ބިންވެރިޔާ ސްކީމުގެ ތެރެއިން ހައްގު ނޫން ބަޔަކަށް ގޯތި ދިން މައްސަލައިގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ މައްޗަށް ކުރަނީ، އެ ތަނުގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތައިލަން އުޅުނު ކަމުގެ ތުހުމަތު ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ނުހައްގުން ގޯތި ދިން މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރަނީ ފަޒުލް ރަޝީދަށެވެ. މި މައްސަލައިގައި ނުހައްގުން ގޯތި ލިބުނު މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދުފަޒީލް ރަޝީދު ހިމެނެއެވެ.
މި މައްސަލައިގެ ތަހުގީގަށް ޖާގަދޭން ކަމަށް ބުނެ މިދިޔަ ޑިސެންބަރު 21ގައި ފަޒުލް މަގާމުން އިސްތިއުފާ ދެއްވީއެވެ.
ފުލުހުން ބުނީ ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއެކު، މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި އޭނާ ފުރުން މަނާކުރުމަށް ނެރުނު އަމުރު އަދި ވެސް ދެމި އޮތް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ފަޒުލްގެ މައްޗަށް ކުރަނީ، އެޗްޑީސީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތައިލަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.
މައްސަލައިގެ ތަހުގީގަށް ފުލުހުން ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު ދަބަހެއްގެ ތެރެއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ފެނިފައެވެ.
އެ ކަމާ ގުޅިގެން ރިލެކްސް ފެރީ ސާވިސްއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، 2022 ވަނަ އަހަރު ފަޒުލް ކުންފުންޏާ މުއާމަލާތްކޮށް ލޯންޗެއް ބަނދެފައިވާނެ ކަމަށް ބުނެފައެވެ. އެ ފަހަރު ބަނދެފައިވާ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން އެހެން ލޯންޗެއް ބަންނަން މިދިޔަ މަހު ކުރީކޮޅު ފަޒުލަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ހަވާލުކުރި ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރެފައިވާ ބިންވެރިޔާ ސްކީމްގެ ފައިނަލް ލިސްޓުގައި ފަޒީލްގެ ނަން އޮތެވެ. ނަމަވެސް، އޭނާއަށް އޮތީ ޝަރުތު ހަމަނުވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އޭނާއަށް ކުރިން ގޯއްޗެއް ލިބިފައި އޮތުމެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ފަޒީލާ ސުވާލުކޮށްފައި ވާނެ ކަމަށެވެ. ގޯއްޗަށް ޝަރުތު ހަމަނުވުމުން އެކަމުގެ ޝަކުވާ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާ ކުރެއްވި ކަމަށް ފަޒީލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފަޒުލް ކުރިން ވިދާޅުވީ، އެ ކަމުގައި އޭނާގެ މަސްލަހަތެއް ނެތް ކަމަށާއި، އެފަދަ މައްސަލައެއް ފެންމަތިވީ އޭނާގެ ބޭބެއާ ގުޅޭ ގޮތުން ކަމަށްވުމަކީ އިއްތިފާގެއް ކަމަށެވެ.