދިވެހި ލަވައެއްގެ ފެށޭ އިބާރާތްކޮޅެވެ. ޅެންވެރިކަމުގެ ހަމަތަކުން ބަލައިފި ނަމަ ދިގު ލަވައެއްގައި ހިމެނޭ މައިގަނޑުގެ ފުރަތަމަ ފޮޅުވަތެވެ. ނުވަތަ ފުރަތަމަ ބައިތުގެ އަޖުޒެވެ. އެ ލަވައިގެ މައިގަނޑުން އިވުނު ދެ ބައިތު ނުވަތަ މައިގަނޑާ މެދު މިއަދު އެއްޗެކޭ ދަންނަވައިލާ ހިތްވީއެވެ. އެކަމަކު އޭގެ ކުރީން އެހެން ވާހަކައެއް ވެސް ދަންނަވައިލާން ބޭނުންވެއެވެ.
އެ ލަވައިގެ މަންޒަރުތައް ފެނުނީމާ ހިތަށް އެރީ، ދިވެހީން ވެސް ހާދަހާވާ ކުޅަދާނައެވެ. ނެށުމުގައި ހުރި ފަރިކަމާއި "ލޫޅާފަތިކަން" އަޅުގަނޑަށް ބަޔާންކުރަން ދައްޗެވެ. ދިވެހި ޒަމާނީ ފޭއްޔެއް އަނދެ ކަޅު ގަމީހެއްގައި، އެ ޒުވާނާ ލަވައިގެ މިއުޒިކާއި ތާލާއެއްވަރަށް އަތާއި ފައި ހަރަކާތްކޮށް، އަދި ހަށިގަނޑުގެ ލެނބުންތައް ހަމަ ކުރަމުން ދިޔައިރު ހަމަ ހިތަށް އެރީ "ސަހަރޯ"އޭ އެވެ. ދިވެހީންނަކީ ހަމަ ހަގީގަތުގައި ވެސް ފަންނުވެރި ހުނަރުވެރި ބައެކެވެ. އެ ނެށުމުގައި ފެނުނު ޒުވާނާއަށް ހިތުގެ ތައުރީފާއި ހައްގު ބަސް ރައްދުކުރުމަށް ފަހު، އެ ޒުވާނާއާއެކު ފެނުނު ޖިންސުއްލަޠީފަށް ވެސް އައްސަރިބަހާއި ސާބަހެވެ. އަޅުގަނޑު ރައްދުކުރި އައްސަރިބަހާއި ސާބަސް އެ ބަޔަކަށް ހައްގުކަން ކަށަވަރު ވަނީ، މީސްމީޑިއާގެ މަންސަތަކުގައި އެންމެ ބާރަށް، އަދި ހަރުއަޑުން މިއަދު އިވެމުންދަނީ އަދި ބަލަމުން ދަނީ އެ ލަވަކަމުގައި ވީތީއެވެ.

ލަވައިގެ ރާގަކީ ދިވެހީން ފަރިތަ ހިންދީ ލަވައެއްގެ ރާގެކެވެ. އެއީ 1970ގެ ތެރޭގައި މަޝްހޫރުވި ފިލްމު "އާން މިލޯ ސަޖުނާ"ގެ ލަވައެކެވެ. މި ފިލްމުގައި ހަރަކާތްތެރިވެފައި ވަނީ، ހިންދީ ފިލްމްތަކުގެ ސުޕާ އިސްޓާ ރާޖޭޝް ކަންނާ އާއި އާޝާ ޕަރެކް އެވެ. އެ ލަވައިގެ މައިގަނޑުގައި ކިޔަނީ އަންނަނިވި ގޮތަށެވެ.
"ޔަހާން ވަހާން ސާރޭ، ޖަހާން މެ ތޭރާ ރާޖް ހޭ ---- ޖަވާނިއޯ ދިވާނީ ތޫ ޒިންދާ ބާދު،
ތެރޭ ހީ ތޮ ސަރު ޕެ މުޙައްބަތުކާ ތާޖު ހޭ ---- ޖަވާނިއޯ ދިވާނީ ތޫ ޒިންދާ ބާދު"
މި ލިޔުން ލިޔަން ފެށީ ދިވެހި ލަވައިގެ މައިގަނޑުގައި ދައްކާ ވާހަކައާ މެދު އެއްޗެކޭ ބުނެލާ ހިތް އޮތަތީއެވެ. ތަންކޮޅެއް ހާސަރު ދިގު ވިޔަސް އިސްވެ ދައްކައިލެވުނީ ކޮންމެހެން ހިމަނައިލުމަށް ހިތް މަޖުބޫރުކުރުވި ވާހަކަތަކެކެވެ. ކިޔުންތެރީންނަށް ބުރައެއް އިހުސާސްވި ނަމަ މާފަށް އެދެމެވެ. ދިވެހި ލަވައިގެ މައިގަނޑު އޮތީ އަންނަނިވި ގޮތަށެވެ.
"ކަލާ ތިހާ ކައިރީ ހުރީމަ ލޯއެޅޭނެޔޭ --------- ވިޔަސް ހެވޭ ނުވިޔަސް ހެވޭ ދެން ބޭޒާރު،
ބަލައިލުމުން ހީވީ ޒުމައްރުދުގެ ތަޚުތުހެން ------- ވިޔަސް ހެވޭ ނުވިޔަސް ހެވޭ ދެން ބޭޒާރު
މި ލަވައިގެ މައިގަނޑުގެ ވިސްނުމަކީ، ރީތި އަންހެންކުއްޖަކު ފެނިގެން އޭނައަށް ހިތް އެދޭތީ އެ ކުއްޖާ ހާސިލުކުރުމަށް މަގުކޮށުމެވެ. މުޅި ލަވައިގެ މައިގަނޑު ވިސްނުމަކީ އެއީ ކަމަށް އަޅުގަނޑަށް ވިސްނެއެވެ. ލަވައިގެ މައިގަނޑުގެ ފުރަތަމަ ފޮޅުވަތުގައި އަޅުގަނޑުމެންނަށް ނޭނގޭ ލަފުޒެއް ނެތެވެ. "ކަލާ ތިހާ ކައިރީ ހުރީމަ ލޯއެޅޭނެޔޭ" ބުނުމުން މި ލަފުޒުތަކުގައި މާނަ ދެނެގަންނަން ޖެހޭ ލަފުޒެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. އެހެނަސް، ފުރަތަމަ ފޮޅުވަތުގައި ދައްކާ ވާހަކައާ މެދު ތަންކޮޅެއް ފުންކޮށް ވިސްނައިލަމާ ހިނގާށެވެ. ގާތުގައި ރީތި އަންހެން ކުއްޖަކު ހުރިއްޔާ އެ ކުއްޖާއާ ދިމާއަށް ލޯއަޅާނީ ހެއްޔެވެ؟ ދިވެހި ބަހުގައި، ޒަމާނުން ސުރެ ދިވެހީން ބޭނުންކުރަމުން އައި "ލޯއެޅުން" މިލަފުޒުގެ މާނައަކީ ކޮބައި ހެއްޔެވެ؟ ބަސްފޮތުގައި "ލޯއެޅުން" މާނަކޮށްފައި އޮތީ، "ނުރުހުމާއެކު ބެލުން" މިއެވެ. ބަސްފޮތުގައި މާނަކޮށްފައި އޮތް އޮތުމުގެ އިތުރުން، ދިވެހިން މި ލަފުޒު ބޭނުކޮށް އުޅުނު ގޮތާ މެދު އަމިއްލައަށް ވެސް ވިސްނައިލަމާ ހެއްޔެވެ؟ އަޅުގަނޑަށް އަޑު އިވިފައި ހުރީ، ނަފުރަތުކުރުމުގެ ނަޒަރަކުން އަނެކާއާ ދިމާއަށް ބަލާބެލުމަށެވެ. ބައެއް ޖުމުލަތައް ދަންނަވައިލާނަމެވެ.
1. އެއްވެފައި ތިބޭ މީހުން ލޯއަޅާ ވަރުން މަގުމައްޗަށް ނުކުމެވޭކަށް ނޯވެއެވެ.
2. ތަނަކަށް ދިޔަޔަސް އޭނާ ހުންނާނީ އަހަންނާ ދިމާއަށް ލޯއަޅައިގެންނެވެ.
3. އަވައްޓެރިޔާ ލޯއަޅާތީ މަގޭ ދަރި ހުންނަނީ ބިރުންނެވެ.
4. ކިރިޔާ ތަނަކަށް ބަލައިލިޔަސް، ހިސާބު ކިޔަވައިދޭ ޓީޗަރު އަހަންނާ ދިމާއަށް ލޯއަޅާނެއެވެ.
މިއިން ކޮންމެ ޖުމުލައެއްގެ މާނައާ މެދު ވިސްނައިލިއަސް "ލޯއެޅުން" މާނަކުރެވެނީ ނަފުރަތާއި ރުޅިވެރިކަން އެކުލެވޭ ލަފުޒެއްގެ ގޮތުގައެވެ. އެހެންކަމަށް ވާނަމަ، ކަލާ ތިހާ ކައިރީ ހުރީމަ ލޯއެޅޭނީ އެ މަންޖެއާ މެދު ނަފުރަތުކުރާތީ ތާއެވެ. ރުޅިއަންނާތީ ތާއެވެ. އޭނާ ނުވަތަ "ކަލާ" ރީތިވެގެން ލޯއަޅާނީއެއް ނޫނެވެ. ކަޅިޖަހައި ނުލައި ބަލާނީއެވެ. ގިނަގިނައިން ބަލާނީއެވެ. އެހެން އެއްވެސް ތަނެއް ބަލައި ނުލައި ހަމަ އެ ކުއްޖާއަށް ބަލާނީއެވެ.
ލޯއަޅާ ކަމަށް ވާނަމަ އެ ކުއްޖާ ވެސް ރުޅި އަންނާނެއެވެ. އަދި ބިރުވެސް ގަންނާނެއެވެ. އެ ކުއްޖާ ހާސިލުކުރަން ބޭނުން ނަމަ އޭނާ ރުއްސާށެވެ. ލޯއަޅައިގެން ރުހޭނެކަމަކަށް ނުދެކެމެވެ. އިންސާނާގެ ކައިރީގައޭ ބުނުމުގެ ބަދަލުގައި ދިވެހިބަހުގެ ހަމަތަކާ އެއްގޮތަށް ބުނެ އުޅޭނީ، "ގާތުގައި" އެވެ. އެހެންވީމާ، ކަލާ ތިހާ ކައިރީގައޭ ބުނުމުގެ ބަދަލުގައި ބުނުން އެންމެ ހެޔޮ ގޮތަކީ، "ކަލާ ތިހާ ގާތުގައި"އެވެ.
މައިގަނޑުގައި ދެން އަންނަ އިބާރާތްކޮޅަކީ ގާތުގައި ހުރި އަންހެން ކުއްޖާއާ ދިމާއަށް ބެލީމާ، ބޭޒާރުވިޔަސް އަދި ބޭޒާރު ނުވިޔަސް ހެޔޮކަމަށް ބުނާ ބުނުމެވެ. މިއީ ވަރަށް ސާދާ ފަސޭހަ އިބާރާތުން ދޭހަވާ ގޮތަށް ބުނެފައިވާ ބުނުމެކެވެ. މިހާރަކަށް އައިސް ދިވެހީން ބޭނުންކުރަމުން އަންނަ "ފަޅާއެރުން" މި ލަފުޒުގެ ބަދަލުގައި "ބޭޒާރުވުން" ބޭނުންކޮށްފައިވާ ރީތި އިބާރާތެކެވެ. އެހެންވީމާ ފުރަތަމަ ދެ ފޮޅުވަތުގައި ދައްކައިފައިވާ ވާހަކައިގެ މާނަ ޖުމުލަކޮށް އެކުލަވައިލީމާ، ޅެންވެރިޔާ ބުނަން ބޭނުންވެފައިވާ ވާހަކައެއް ކަމަށް އަޅުގަނޑަށް ވިސްނެނީ، ކަލާ އަހަރެން ގާތުގައި ހުރީމާ، ކަޅިޖަހައިނުލައި ކަލާއާ ދިމާއަށް އެބަ ބެލެވެ. މި ގޮތަށް ބަލާކަން އެހެން މީހުންނަށް ބޭޒާރުވިޔަސް އަހަރެންނަށް ވަރިހަމައެވެ.
ދެން އަންނަނީ ތިން ވަނަ އިބާރާތެވެ. އެއީ، "ބަލައިލުމުން ހީވީ ޒުމައްރުދުގެ ތަޚުތުހެން" މި އިބާރާތެވެ. އެ ކުއްޖާއާ ދިމާއަށް ޅެންވެރިޔާ ބަލައިލުމުން،ޅެންވެރިޔާއަށް ހީވީ އެ ކުއްޖާއަކީ އެއްޗެއް ހެންނެވެ. އެ އެއްޗަކީ ޒުމައްރަދުގެ ތަޚުތެވެ. އެހެންވީމާ އެ ކުއްޖާ އެއްފަދަ އެ ވަނީ، ޒުމައްރަދުގެ ތަޚުތާއެވެ. ޅެންވެރިޔާއަށް އެ ކުއްޖާ ފެނުނު ގޮތަކުން ޒުމައްރަދުގެ ތަޚުތުހެން ހީވީއެވެ. ދެން އުފެދޭނެ ސުވާލަކީ، މި ކިޔާ ޒުމައްރަދުގެ ތަޚުތަކީ ކޮބައިހެއްޔެވެ؟ ބޮޑު މާ ސިންގާ ތަޚުތަކާ އެ ކުއްޖާ އެއް ފަދަ އެ ކުރީ ކޮން ކަހަލަ އެއްގޮތް ކަމެއް އެ ތަޚުތާ، ކުއްޖާއާ ހުރެގެން ހެއްޔެވެ؟ އޭގެ ތަފުސީލު ދެނެގަންނަން މަސައްކަތް ކޮށްލަމާ ހެއްޔެވެ؟
ލަވައިގައި އަޑު އިވެނީ "ޒުމައްރަދު" މިހެން ކިޔާ އަޑެވެ. ޅެންވެރިޔާ ލިޔުއްވައިފައި އޮތީ ކިހިނެއްކަމެއް ނޭނގެއެވެ. އެހެންނަމަވެސް އުރުދޫ ބަސްފޮތުގައި މި ލަފުޒު ކިޔަންވީ ގޮތެއް ކަމަށް ބުނެދީފައި ވަނީ "ޒަމައްރުދު" އެވެ. "ޒަމައްރުދު" މިއީ ފާރިސީ ލަފުޒެކެވެ. އެ ލަފުޒުގެ މާނައަކީ، ފެހިކުލައިގެ ވަރަށް އަގުބޮޑު ޖަވާހިރެކެވެ. ދެން ދެ ލަފުޒު އެއްކޮށްލައިފައި މާނަ ދެނެގަންނަމާ ހިނގާށެވެ. އެއީ ޒަމައްރުދުގެ ތަޚުތެވެ. މިއީ ތާރީޚާއި އުރުދޫ އަދަބުގައި އެއްޗެއްގެ މޮޅުކަމާއި އަގުބޮޑުކަމާއި ރީތިކަމުގެ މިސާލު ޖެހުމަށް ބޭނުންކޮށް އުޅޭ އިބާރާތެކެވެ. ޒަމައްރުދުގެ ތަޚުތަކީ، މުޣުލް ވެރިކަމުގެ މަޝްހޫރު ޠާއުސްގެ ތަޚުތެވެ. އެ ތަޚުތަކީ މީލާދީ ސަނަތުން 1635ވަނަ އަހަރުގެ ތެރޭގައި ދިއްލީގެ ލާލްޤިލްޢާ އަށް، ޝާހް ޖަހާން ތައްޔާރުކުރި ތަޚުތެކެވެ. އަދި މިއީ އެ ދުވަސްވަރު ތައްޔާރުކުރެވުނު އެންމެ އަގުބޮޑު ފަންނުވެރި މަސައްކަތް ދައްކައިދޭ ތަޚުތެވެ. މި ތަޚުތުގައި ކޯހެނޫރު ޖަވާހިރުގެ އިތުރަށް ޔާޤޫތާއި ބޭޝްބަހާ ކިޔާ ޖަވާހިރުވެސް ހަރުކޮށްފައިވެއެވެ.
މީލާދީ ސަނަތުން 1739ވަނަ އަހަރު އީރާނުގެ ނާދިރު ޝާހް ރަސްގެފާނު، ދިއްލީއަށް ޙަމަލާ ދިނުމަށް ފަހު އެ ތަޚުތު ވަނީ އީރާނަށް ގެންގޮސްފައެވެ. އޭގެ ފަހުން އެ ތަޚުތު ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފައެވެ. އަދި މިހާރު އެ ތަޚުތުގެ ހަލާކުނުވެ ރައްކާތެރިކަމާއެކު ހުރި ބައިތައް ވަނީ އީރާނުގެ ދާރުލްއާސާރަށް ގެންގޮސްފައެވެ.
ތަންކޮޅެއް ދިގު ތާރީޚީ ވާހަކަތަކެއް ދޯއެވެ. އެހެނަސް އެ ވާހަކަތައް ލިޔެލީ، ޅެންވެރިޔާ ބޭނުންކޮށްފައިވާ އަދަބީ އިބާރާތުގެ ބުރަދަން ވިސްނައިލުމުގެ ބޭނުމުގައެވެ.
އެހެންވީމާ، ދެން މި ލަވައިގެ މައިގަނޑުގެ ޖުމުލަ މާނައެއް ދޭހަވޭތޯ ބަލަމާ ހިނގާށެވެ.
އަހަރެންނާ ތިހާ ކައިރީ ކަލާ ހުންނަންޏާ ލޯއެޅޭނެއެވެ. ކަލާއާ ދިމާއަށް ލޯއަޅާކަން އެހެން މީހުންނަށް ބޭޒާރު ވިޔަސް ވަރިހަމައެވެ. އަދި ކަލާއާ ދިމާއަށް ބަލައިލީމާ އަހަރެންނަށް ހީވީ ކަލާއަކީ ޒަމައްރުދުގެ ތަޚުތުހެންނެވެ. މީހުންނަށް ބޭޒާރުވިޔަސް އަދި ބޭޒާރު ނުވިޔަސް ވަރިހަމައެވެ.
މި މާނައަށް ވިސްނާ އިރު، "ލޯއެޅުން" ނުވަތަ ރުޅިވެރިކަމާއެކު މީހަކާ ދިމާއަށް ބެލުމަކީ މުޅި ލަވައިގެ މައިގަނޑު ވިސްނުމާ ފުށުއަރާ ގޮތަށް ޅެންވެރިޔާއަށް ބޭނުންކުރެވިފައިވާ ލަފުޒެއްކަމުގައި ދެކެމެވެ. އެހެނަސް އެއާ ވިދިގެން ދެން އަންނަ އިބާރާތުގައި ބުނެފައިވާ ވާހަކައާ ގުޅުވައި މާނައެއް އެކުލަވައިލެވެއެވެ. ތިން ވަނަ އިބާރާތުގައި އެ އަންހެންކުއްޖާއާ ދިމާއަށް ބަލައިލުމުން ހީވީ ޒުމައްރަދުގެ ތަޚުތުހެން ކަމަށް ބުނެފައި، އޭގެ ފަހަތުން އަންނަ "ވިޔަސް ހެވޭ ނުވިޔަސް ހެވޭ ދެން ބޭޒާރު" މިއީ ތަޚުތުގެ ވާހަކައާ އެއްވެސް ގުޅުމެއް ނެތް އިބާރާތެކެވެ. އަދި ތިން ވަނަ އިބާރާތާ ހަތަރުވަނަ އިބާރާތް ގުޅުވައިގެން ހަމަޖެހޭ ރީތި މާނައެއް ދޭހަކުރުމަށް ދަތިވެއެވެ.
މި ލަވަ ދިވެހީންނަށް ރީތިވެގެން ނުވަތަ ވައިގައި ހިފައިގެން މި އުޅެނީ، ލަވައިގެ މިއުޒިކާއި ރާގު ދިވެހީންނަށް ކަމުދިޔައިމައެވެ. ލަވައިގައި ނަށާ ނެށުމާއި ހަރަކާތްތައް ދިވެހީންނަށް ކަމުދިޔައިމައެވެ. އެހެނަސް އަދަބީ ނަޒަރުން ޅެންވެރިކަމާ މެދު ފުންކޮށް ވިސްނާ ބަޔަކަށް ލަވައިގައި ދައްކަނީ ކޮން ވާހަކައެއްކަން ދޭހަނުވެ ހިނގައިދާނެއެވެ. އަދި މާނަ ހަމަޖައްސަން ދަތިވެދާނެއެވެ.