އައު އަހަރު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް އަންނަ އާންމުން ވެހިކަލްތައް ޕާކުކުރުމުގައި އެހެން މީހުންނަށް ދަތިވާހެން ފަސޭހަގޮތް ޚިޔާރުނުކޮށް، ޕާކުކުރަން އޮންނަ ގަވައިދާ އެއްގޮތަށް ޕާކުކޮށް ފަރުދީ ޒިންމާ އަދާކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ހަނީފް ވިދާޅުވީ، މި ސަރަހައްދުން އެންމެ ބޮޑަށް ފާހަގަވާ އެއް މައްސަލައަކީ ވެހިކަލް ޕާކުކުރުމުގެ މައްސަލަ ކަމަށެވެ. ޚާއްސަގޮތެއްގައި އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވުމުން އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އަންނަ އާންމު ރައްޔިތުން ވެހިކަލް ޕާކުކުރުމުގައި ސަމާލުވާން ހަނީފް ވަނީ އެދިވަޑައިގެންފައެވެ.
މިސާލެއްގެ ގޮތުން ހަނީފް ފާހަގަކުރެއްވީ ހުޅުމާލެ ދެ ފިޔަވަހީގައި ވެސް ދުވާރު މަތީގައި ޕާކުކުރާ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެގޮތަށް ޕާކު ކުރަނީ އެއްވެސް ހާލެއްގައި ޖާގަ ނެތިގެނެއް ނޫން ކަމަށާއި އެއީ އަމިއްލަ ފަސޭހައަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އާންމުގޮތެއްގައި ފަސޭހައަކަށް އެންމެ ކައިރިން ޖެހުނު ތަކެއްގައި ޕާކުކުރުމަކީ މި މުޖުތަމައުގައި އޮތް ނުބައި އާދައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ގިނަބަޔަކު އެއްފަހަރާ އެއްވާ ތަނެއްގައި އެފަދަ މައްސަލަތައް ދިމާވުމުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅުމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެއެވެ.
"ދުނިޔޭގެ ގައުމުތަކުގަ އެބަހުރި 100 ނުވަތަ 200 މީޓަރަށް ޕާކުކޮށްފައި އައިސް ފިހާރައަށް ވަނުން. އެއީ މައްސަލައެއް ނޫން. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ މި ކަލްޗާތެރޭގައި އެބައޮތް ބޭޑް ހެބިޓެއް ފަސޭހަ ގޮތް ޚިޔާރުކުރުން،" ހަނީފް ވިދާޅުވިއެވެ.
"މި ފަސޭހަގޮތް އަޅުގަނޑުމެން ޚިޔާރުކުރާ ޚިޔާރުކުރުން ދޫކޮށްފައި އަނެކާއާ ދޭތެރޭ ވިސްނާ ވިސްނުން އިތުރުކުރަން އެބަޖެހޭ. ފަރުދީ ޒިންމާގެ ތެރެއިން ތިމާ އެ ޕާކުކުރެވެނީ ޕާކިން ޒޯނެއްގަތޯ އަނެކާއަށް ޕާކުކުރުމުގެ ސަބަބުން ދަތިނުވާނެ ގޮތަކަށްތޯ ޕާކުކުރެވެނީ."
މީގެ އިތުރުން ވެސް ފުލުހުން ވަނީ ވަރަށް ގިނަ އިލްތިމާސްތަކެއް ކޮށްފައެވެ.
އޭގެ ތެރޭގައި އައު އަހަރާ ދިމާކޮށް ތަންތަނަށް ދާ މީހުން ގެތަކުގައި ފައިސާއާއި އަގުބޮޑު ސާމާނު ބަހައްޓާފައި ނުދިޔުމަށް ހަނީފް ވަނީ އިލްތިމާސްކުރައްވާފައެވެ. ބަންދު ދުވަސްކޮޅެއް ކަމުން މޫދަށް ދިޔުމާއި ދަތުރުތައް ދިޔުން އާންމުވާނެތީ ފުލުހުން ވަނީ މޫދަށް އެރި އުޅޭ ކުޑަކުދިންގެ ރައްކާތެރިކަމަށް ސަމާލުވާންވެސް އިލްތިމާސްކޮށްފައެވެ.
އައު އަހަރާ ދިމާކޮށް ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފައެވެ. ޑްރަގް އެންފޯސްމަންޓާއި، ހުޅުމާލެ ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އައު އަހަރާ ދިމާކޮށް ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް, ވިއްކާ ވިޔަފާރިކުރުން އިތުރުވާނެ ކަމަށް ބެލެވޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އާ އަހަރު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި، ކުލަގަދަ ޚާއްސަ ހަރަކާތްތަކެއް ބާއްވަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ވަނީ ތައްޔާރުވެފައެވެ. އެގޮތުން 15 މިނެޓުގެ ޚާއްސަ ޑްރޯން ޝޯއަކާއި ބޮޑުބެރުގެ އައިޓަމްތަކާއި ހަވާއެރުވުން ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނާނެއެވެ.