މެންބަރުން ގޮވައިލީ ވަގުތުން ވަގުތަށް ފައްޔާޒު ހައްޔަރުކުރަން

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް -- ފޮޮޓޯ/ އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ރައްޔިތުންނަށް ދެރަ ގޮތެއް ހައްދަވައިފި ނަމަ، ހައްދަވަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީއަށް ހެއްދެވި ގޮތް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކައާ ގުޅިގެން މެންބަރުން ފައްޔާޒާ ދެކޮޅަށް މިއަދު ނުކުމެއްޖެއެވެ.

އެ މައްސަލަ ހޫނުވެ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ. މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު ހުށަހެޅުއްވި އެ ކުއްލި މައްސަލަ ވަނީ ބަލައިގެންފައެވެ. އެ ކުއްލި މައްސަލައަށް ބަހުސްކުރައްވާ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ ފައްޔާޒަށް ބޮޑެތި ތުހުމަތުތައް ކުރައްވާ، އެ މައްސަލަ ތަހުގީގުކޮށް ފައްޔާޒު ހައްޔަރުކުރަން ގޮވާލާފައެވެ.

ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް -- ފޮޓޯ/ މަޖިލިސް

ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، ފައްޔާޒު އެފަދަ ވާހަކައެއް ދެއްކެވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނަވައިގެން އޭނާ ކުރެއްވި ވައްކަންތައް މި ސަރުކާރުން ބަލާފާނެތީ ރައީސް މުއިއްޒު އަވަހާރަކޮށްލައި މި ސަރުކާރު ވައްޓާލުމުގެ މަގުސަދުގައި ކަމަށެވެ.

"މީހަކު މަރާލީމަތޯ ތަހުގީގުކުރަންވީ؟ ނުވަތަ މަރާލަން ގޮވީމާ ނުވަތަ އިންސާނެއްގެ ފުރާނައަށް ގެއްލުންދޭ ހިސާބަށް ކަންތައްތަކާއި ބަހުގެ އަމަލުތައް ދާން ފެށީމާ އެ ހިސާބުން ތަހުގީގުކުރާކަށް ނުވޭތޯ؟ މިހާރު ވެސް އަޅުގަނޑު މި ގޮވާލަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ހިފާ ހައްޔަރުކޮށް އޭނާގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނުގައިވާ އެންމެ މަތީ އަދަބު ދޭން،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، މިހާރު އެމްޑީޕީ "ބައިބައިވެ ކުދިކުދިވެފައި" އޮތުމުން އެ ޕާޓީން ސަރުކާރާ ދެކޮޅަށް އެފަދަ އަމަލުތައް ހިންގަނީ ކަމަށެވެ. އެމްޑީޕީގެ އަމާޒަކީ މުޒާހަރާކޮށް ގައުމު ހަލަބޮލިކުރުން ކަމަށް ވިދާޅުވިއެވެ. އަދި، ފައްޔާޒުގެ އެ އަމަލަކީ އަމިއްލައަށް "ކަރަށް ދަންމަޅި" ހަރައިގެން ހުރުން ކަމަށް އައްބާސް ވިދާޅުވިއެވެ.

މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު --- ފޮޓޯ/ މަޖިލިސް

މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ، ފެންނަނީ ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން މުޅި ގައުމު ހަލަބޮލިކޮށްލުމަށްޓަކައި މަސައްކަތްކުރަމުންދާ މަންޒަރުކަމަށެވެ. ރައީސް މުއިއްޒު އަވަހާރަކޮށްލަން ގޮވުމަކީ އިދިކޮޅުން މަސައްކަތްކުރަން ޖެހޭ ގޮތް ނޫންކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ކަންކަމަށް ގޮވާލާ މީހުން ވަގުތުން ވަގުތަށް ހައްޔަކުރުމަށް ރިފާއު ގޮވާލެއްވިއެވެ.

"އިއްޒަތްތެރި ރައީސް. އަޅުގަނޑު ގޮވާލަން މިއަދުން މިއަދަށް ވަގުތުން ވަގުތަށް އެ ކަންކަމަށް އެ ގޮވައިލާ ފަރާތްތައް ހައްޔަރުކޮށް އެ ބޭފުޅުންގެ ތަހުގީގު ހިންގަން ކަމާބެހޭ ވުޒާރާތަކަށް. މި ކަހަލަ ކަންކަން ދޫކޮށްލައިފި ކަމަށް ވާނަމަ މާދަމާ މީގެން ނުކުމެދާނެ ނަތީޖާ ވަރަށް ހިތިވެދާނެ،" ރިފާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އަމަލަކީ ޓެރަރިޒަމަށް މަގުފަހިވާ އަމަލަކަށްވުމުން، ޓެރަރިޒަމްގެ އަމަލުތައް މަނާކުރުމަށް ގާނޫނުއަސާސީން ބާރުއަޅާކަމަށެވެ. އެގޮތުން، ބޮޑެތި ކުށްތައް ބަޔާންކޮށް އެކަމުގެ އަދަބުތައް ވެސް ކަނޑައެޅިފައިވާކަމަށް ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު -- ފޮޓޯ/ މަޖިލިސް

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، އެމްޑީޕީން މަސައްކަތްކުރަނީ ގައުމު ހަލަބޮލި ކުރުމަށް ކަމަށެވެ.

ޝުޖާއު ވަނީ ފައްޔާޒުގެ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އެއީ އެމްޑީޕީން އަލަށް ކުރަން ފެށިކަމެއް ނޫން ކަމަށާއި ރައްޔިތުން ވެސް މިއަދު އެފަދަ މީހުންނާ ދޭތެރޭ ވިސްނަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެމްޑީޕީއަކީ އެއްވެސް އިރެއްގައި ރައްޔިތުންނަށް ހެޔޮއެދޭ ބައެއް ނޫން ކަމަށާއި އެ ޕާޓީއަކީ މި ގައުމަށް "ތުރާލެއް" ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެމްޑީޕީގެ ލީޑަޝިޕުން ރާވައިގެން ކުރާ ކަމެއް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. އެ ޕާޓީން މިހާރު ކުރަމުންދާ ކަމަކީ ރައީސް މުއިއްޒު މި ގައުމުގެ މަންފާއަށް ކުރައްވާ ކޮންމެ ކަމެއް ހުއްޓުވުން ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.

އެމްޑީޕީން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ "އަނިޔާވެރިވެއްޖެ ނަމަ އަނިޔާވެރިވާނެ" ކަމަށް ވިދާޅުވެފައެވެ. އަނިޔާވެރިވާނަމަ، ތާރީޚުގެ ފޮތްތަކުން ރާއްޖޭގެ ރައްޔިތުން "ކުޅޭނެ" ކަމަށް ވެސް ވިދާޅުވެފައެވެ.

ފައްޔާޒު އެފަދައިން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި އެމްޑީޕީން މި ފަހުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު އަމީނާ ގުޅޭ ގޮތުން މީހަކު ދެއްކި ވާހަކައަކާ ގުޅިގެންނެވެ. އޭނާ ވަނީ، ރައްޔިތުންނަށް ދެރަގޮތްވީމާ ހަދަންޖެހޭނީ އަމީނަށް ހެދިހެން ނޫން ކޮން ގޮތަކުންތޯ ސުވާލު އުފައްދަވައިފައެވެ.

ފައްޔާޒުގެ އެ ވާހަކައާ ގުޅިގެން ޕީއެންސީގެ މެންބަރުން ވަނީ ތަކުރާރުކޮށް ފައްޔާޒުގެ ވާހަކަތައް ބަލާ ތަހުގީގުކުރުމަށް ގޮވާލާފައެވެ.

އެމްޑީޕީން އަންނަނީ ގާނޫނުއަސާސީގެ ދިފާއުގައި ނަމުގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް