ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ފުލުހުން ނަގަނީ

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ފުލުހުން ނަގަނީ -- ފޮޓޯ/ ފުލުހުން

ހުޅުމާލޭ މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ފުލުހުން މިއަދު ނަގަން ފަށައިފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މިއީ ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށާއި ޕާކް ކުރާނެ ޖާގަ ހެދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ ގަވާއިދާ ޚިލާފަށް މާލޭގެ ބާރުބޮޑު ބައެއް މަގުތަކުގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކޮށްފައެވެ.

މިދިޔަ އަހަރު ވެސް އެކި ފަހަރުމަތިން ފުލުހުންނާއި މާލޭ ސިޓީ ކައުންސިލުން އަދި އެކި އިދާރާތަކުން ވަނީ މިފަދަ މަސައްކަތްތައް ކޮށްފައެވެ.

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ފުލުހުން ނަގަނީ -- ފޮޓޯ/ ފުލުހުން

އެގޮތުން، ކުންޏަށް ވެފައިވާ ބާ އުޅަނދު ނައްތާލުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން މީގެކުރިން ކޮށްފައިވެ. މީގެ ތެރެއިން އެއް ދުވަހެއްގެ މަތިން 224 ސައިކަލެއް ނެގި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން މީގެކުރިން ވަނީ ސިލްސިލާ ގޮތެއްގައި މާލޭ މަގުމަތީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ކޮށްފައެވެ.

ވެރިރަށް މާލޭގެ މަގުތަކުގެ 65 ޕަސެންޓު އަބަދު ވެސް ހިފައިފައި އޮންނަނީ ޕާކުކޮށްފައި އޮންނަ އުޅަނދުތަކުން ކަމަށާއި، މި ކަމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް