ތިނަދޫ ސިޓީގެ ބަނދަރުމަތީގައި ހަރުކޮށްފައިވާ މޮނިއުމަންޓެއް ހެދުމުގައި އެ ސިޓީގެ މޭޔަރު ސަޢުދު އަލީ ކޮރަޕްޝަނުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އިއްޔެ ހުށަހަޅައިފިއެވެ.
މި މައްސަލަ އޭސީސީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ.
އެ ސިޓީގައި ވަނީ، ތިނަދޫގެ ބަނދަރުގައި ހަރުކޮށްފައިވާ މޮނިއުމަންޓު ހެދުމަށް ވާއްޓޭ އިންވެސްޓުމަންޓަށް ނޭނގި، އެ އިންވެސްޓުމަންޓްގެ ނަމުގައި ބިޑު ނަގައިގެން އެ މަސައްކަތް ތިނަދޫ ސިޓީ ކައުންސިލްގެ މުވައްޒަފުން ލައްވާ ކުރުވާފައިވާ ކަމަށެވެ.
އެގޮތުން، އެ މޮނިއުމަންޓުގެ މަސައްކަތް ތިނަދޫ ފުލެޓުތައް ކައިރީ އޮންނަ ކައުންސިލްގެ ބިމެއްގައި ކުރުވި ކަމަށާއި ވާއްޓޭ އިންވެސްޓްމަންޓުގެ ނަމުގައި ބިލުކޮށްގެން އެ އިންވެސްޓުމަންޓުގެ ލިޔުމެއް ނެތި އެހެން ފަރާތެއްގެ އެކައުންޓަށް މަސައްކަތުގެ ޕޭމަންޓު ޖަމާކޮށްފައިވާ މައުލޫމާތު ލިބިފައިވާ ކަމަށް އޭސީސީއަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

ގ.ދ. ތިނަދޫ: މެންބަރު ސައުދު ﷲ ވަނީ މޮނިއުމަންތެއް ހެދުމުގައި އެ ސިޓީގެ މޭޔަރު ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށް ވިދާޅުވެ، މައްސަލަ ބަލަން އޭސީސީއަށް ހުށަހަޅުއްވާފައި --- ފޮޓޯ / ސްޓޫޑިއޯ33
ސިޓީގައި ބުނީ، ކައުންސިލްގެ ބީއެމްއެލް އެކައުންޓުން އެ ޕޭމަންޓު ޖަމާކޮށްފައިވަނީ ޝޮމާސާ އިންވެސްޓުމަންޓްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ. ޝޮމާސާ އިންވެސްޓުމަންޓަކީ އެ ސިޓީގެ މޭޔަރު ސައުދުގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
އޭސީސީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ ޝޮމާސާ އިންވެސްޓުމަންޓަށް ފައިސާ ޖަމާކުރި ސްލިޕާއި ޝޮމާސާ އިންވެސްޓުމަންޓަކީ ތިނަދޫގެ މޭޔަރުގެ އިންވެސްޓުމަންޓެއްކަން އެނގޭނެ ލިޔުން އޭސީސީއަށް ފޮނުވާފައެވެ.
އެހެންވެ، އެ މައްސަލަ ބަލައިދޭން އޭސީސީގައި ވަނީ އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން، ތިނަދޫ ސިޓީއަކަށް ހެދި ގޮތާ ގުޅޭ ގޮތުން ވެސް ހިޔާލުތަފާތުވުން އުފެދި، މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިއެވެ.