ފަތުުރުވެރިންނަށް ދެން ރާއްޖެއިން ފުރޭނީ ބޮޑު ޓެކުހާއި ފީ ދައްކާފައި

އެއާޕޯޓުން ބަޔަކު ފުރަނީ: ފުރާ މީހުން އަތުން ނަގައި ޓެކުހާއި ފީ ވަނީ ބޮޑުކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖެއިން ފުރާ ފަސިންޖަރުންގެ އަތުން ނަގައި ފީއާއި ޓެކުހުގެ ގާނޫނަށް ގެނައި އިސްލާހާ އެކު މިއަދުން ފެށިގެން ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވަލޮޕްމަންޓަލް ފީ ބޮޑުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުރިހާ ޓެކުހެއް ވެސް، ބޮޑުކުރާ އަދަދުތަކަށް އެއްވެސް ބަދަލެއް ނުގެނެސް ހުށަހެޅި ގޮތަށް ބޮޑުކުރަން މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޫބަރު 31 ގައެވެ. މިއީ އާމްދަނީ އިތުރުކުރުމުގެ ގޮތުން ސަރުކާރުން އެޅި ފިޔަވަޅެކެވެ.

https://sun.mv/198606

މި ބަދަލާ އެކު އިކޮނަމީ ކްލާހުގައި ދަތުރުކުރާ ދިވެހިން ފިޔަވައި، އެ ނޫން އެހެން މީހުންގެ ޓިކެޓުތައް އަގުބޮޑުވާނެއެވެ.

މިއަދުން ފެށިގެން އައި ބަދަލުތައް:

  • އިކޮނަމީ ކުލާހުން ފުރާ ބިދޭސީންގެ އަތުން ކުރިން ނެގި 30 ޑޮލަރު، 50 ޑޮލަރަށް ބޮޑުވުން
  • ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނެގި 60 ޑޮލަރު، 120 ޑޮލަރަށް ބޮޑުވުން
  • ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނެގި 90 ޑޮލަރު، 240 ޑޮލަރަށް ބޮޑުވުން
  • ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން ނެގި 120 ޑޮލަރު، 480 ޑޮލަރަށް ބޮޑުވުން

މިއީ އާމްދަނީ އިތުރުކުރަން މި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ފިޔަވަޅުތަކެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވާގޮތުން އިސްލާހީ ފިޔަވަޅުތަކާ އެކު އަންނަ އަހަރުގެ އާމްދަނީއަށް 4.9 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މީގެ އިތުރުން، ގްރީން ޓެކްސް ވެސް ދެ ގުނައަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ. އެގޮތުން، ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ނަގާނީ 12 ޑޮލަރެވެ. އަދި، ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ހަ ޑޮލަރު ނަގާނެއެވެ.

މި ބަދަލާ އެކު އަންނަ އަހަރު އެ ޓެކްސްގެ ގޮތުގައި ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

comment ކޮމެންޓް