ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތުގައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ އެޓްމޮސްފިއާ ފައުންޑޭޝަނަށް ތިން އަހަރު ފުރިއްޖެއެވެ.
އެޓްމޮސްފިއާ ފައުންޑޭޝަނަކީ ޑިސެމްބަރު 2021 ގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މަގުސަދަކީ އިޖުތިމައީ، އިގުތިސާދީ އަދި ތިމާވެށީގެ ތަރައްގީއަށް ރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުން ކުރާ މަސައްކަތްތަކުގައި އެހީތެރިވެދީ ބައިވެރިވުމެވެ.
އެ ފައުންޑޭޝަންގެ ތިންވަނަ އަހަރީ ދުވަސް ޖެނުއަރީ 16، 2025 ގައި ވަނީ ފާހަގަކޮށްފައެވެ.
އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފުލާގައި ފައުންޑޭޝަނުން ހިންގާފައިވާ އަދި އެހީތެރިކަން ފޯރު ކޮށްދީފައިވާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ. ފައުންޑޭޝަނުން ހިންގާފައިވާ އަދި އެހީތެރިކަން ފޯރުކޮށްދީފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމުގެ ފުރުސަތު ހަފުލާގެ ބައިވެރިންނަށް ވަނީ ދީފައެވެ.
އެ ހަފުލާގައި ފައުންޑޭޝަނުން އެހީތެރި ވެފައިވާ އަމިއްލަ ޖަމިއްޔާތަކާއި، ލޯކަލް ކައުންސިލްތަކުގެ އިތުރުން ސްކޫލުތައް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، ފައުންޑޭޝަން ހިންގުމުގައި އެހީތެރިވެދޭ ރިސޯޓުތަކުން ވެސް ވަނީ ބައިވެރިވެފައެވެ.
އެ ހަފުލާގައި ވާހަކަދައްކަވަމުން ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ހަކީމް ވިދާޅުވީ، އެޓްމޮސްފިއާ ފައުންޑޭޝަންގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ އެކި ޖަމިއްޔާތަކާއި، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން މަދަނީ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.
އެޓްމޮސްފިއާ ފައުންޑޭޝަނުން ތަސައްވަރު ކުރަނީ ދިވެހި ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން އެކަންޏެއް ނޫން. އެއާ އެކު، މާނަހުރި، ހެޔޮ ބަދަލުތައް ގެނައުމަށް، ހީވާގި ބައިވެރިންނަށް އެ ފަރާތްތައް ވެސް ވެގެންދިއުން، އަބްދުލް އަޒީޒް އަބްދުލް ހަކީމް
ފާއިތުވި ތިން އަހަރު ފައުންޑޭޝަނުން ކުރިއަށް ގެންގޮސްފައިވާ މުހިންމު މަޝްރޫތައް ގިނައެވެ. އެގޮތުން، ފާއިތުވި ތިން އަހަރު ތެރޭ އެޓްމޮސްފިއާ ފައުންޑޭޝަނުން މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމާއި ތިމާވެށި ރައްކާތެރި ކުރުމަށް ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި:
- ބެމްބޫ ފޯ ކްލައިމެޓް ޗޭންޖް މިޓިގޭޝަން: މި މަޝްރޫއުގެ ދަށުން ރާއްޖޭގެ 30 ތަނެއްގައި 4000 އަށް ވުރެ ގިނަ އޮނުގަސް އިންދާ ބެލެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުން.
- ރާއްޖޭގެ ރަށްރަށުގައި ފެހިކަން އިތުރު ކުރުމަށް ދިވެހި ސަރުކާރުން ހިންގާ ރަށްފެހި ޕްރޮގްރާމަށް 500 އޮނުގަސް ހަދިޔާ ކުރި.
- ރާއްޖެ އަކީ 2030 ގެ ނިޔަލަށް ކާބަން ނިޔުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ހިއްސާވުން.
- ރާއްޖޭގައި އޮނު އިންދާ ހެއްދުން ދިރާސާ ކުރަން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާއެކު މަޝްވަރާކޮށް، އެއްބަސް ވުމެއްގައި ސޮއި ކުރުން.
