ހުޅުމާލޭގައި މިހާރު ކުރިއަށްދާ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު ހޫނުވެ، ބައެއް މީހުން ބެލުމުގެ ދަށަށް ގެންގޮސް، އެއްބާރުލުން ނުދޭ ކާރު ޑްރައިވަރުންގެ ކާރުތައް ޓޯކުރާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
މިއަދު ހަވީރުއްސުރެ ޑްރައިވަރުން އަންނަނީ ހުޅުމާލޭގައި އިހުތިޖާޖުކުރަމުންނެވެ.
އިހުތިޖާޖު ހޫނުވީ، އެ ޑްރައިވަރުންގެ ޑިމާންޑުތަކަށް ޖަވާބެއް ލިބުމެއް ނެތި ގިނައިރުވެ، ހުޅުމާލެއިން ހައިވޭއަށް އެރެން އޮންނަ މަގު ޑްރައިވަރުން ނިކުމެ ބަންދުކުރުމުންނެވެ.
އެއާއެކު ވަަރަށް ބޮޑަށް ޓްރެފިކް ބްލޮކްވެ، މުޅި ސަރަހައްދު އޮތީ ތޮއްޖެހިފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173393820863uxvp.jpg)
ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ/ އަލީ ރަޝީދު
އެހެންވެ، ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ އިހުތިޖާޖު ރޫޅާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މަގު ހުޅުވޭތޯ ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި ފުލުހުންވަނީ އެއްބާރުލުން ނުދޭނަމަ ކާރު ޓޯކުރާނެކަމުގެ އިންޒާރު ވެސް ދީފައެވެ. އަދި މިހާރު ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.