މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް އަރައިފިއެވެ.
މިއީ މިދިޔަ ދެ އަހަރާ އަޅައިބަލާއިރު ވެސް އިތުރު އަދަދެކެވެ. އެ ގޮތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2022ގެ މި މުއްދަތުގައި 1.6 މިލިއަނަށް އެރިއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 1.8 މިލިއަންގައެވެ.
މިއީ ފަތުރުވެރިން އެންމެ ގިނައިން އަންނަ ޕީކް ސީޒަން ކަމަށްވާއިރު، މި ހިނގާ ޑިސެމްބަރު މަސް ފެށިގެން މިހާތަނަށް 82،484 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުގައިވެއެވެ. އެއީ ވެސް މިދިޔަ ދެ އަހަރާ އަޅައިބަލާއިރު އިތުރު އަދަދެކެވެ. އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް 5،502 ފަތުރުވެރިން ރާއްޖެ އަންނައިރު، މި ހިނގާ ޑިސެމްބަރުމަހުގެ ދެ ދުވަހެއްގައި އެ އަދަދު 7،000އަށްވުރެ އިތުރުވިއެވެ.
އާންމުކޮށް ފަތުރުވެރިން ރާއްޖެ އައިސް ހަފުތާއެއްހައި ދުވަސް ހޭދަކުރާއިރު، ފަތުރުވެރިކަންވަނީ މިދިޔަ އަހަރަށްވުރެ 8.9 ޕަސެންޓު ކުރިއަރައިފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ ޗައިނާއިންނެވެ. ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 13.4 ޕަސެންޓު އެ ގައުމުން ހިއްސާ ކުރެއެެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަނީ ރަޝިޔާއިންނެވެ. އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 11.1 ޕަސެންޓެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަށް ފަތުރުވެރިން އަންނަމުންދަނީ ޖަރުމަނުންނެވެ. އެ ގައުމުން ހިއްސާ ކުރަނީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 7.7 ޕަސެންޓެވެ.
މިދިޔަ 2023ވަނަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އިންޑިއާ އޮތީ، ޓޮޕް މާކެޓު ލިސްޓުގެ ހަވަނައިގައެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް ހިއްސާކުރަނީ ރާއްޖެ އައި ފަތުރުވެރިންގެ 6.3 ޕަސެންޓެވެ.
ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގައި 63،092 ޓޫރިސްޓު ބެޑު އެބަހުއްޓެވެ. އޭގެ 67 ޕަސެންޓަކީ ޓޫރިސްޓު ރިޒޯޓުތަކެވެ.
ރާއްޖޭގައި ހުރި 182 ރިޒޯޓުގެ ތެރެއިން 171 ރިޒޯޓެއް އަންނަނީ ހިންގަމުންނެވެ. އަދި 920 ގެސްޓްހައުސްހުރިއިރު، އެ ހުރިހާ ތަނެއްގައި ވެސް އަންނަނީ ޚިދުމަތް ދެމުންނެވެ. ގެސްޓްހައުސްތަކުން ހިއްސާކުރަނީ ޓޫރިސްޓު ބެޑްސްގެ 25 އިންސައްތައެވެ.
ބާކީބައި ހިއްސާކުރަނީ 155 ސަފާރީއާއި އަށް ޓޫރިސްޓު ހޮޓެލްއިންނެވެ.
ފަތުރުވެރިކަމުގައި މި އަހަރަށް ސަރުކާރުން ކަނޑައަޅާފައި އޮތީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒެވެ.