މި އުޅެނީ ވެރިކަން ވައްޓައިލާކަށް ނޫން، ސަރުކާރު ޖަވާބުދާރީކުރުވަން: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަނީ ވެރިކަން ވައްޓާކަށް ނޫން ކަމަށް -- ފޮޓޯ/ އެމްޑީޕީ

ވެރިކަން ވައްޓާލުމަކީ އެމްޑީޕީން ކުރާނެ ކަމެއް ނޫން ކަމަށާއި، އެ ޕާޓީން މަސައްކަތްކުރަނީ ސަރުކާރު ޖަވާބުދާރީކުރުވަން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން "ގާނޫނުއަސާސީގެ ދިފާއުގައި" ސިލްސިލާކޮށް ބާއްވާ ބޮޑު ސައްލާގައި ރޭ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، މިހާރު އޮތް ވެރިކަން އަނިޔާވެރިކަމަށް ބަދަލުވެގެންދާ ދިޔުން ހުއްޓުވުމަށްޓަކައި ތާއަބަދު އެމްޑީޕީން އިހުތިޖާޖުކޮށް އަޑުއުފުލަންޖެހޭ ކަމަށެވެ. މިއަދު ފެންނަނީ އާދައިގެ ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ވިސްނުމެއްނެތި ކަންކަން ކުރަމުންދާ މަންޒަރު ކަމަށާއި އާންމު ރައްޔިތު މީހާގެ ޖީބަށް "އަތްކޮށްޕައިގެން" ދައުލަތް ހިންގަން އުޅެނީ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ނަމަވެސް، އެމްޑީޕީން ސަރުކާރު ޖަވާބުދާރީކުރުމުގައި ސާބިތުވެ ތިއްބަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ވިސްނުމަކީ އެއްވެސް ހާލެއްގައި ވެރިކަން ވައްޓާލުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަގުމަތިން ދާއިރުގައި، މިސްކިތަކަށް ވަންނައިރުގައި، ހޮޓަލަކަށް އަރާއިރުގައި، މުސްކުޅި އުމުރުން ފެށިގެން އައިސް ޒުވާނުންނަށް ދަންދެން މި ބުނަނީ މި މީހުން ވެރިކަމުން ބާލަންޖެހެއޭ. އަޅުގަނޑުމެން އެބަ ދަންނަވަން އަޅުގަނޑުމެން މިއީ މީހުން ވެރިކަމުން ބާލާ ބައެއް ނޫނޭ،" ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ހަމަމަގަށް މީހުން އަޅުވާ ބައެކޭ. އަޅުގަނޑުމެން ކުރަން މި އުޅޭ މަސައްކަތަކީ ގާނޫނުއަސާސީގެ އިމުގެ ތެރެއިން މި ސަރުކާރު ޖަވާބުދާރީކުރުވުން،"

އޭނާ ވިދާޅުވީ، ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަކީ ގާނޫނުއަސާސީ ނުގެނައުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ، ވަރަށް އަނިޔާވެރިކޮށް ދިވެހި ރައްޔިތުންނާ ދޭތެރޭ އަމަލުކުރައްވަމުން ގެންދެވި ބޭފުޅުން ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންނަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ ހައްގުތައް ނިގުޅައިގަންނަން މަސައްކަތްކުރާނެ ކަމާދޭތެރޭ އެއްވެސް ވަރަކަށް ހައިރާން ނުވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ ދިފާއުގައި ނަމުގައި އެމްޑީޕީން ރޭ ބޭއްވި ސައްލާގެ ތެރެއިން: އެ ޕާޓީން ވަނީ އަންގާރަ ދުވަހު ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައި -- ފޮޓޯ/ އެމްޑީޕީ

"ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ދިވެހިރާއްޖޭގަ މި އޮތް ގާނޫނުއަސާސީ ހޯދީވެސް އެމްޑީޕީންކަން. އަދި ދިފާއުކުރާނީ ވެސް އެމްޑީޕީންކަން. އަދި ގާނޫނުއަސާސީ ދަމަހައްޓާ ހިފެހެއްޓުމަށް އަޅުގަނޑުމެން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަން،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާއަށް އެ ވަގުތަކު ފެނިވަޑައިގެންނެވި ގޮތެއް، އަދި އެ ވަގުތަކު ދެކެވޭ ވާހަކައަކަށް ބިނާކުރައްވާ ޓްވީޓް ކުރައްވަނީ ދިވެހިރާއްޖޭގެ ސިޔާސަތުތައް ކަނޑައަޅުއްވަން ކަމަށެވެ. އެއީ، ގާނޫނުއަސާސީން ރައީސުލްޖުމްޙޫރިއްޔާއަކަށް ދީފަ އޮންނަ ބާރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ކަންކަން ނިންމަންޖެހޭނީ ދިވެހި ރައްޔިތުންނާ މަޝްވަރާކުރެވި، އޮންނަ އުސޫލުތަކެއްގެ ތެރެއިން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

"ރައީސުލްޖުމްޙޫރިއްޔާއަށް މިއަދު ގަބޫލުކުރެއްވުނީ ސިޔާސީ ޕާޓީއެއް އޮވެގެން ނުވާނޭ. އެކަން ދެން ޓްވީޓަކުން އިއުލާނުކުރައްވާ ތަޅު އެޅުވިފައި އޮތް މަޖިލީހަކަށް ހުށަހަޅުއްވައިގެން އެ ކަމެއް އެހެނެއް ނުކުރެއްވޭނެ. ގާނޫނުއަސާސީ އެ ގޮތަކަށް ތަނެއްނުދޭ،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ބޭއްވި ސައްލާގެ ތެރެއިން ފައްޔާޒާއި އެ ޕާޓީގެ އެހެން ބައެއް ބޭފުޅުން: ފައްޔާޒް ވިދާޅުވީ ސަރުކާރު ހަމަމަގަށް އަޅުވާނެ ކަމަށް -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ ތެރޭގައި އުފެދުނު ފިތުނައާއި ޖަޒުބާތުތަކުގެ ތެރެއިން ރަނގަޅަށް އިންސާފުވެރިކޮށް ހިނގަމުން ދިޔަ ގައުމެއް "މޮޔައެއްގެ އަތްމައްޗަށް ދޫކޮށްލެވުނީ" ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން މިއަދު މި ތިބީ "މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުމުން" ދެން ތަހައްމަލުކުރަންޖެހޭ ހިތާމަވެރި ހިސާބަށް އާދެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައި، އެއް ދުވަސްތެރޭ އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްޙޫރިއްޔާ ވަނީ ތަސްދީގުކުރައްވާފައެވެ. އެ އިސްލާހަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވިއިރު ހުރި ސިޔާސީ ޕާޓީ ބަދަލުކޮށްފި މެންބަރުގެ ގޮނޑި ގެއްލޭ ގޮތަށް އަދި އަމިއްލަ ގޮތުން ހޮވުމަށް ފަހު ޕާޓީއަކަށް ވަދެއްޖެނަމަ ވެސް ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހެކެވެ.

އެ ކަމާ ގުޅިގެން ސަރުކާރަށް އަހަރެއްވީއިރު ވެސް މާ ބޮޑަށް ހަރަކާތްތެރިވެފައިނުވާ އެމްޑީޕީން ވަނީ ނުރުހުން ފާޅުކޮށް މި ފަހުން އިހުތިޖާޖު ވެސް ކޮށްފައެވެ. އަންނަ އަންގާރަ ދުވަހު "ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން ވެސް ވަނީ ނިންމާފައެވެ.

comment ކޮމެންޓް