އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދެ ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރަށް އަންދާޒާ ކުރި ވަރަށް ވުރެ އިތުރަށް، މިމަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އޭޑީއެފާއި ޑިޕާޗާ ޓެކްސް ވެސް ވަނީ ލިބިފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އޭޑީއެފްގެ ގޮތުގައި 1.06 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރަށް އަންދާޒާކޮށްފައިވަނީ 1.03 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވަނީ 930 މިލިއަން ރުފިޔާއެވެ.
މި އަހަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި ވެސް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 1.03 ބިލިއަން ރުފިޔާއެވެ. ނަމަވެސް، ޑިސެމްބަރު ފަސް ވަނަ ދުވަހާ ހަމައަށް 1.04 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 904 މިލިއަން ރުފިޔާއެވެ.
އެހެންކަމުން އޭޑީއެފާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އަދަދު މިހާރު ވަނީ 2.1 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
މި އަހަރަށް ސަރުކާރުން ދެ މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން އަމާޒު ހިފައިފައިވާއިރު، މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 1.9 މިލިއަނަށް އަރައިފައެވެ.
މި މުއްދަތުގައި ދައުލަތަށް 31.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 24.3 ބިލިއަނާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 7.02 ބިލިއަން ރުފިޔާއެވެ.
ޓެކްސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހެވެ. އެއީ 13.2 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ، އޭޑީއެފް ހިމެނޭ ފީތަކެވެ. އޭގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީގެ ގޮތުގައި ލިބުނު 379 މިލިއަން ރުފިޔާ ވެސް ހިމެނެއެވެ.
މި އަހަރަށް ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، މި ސަރުކާރުން ފާސްކުރި ސަޕްލިމެންޓަރީ ބަޖެޓާއެކު ޖުމްލަ ވަނީ 55 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
އޭގެ ތެރެއިން، މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް 43.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ހޭދަކޮށްފައިވަނީ 42.9 ބިލިއަން ރުފިޔާއެވެ.
މި އަހަރުގެ ޚަރަދުތަކުގެ ތެރޭގައި ރިކަރަންޓު ޚަރަދަށް ދިޔަ 30.6 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ދިޔަ 13 ބިލިއަން ރުފިޔާ ހިމެނެއެވެ. އޭގެ ތެރޭގައި:
- މުސާރައަށް: 5.6 ބިލިއަން ރުފިޔާ
- އިނާޔަތްތަކަށް: 4.95 ބިލިއަން ރުފިޔާ
- އާސަންދައަށް: 1.88 ބިލިއަން ރުފިޔާ
- ސަބްސިޑީތަކަށް: 3.44 ބިލިއަން ރުފިޔާ
މީގެ އިތުރުން މި މުއްދަތުގައި ދަރަނި އަދާކުރުމަށް 2.12 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މި ސަރުކާރުން އެއާޕޯޓު ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް، އޭޑީއެފްއާއި ޑިޕާޗާ ޓެކްސް ނަގާ މިންވަރު ވަނީ މިމަހުގެ އެކެއްގައި އިތުރުކޮށްފައެވެ.
ރާއްޖެއިން ފުރާ ފަސިންޖަރުން އަތުން ނަގައި ޓެކްސް ވެސް ބޮޑުކުރަން ފާސްކުރިއެވެ. އެ ބަދަލަކީ؛
- އިކޮނޮމީ ކުލާހުން ފުރާ ބިދޭސީންގެ އަތުން މިހާރު ނަގައި 30 ޑޮލަރު، 50 ޑޮލަރަށް ބޮޑުކުރުން
- ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގައި 60 ޑޮލަރު، 120 ޑޮލަރަށް ބޮޑުކުރުން
- ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގައި 90 ޑޮލަރު، 240 ޑޮލަރަށް ބޮޑުކުރުން
- ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން ނަގައި 120 ޑޮލަރު، 480 ޑޮލަރަށް ބޮޑުކުރުން
އެ ބަދަލާއެކު 1.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު އިތުރުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.