ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިދިފައިވާ މައްސަލަތައް ހައްލު ކުރުމަށް މިދިޔަ ސަރުކާރުން ހަދާފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުން ވެސް ބާތިލްކޮށްފިއެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނީ، މި އެއްބަސްވުންތަކަށް އަމަލުކުރަން ނުޖެހޭ ކަމަށް އޭޖީ ނިންމަވައި، ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް މިއަދު އެކަން އަންގަވާފައިވާ ކަމަށެވެ.
މިދިޔަ ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އުސޫލުގެ ދަށުން ސޮއިކޮށްފައިވާ ބަދަލުދިނުމުގެ އެއްބަސްވުންތަކާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު، އެ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް ވަނީ ނިންމައިފައެވެ. އަދި އެ އެއްބަސްވުންތައް ބާތިލް ކުރުމަށާއި، އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާނަމަ، އެ ބަދަލެއް އަނބުރާ ހޯދުމަށް ވެސް ވަނީ ނިންމައިފައެވެ. މިކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޭޖީއަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ދެންނެވުމަށް ފެންނަކަމަށް އެ ކޮމިޓީން ނިންމައި، އެ ފަރާތްތަކަށް ވަނީ އަންގައިފައެވެ.
މި މައްސަލަތައް އޭޖީ އޮފީހުން ދިރާސާކުރިއިރު، އެ އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނާ ޚިލާފަށް އެކުލަވާލާފައިވާ އުސޫލެއްކަމާއި، އެ އުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ ބަހެއް ނެތި، ވަކި ފަރާތްތަކަކަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަން ފާހަގަކުރެވިފައި ވާކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން، އެ އުސޫލުގެ ދަށުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ސޮއިކޮށްފައިވާ ނުވަ ސެޓްލްމަންޓް އެއްބަސްވުމަކީ، ބާތިލު އެއްބަސްވުންތަކެއް ކަމަށް އޭޖީ އޮފީހުން ވަނީ ނިންމާފައެވެ. އަދި އެއްބަސްވުންތަކަކީ ޢަމަލުކުރަންޖެހޭ އެއްބަސްވުންތަކެއް ނޫންކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް އެ އޮފީހުން އަންގާފައި ވާކަން ވެސް އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި ވަނީ ދައުލަތުގެ އިސް މަގާމެއްގައި ހުރެ، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ، އޭގެ ހައްގުވެރިން ފިޔަވައި އެހެން މީހުންނަށް އޭގެ ނަފާ ހޯދައިދިން ކަމަށް ތުހުމަތުކޮށްފައެވެ. އަދި ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އަމަލުކޮށްފަ އޮތުމުން ކަމަށް ތުހުމަތުކުރެވޭތީ, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ އިތުރުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ތަހުގީގެއް ހިންގުމަށް މަޖިލީހުން އޮތީ މީގެ ކުރިން ނިންމައިފައެވެ.