- ހދ. ވައިކަރަދޫ ކައުންސިލާ ގުޅިގެން ވައިކަރަދޫގައި ބެމްބޫ ޕާކެއް ގާއިމުކުރުން: އެ ޕާކުގައި 13 ބާވަތުގެ 83 އޮނުގަސް އަންނަނީ ހެދި ފޯދެމުން.
- 2024 ގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކުލަ ގަދަ ކޮށް ހދ. ވައިކަރަދޫގައި ފާހަގަކުރުން.
- ކަނޑުގެ މާހައުލީ ނިޒާމާއި ކަނޑުގެ ދިރުންތަކަށް ލޯބި އިތުރުކުރުމަށް، ޚާއްސަކޮށް ވެލާ، ކަހަނބު ހިމާޔަތް ކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުމަށް ނ. ކެނދިކުޅުދޫގައި 'ވާވޮށި ފެސްޓިވަލް' ބޭއްވުމަށް އެހީތެރިވުން.
އެޓްމޮސްފިއާ ފައުންޑޭޝަނުން ވަނީ ޒުވާނުންނާއި އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށް އާމްދަނީ ލިބޭ މަސައްކަތްތައް ދަސްކޮށް ދިނުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.
އެގޮތުން، ހދ. ވައިކަރަދޫގެ 15 ޒުވާން ކަނބަލުންނަށް ސޮފްޓް ޓޯއީ ހެދުމުގެ ތަމްރީނުދީފައިވެއެވެ. އަދި ތަމުރީނު ނިމުމަށް ފަހު، އުފައްދާ ތަކެތި ވިއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި، ށ. ގޮއިދޫގެ 14 ކަނބަލުންނަށް ވެސް ސޮފްޓް ޓޯއީ ހެދުމާއި އުކާލެވޭ ތަކެތިން އަތްތެރި މަސައްކަތް ކުރުމުގެ ތަމްރީނުދީފައިވެއެވެ.
ހަމައެއާއެކު ޒުވާނުންގެ ހުނަރުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖާއި ގުޅިގެން ފުވައްމުލައް ސިޓީގެ 25 ފަރާތަކަށް ބޭކަރީ، ފަރުނީޗަރު އުފެއްދުން، ހައުސްކީޕިން އަދި ކޮމްޕިއުޓާ ޕްރޮގްރާމިން ކޯސްތަކެއް ވަނީ ހިންގައިފައެވެ. ހިންގުނެވެ. އަދި ރާއްޖޭގައި ފަންނީ ހުނަރުވެރިކަން ދަސްކޮށްދިން ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރު (ޓިވެކް)ގެ ދަރިވަރުންނަށް 'ކެމްޕަސް ޑޭ'އެއް ވަނީ ހިންގައިފައެވެ. އެގޮތުން ޓިވެކްގެ ކޯސްތަކުން ފާސްވި ދެ ދަރިވަރަކު، އެޓްމޮސްފިއާ ރިސޯޓެއްގައި އިންޓާންޝިޕް މިހާރު ދަނީ އަދާ ކުރަމުންނެވެ.
މީގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ޒުވާނުން، މަދުރަސީ ދައުރުގައި ހުނަރުވެރިކަން އިތުރުކުރުމަށާއި ދަރިވަރުންގެ ތައުލީމީ ބިންގާ ހަރުދަނާ ކުރުމަށް އެ ފައުންޑޭޝަނުން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން:
- އިމާދުއްދީނު ސްކޫލްގެ ޖުވެލް ސެންޓަރުގައި ފައުންޑޭޝަނުން "ކައްކާވަތި" ނަމުގައި ޓްރޭނިން ކިޗަންއެއް ގާއިމުކުރުން.
- އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްރަން (އާކް) ޖަމިއްޔާއިން ފ. އަތޮޅުގައި ބޭއްވި 'ސްޕީޗް އެންޑް ހިއަރިން ކޭމްޕް' ސޮޕްންސާ ކޮށްދިނުން.
- އިވުމުން މަހުރޫމްވެފައިވާ މީހުންނާއި އަޑުއިވޭ މުޖުތަމައުގެ މެދުގައި ރަނގަޅު މުއާމަލާތްތަކެއް ހިންގުމަށް މަގުފަހިކޮށްދޭ ސައިން ލޭންގުއޭޖް ވީޑިއޯ ޓިޔުޓޯރިއަލް އުފެއްދުމުގެ މަސައްކަތް، އެ ކަމުގެ ތަޖުރިބާކާރު ފަރާތެއްގެ އެހީތެރިކަމާ އެކު ކުރުން. އެ ޓިއުޓޯރިއަލްތައް މި އަހަރުގެ ކުރީކޮޅު އާއްމު ކުރުމަށް ވަނީ ރާވާފައި.
- "ރީޑް ރައިޓް ވިތް ދަ ރީޑިން ރޫމް" މަޝްރޫއު: މަގުސަދަކީ ދަރިވަރުންގެ މެދުގައި ފޮތް ކިޔުމުގެ ޝައުގުވެރިކަން އިތުރު ކުރުމާއި ފޮތް ކިޔުމަށް ދަރިވަރުން ޝައުގުވެރި ކުރުމަށް ބެލެނިވެރިން ހޭލުން ތެރިކުރުން.
- ފުވައްމުލައް ސިޓީގެ ކުޑަކުދިންގެ ހިޔާ (އަމާންވެށި)ގައި ހުރި ސްޓަޑީ ރޫމަށް ފަރުނީޗަރާއި، ކޮމްޕިޔުޓާ ސިސްޓަމް އަދި ކުޑަކުދިންގެ ފޮތާއި ބޯޑް ގޭމްތައް ފައުންޑޭޝަނުން ހަދިޔާ ކުރުން.
ދޮށީ އުމުރު ފުރައިގެ ފަރާތްތަކަށް އޯގާތެރިވުމާއި ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ފާއިތުވި ތިން އަހަރު އެ ފައުންޑޭޝަނުން ކޮށްދީފައިވާ ކަންތައްތައް:
- އޭޖްޑް ކެއާ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ހަތަރު އަތޮޅުގައި 614 ދޮށީ އުމުރުގެ މީހުންނަށް މެޑިކަލް ޗެކްއަޕް ހަދައި ދިނުން.
- ގޭގެއަށް ޒިޔާރަތްކޮށް އެފަދަ މީހުންގެ ހާލު ބަލައި، ދޮށީ އުމުރުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ސެޝަންތައް ބޭއްވުން.
- ދޮށީ އުމުރު ފުރައިގެ ފަރާތްތަށް ބެލެހެއްޓުމުގައި ޝާމިލުވާ ފަރާތްތަކަށް އަމާޒުކޮށް ކެއާ ގިވާ ވޯކްޝޮޕްތައް ބޭއްވުން.
- ލޮލަށް ޖެހޭ ބަލިތައް ސްކްރީން ކުރުމަށް އޭޖްޑް ކެއާ މޯލްޑިވްސްއާ ގުޅިގެން ކޭމްޕެއް ބޭއްވުން.
- ދޮށީ އުމުރުގެ ހަތަރު ފަރާތަކަށް ލޮލުގެ އޮޕަރޭޝަން ކުރުމަށް އެހީތެރިވުން.
މިދިޔަ އަހަރު އާދަޔާ ޚިލާފު ހުނަރުވެރި އަދި ވިސްނުން ހުރި 10 އަހަރުގެ ކުއްޖެއް ފައުންޑޭޝަނުން ވަނީ ސްޕޮންސާކޮށްފައެވެ. އެއީ ށ. ގޮއިދޫއަށް ނިސްބަތްވާ 10 އަހަރުގެ އިޔާޝްއެވެ. އެ ކުއްޖާއަކީ އުކާލެވޭ ތަކެތި އެއްކޮށްގެން، އޭގެ ބައިތަކުން އިލެކްޓްރޯނިކް ސާމާނު އުފެއްދުމުގެ ޝައުގުވެރިކަން ހުރި ތުއްތު ކުއްޖެކެވެ. އެ ކުއްޖާގެ ހުނަރުވެރިކަން އިތުރުކޮށް ހިތްވަރު ދިނުމުގެ ގޮތުން ފައުންޑޭޝަނުން އޮންލައިން ޓްރޭނިންއާއި މެންޓަޝިޕް އަދި ކިޔެވުމުގައި އެހީތެރިވުމަށް ބައެއް ސާމާނު ވަނީ ހަދިޔާ ކޮށްފައެވެ.