މި ސަރުކާރުން ސުޕްރީމް ކޯޓާ ވެސް ކުޅޭނެ، ކުރާނީ ޚުދުމުޚުތާރު ވެރިކަމެއް: ޞާލިޙް

މި ސަރުކާރުން މިހާރު ނުކުޅެ އޮތީ ހަމައެކަނި ސުޕްރީމް ކޯޓާ ކަމަށާއި އެ ތަނުގެ ބެންޗު ވެސް ބަދަލުކުރާނެ ކަމަށާއި އެއަށް ފަހުގައި ޚުދުމުޚުތާރު ވެރިކަމެއް ކުރާތަން ފެންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީގެ ދިފާއުގައި އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ.

ޞާލިޙް ވިދާޅުވީ، ގާނޫނުއަސާސީގައި ލިޔެފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމަކީ މީހަކު ތަބަކަށް ލާފައި ދިން އެއްޗެއް ނޫން ކަމަށެވެ. މިނިވަންކަމާއި ހައްގުތަކަކީ ގަދައަޅައި މަސައްކަތް ކޮށްގެން ހޯދަންޖެހޭ އެއްޗެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ ހައްގުތަކުގެ ދިފާއުގައި ރައްޔިތުން ނުކުންނަން ގޮވާލައްވައިފައެވެ.

"އެންމެން ނުކުންނަންވީ. އަޑުއަހަން މަޖުބޫރުވާނެ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަން މަޖުބޫރުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް: އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރާނީ ޚުދުމުޚުތާރު ވެރިކަމެއް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ މަނިކުފާނު ވިދާޅުވީ، ހައްގުތައް ހޯދަން ރައްޔިތުން ނުނުކުމެއްޖެ ނަމަ، މި ސަރުކާރުން ޚުދުމުޚުތާރު ވާނެ ކަމަށެވެ.

އެ ގޮތުން، މަޖިލީހުގައި އޮތް ރައްޔިތުންގެ ބާރު މިހާރު އެއްކޮށް ކަނޑުވާލާފައިވާ ކަމަށް ޞާލިޙް ތުހުމަތުކުރެއްވިއެވެ. މަޖިލީހުގެ ބާރު ކަނޑުވާލައި، ހުރިހާ ބާރެއް މުށުތެރެއަށް ޖަމާކުރާ ކަމަށް ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ ދެން މި ސަރުކާރުން ކުޅޭނީ ސުޕްރީމް ކޯޓުގެ ބެންޗާ ކަމަށް ވިދާޅުވެފައެވެ.

"މި ސަރުކާރުން ދެން އަޅާނެ ފިޔަވަޅަކީ ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރުން. އެކަން ނުކޮށެއް ހުއްޓައެއް ނުލާނެ. ހަގީގީ މި ސަރުކާރުގެ ސިފަ ފެނިގެންދާނީ އޭރުން،" ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތުގައި ވެސް އުޅުއްވި އެ މަނިކުފާނު ވިދާޅުވީ، ގާނޫނުއަސާސީގެ ޑްރާފްޓް ފުރަތަމަ އައިއިރު އޮތީ ހުރިހާ ބާރެއް އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް އެކަނި ކަމަށެވެ. އެކަމަކު، އެ ޖުމުލައިގެ ފަހަތަށް، "ބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައޭ" ލިޔަން ހުށަހެޅުއްވީ ކުރީގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ ދިފާއުގައި އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާ -- ސަން ފޮޓޯ/ މޫސާ ނަދީމް

"ގާނޫނުއަސާސީގައި އަޅުގަނޑުމެން ހައްގުތަކެއް ލިޔުނިން. މިއަދު އަޅުގަނޑުމެން އެއްވެ މި ތިބީ އެ މިނިވަންކަން ދިފާއުކުރަން،" ޞާލިޙް ވިދާޅުވިއެވެ.

"....ސަރުކާރެއް ރައްޔިތުން އިންތިޚާބުކުރަނީ ކުރިއަށް ވުރެ ރަނގަޅު ހެޔޮ ބަދަލެއް ބޭނުންވާތީ. ރައްޔިތުން ވޯޓުލަނީ އެ ބޭނުމުގައި. އެހެންނަމަވެސް މި ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރުގައި ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ،"

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ މިސްރާބު ހުރީ ޚުދުމުޚުތާރު ވެރިކަމަކާ ދިމާއަށް ކަމަށެވެ.

މިހާރު މުށުތެރެއަށް ނުލެވި އޮތީ ހަމައެކަނި ކޯޓުކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ވެސް އަދި ބަދަލުކުރާނެ ކަމަށެވެ. އެއަށް ފަހުގައި މި ސަރުކާރުން ޚުދުމުޚުތާރު ވެރިކަމެއް ކުރާތަން ފެންނާނެކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

އެމްޑީޕީގެ ޖަލްސާގައި އެ ޕާޓީގެ ލީޑާޝިޕް: އެ ޕާޓީން މިރޭ ޖަލްސާ ބާއްވަނީ ގާނޫނުއަސާސީގެ ދިފާއުގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ވާހަކަފުޅު ނިންމަވައިލެއްވުމުގެ ކުރީގައި ޞާލިޙް ވަނީ އެއްވުން ބާއްވާތީ ވައުދުތައް ފުދޭނަމަ، ގިނަގިނައިން އެއްވުންތައް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައި ސަރުކާރުގެ ފަރާތުން ހުށަހަޅައިގެންނެވެ. ހުށަހެޅި ދުވަހު، މަޖިލީހުން ފާސްކޮށް، ރައީސް ވަނީ އިސްލާހުތައް ތަސްދީގުކުރައްވައިފައެވެ. އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަނީ، މަޖިލީސް މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ.

އެމްޑީޕީން މިރޭ ވަނީ އެ އިސްލާހާ ދެކޮޅުވެގެން އެ ގޮތަށް ގޮނޑި ގެއްލޭ މެންބަރުންނަށް އެހީވާން އިގުރާރުވެފައެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ މައްސަލަ މިހާރު ވެސް އޮތީ ސުޕްރީމް ކޯޓުގައެވެ. ސުޕްރީމް ކޯޓު ރިސެސްއަށް ދިޔައިރު އެ މައްސަލަ އަދި އެޖެންޑާކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް