ވަރަށް ފަހުން ބޭރު ގައުމެއްގެ ޑިޕްލޮމެޓަކާ ބައްދަލުވެ ދެކެވުނު ވާހަކައެއްގެ ތެރެއިން ރާއްޖޭގެ ކަންކަން ކިހާ ކައިރިން ބަލަންތޯ ސުވާލުކޮށްލީމެވެ. އެ ބޭފުޅާގެ ޖަވާބަކީ ހަމަ ކޮންމެ ދުވަހަކުހެން އިނގިރޭސި ބަހުން ނެރޭ ރާއްޖޭގެ ނޫސްތައް ގަވާއިދުން ކިޔާ ކަމެވެ. އެ ބޭފުޅާއަކީ މީގެ ކުރިން ދުނިޔޭގެ ވަރަށް ބޮޑެތި ގައުމުތަކުގައި މަސައްކަތް ކުރައްވާފައިވާ މީހަކަށް ވާތީ އެ ގައުމުތަކާއި ރާއްޖެއާ އެންމެ ތަފާތީ ކޮން ކަމެއްތޯ ސުވާލުކޮށްލީމެވެ.
އެ ސުވާލު އޭނާއަށް ވަރަށް މަޖާވިއެވެ. ހެމުން އޭނާ ވިދާޅުވީ، މިހާ އަވަހަށް ސަރުކާރުގެ ނިންމުންތައް ބަދަލުވާ ގައުމެއް އަދި އެނގިފައިނުވާ ކަމަށެވެ. އެކަމުގެ ތަފުސީލަކަށް ވެސް އޭނާ ދިޔައެވެ. އެކަމަކު މި ރިޕޯޓްގައި އެ ވާހަކަ ދައްކާކަށް ނެތީމެވެ.
މިއީ ހީފައި ދެއްކޭ ކަހަލަ ވާހަކައެއް ނޫނެވެ. ކުޑައޭ ހީވިޔަސް ބޮޑު މައްސަލައެކެވެ. ސަރުކާރެއްގެ ނިންމުން ތަންފީޒުކުރާނެ ކަމާމެދު ނުވަތަ އެ ނިންމުން ބަދަލު ވެދާނެ ކަމާމެދު އެ ގައުމެއްގެ ރައްޔިތުން ޝައްކެއްގެ މަތީގައި ތިބެންވެއްޖެނަމަ ދެން ދިމާވާނެ މައްސަލަތައް ވަރަށް ގިނައެވެ.
މިއަދު މި ހިނގައިގެން އުޅޭ ކަމަށް އެކަނި ބަލާލިޔަސް މި ދަންނަވަން އުޅޭ ވާހަކަ ސާފު ވާނެއެވެ. ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 'ޑަބަލް ޕެންޝަން' ލިބޭ އިދާރާތަކުން އަލަށް ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން ސަރުކާރުން ނިންމީ ގިނަ ސަބަބުތަކެއް ދައްކައިފައެވެ. ނޫސްވެރިން ފިނޭންސް މިނިސްޓްރީއަށް ހާޒިރުކޮށްގެން އެ މިނިސްޓްރީއާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތަފުސީލީ ގޮތެއްގައި ވިދާޅުވެދެއްވީ އެކަން ކޮންމެހެން ވެސް ކުރަން ޖެހޭ ސަބަބުތަކެވެ. ޒަމާނުންސުރެ ނިޒާމު އޮތްގޮތުން ދައުލަތުން އެތައް ފައިސާއެއް ހަރަދުވެ, އެކަން ދެކޮޅު ނުޖެހޭތީ ކަމަށް ވިދާޅުވެއެވެ. ތަފާސްހިސާބާއި އެތައް ހެއްކަކާ އެކު އެ ބޭފުޅުން ނޫސްވެރިންނަށް ވިސްނައި ދެއްވީ މިއީ ކޮންމެހެން ގެންނަން ޖެހޭ ބަދަލެއް ކަމެކެވެ.
ނަމަވެސް, މިއަދު މެންދުރު އެ ނިންމުން މިވަނީ އިހު ހުރިގޮތަށް ކުރިއަށް ގެންދަން ނިންމައިފައެވެ. އޭރު ކަންބޮޑުވުން ފާޅުކުރި ކަންކަން ހަމަ ކުއްލިއަކަށް ހައްލެއް ނުވާނެކަން ޔަގީނެވެ. ނަމަވެސް, ސަރުކާރުގެ ނިންމުން މި ވަނީ ބަދަލުކޮށްފައެވެ.
ކެބިނެޓުން ކަމެއް ނިންމައިފި ނަމަ އެއީ ބޮޑު ކަމެކެވެ. ވަކި ގޮތަކަށް ވަކި ކަމެއް ކުރާނެކަން ސަރުކާރުން އިއުލާންކޮށްފިނަމަ އެއީ ވެސް ވަރަށް ބޮޑު ކަމެކެވެ. ކަމެއް ގޯސްކޮށް ނިންމިއްޖެނަމަ އެކަމެއް ބަދަލުކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް, ސަރުކާރުގެ ނިންމުންތައް އިރުއިރުކޮޅާ ބަދަލުކުރަން ޖެހޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ކުރިއަށް އޮތްތަނުގައި ނިންމާ ނިންމުންތަކަށް އިތުބާރު ކުރަން ދަތިވާނެ ކަމެކެވެ.
"އޭރު ވެސް އަޅުގަނޑު ބުނިން އޮފީސް މީހުން ކައިރި ހާސްނުވާން. އެ ނިންމުން ބަދަލު ވާނޭ. އެ ވީނު. ހުރިހާ ކަމެއް ވެސް މިހެންނު ވަނީ މިހާރު," ޕެންޝަން އުސޫލު ބަދަލުކުރުމުން މަގުމަތިން ދިމާވި އެކުވެރިއަކު ބުންޏެވެ.
ސަރުކާރުގެ ނިންމުންތައް ބަދަލުކުރުމަކީ ރާއްޖޭގައި ވެސް އާ ކަމަކީ ނޫނެވެ. ނަމަވެސް, ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގައި އެކަން ތަންކޮޅެއް ގިނައީއެވެ. އެފަދަ ބައެއް ކަންކަމަށް ބަލާއިރު މި ސަރުކާރުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރި ދުވަސްވަރު ވެސް އެއް ދުވަހު އައްޔަންކުރާ ބޭފުޅާ އަނެއް ދުވަހު އެބަ ވަކިކުރެއެވެ. ދެން އަނެއްކާ ވެސް ފެންނަނީ ވަކިކުރި ބައެއް ބޭފުޅުން އަނެއްކާ ވެސް މަގާމަށް އައްޔަން ކުރާތަނެވެ.
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ގަވައިދަށް ވެސްވީ ހަމައެހެންނެވެ. ސަރުކާރުން ފުރަތަމަ އިއުލާނުކުރީ ކާޑުތަކަށް ދެމުން އަންނަ ޑޮލަރު ލިމިޓް ބޮޑުކުރަމުން ބޮޑުކުރަމުން ގޮސް އުވާލާނެ ކަމަށެވެ. ނަމަވެސް، ބޭންކުން ކުއްލި ގޮތަކަށް ނިންމީ ރުފިޔާ ކާޑަށް ދެމުން އަންނަ ޑޮލަރު ލިމިޓް މުޅިން އުވާލުމަށެވެ. ބޭންކުން އެ ނިންމުން ނިންމީ އެ ބޭންކަށް ބޭރު ފައިސާ ނުލިބޭތީއެވެ. ނަމަވެސް، ހަމަ އެ ދުވަހު ކުއްލިއަކަށް ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ މުޅި ނިންމުން ވަނީ ބަދަލުކޮށްފައެވެ. ކުރިން ނެތް ޑޮލަރެއް ހަމަ ކުއްލިއަކަށް ލިބުނު ތަނެއް ވެސް ނޭނގެއެވެ.
ހަމައެހެންމެ ލޭނު މަސްވެރިކަން ކުރަން ހުއްދަ ދިނުމަށް ފަހު އެކަން ބާތިލުކުރުމާއި އިންޑިއާއާ ދުރުކޮށް ގެންގުޅުނު ޚާރިޖީ ސިޔާސަތާއި އާސަންދައަށް ގެންނަން ވައުދުވި ބަދަލުތަކާއި ދެން ކަންވީގޮތާއި އުތުރުތިލަފަޅުގެ އެއްބަސްވުމަށް ގެންނަން އުޅުނު ބަދަލާއި ދެން ކަންތައްވީ ގޮތަކީ ވެސް މިފަދަ ހެކިތަކެވެ. ހަމަ އެހެންމެ ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ނުގެންނަވާނެ ކަމަށް ސީދާ ރައީސް ވިދާޅުވެފައި މިހާރު މިވަނީ ލުއިތަކެއް ދެއްވައިފައެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރާނެ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމި އަޑުހުރި ނިންމުމަށް ވީގޮތް އަމުދުން އެ އޮތީ ފެންނާށެވެ.
މިހެން ވީމަ ދެން ވާނީ ކިހިނެއް؟
ރާއްޖެއަކީ ވަރަށް ނާޒުކު އިގުތިސާދެއް އޮތް ގައުމެކެވެ. ޓޫރިޒަމް އެއީ ދިވެހީންނަށް ނަސީބެވެ. އެ އިންޑަސްޓްރީ ނެތްނަމަ ދިވެހީން ތިބޭނެ ހާލަތު ސިފަކޮށްލަން ވެސް ދައްޗެވެ. އެހެންކަމުން، އެ ދާއިރާ ވެސް ހިމެނޭގޮތަށް ނިންމުންތައް ނިންމަން ވާނީ ވަރަށް މަޝްވަރާ ކުރެވިގެންނެވެ. ނޫނީ ދެން ދިމާވާނެ މައްސަލަތައް ވަރަށް ގިނަ ވާނެއެވެ.
އޭގެ ތެރެއިން އެއް ކަމަކީ އިންވެސްޓަރުންގެ ކޮންފިޑެންސެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތައް ރާއްޖޭގައި ހިންގާއިރު އޭގެ ތެރެއިން 80 ޕަސެންޓް އިންވެސްޓަރުންނަކީ ބޭރު މީހުންނެވެ. އެ މީހުން މި ގައުމުގައި އިންވެސްޓްކޮށްގެން އެ ތިބީ ނަފާ ހޯދާށެވެ. އެހެން ތިއްބާ އިރުއިރުކޮޅުން ގަވާއިދާ އުސޫލު ބަދަލުވާނަމަ އެ މީހުންނަށް ކޮންފިޑެންސް ގެއްލޭނެއެވެ. މި ކަންކަމުގެ ސަބަބުން ދިގު މުއްދަތުގެ އިގުތިސާދީ ރޭވުމާއި ކުރިއެރުމަށް ހުރަސް އެޅެއެވެ.
ވިޔަފާރި ދަންނަ މީހުން ދުނިޔޭގައި ވިޔަފާރި ކުރަނީ އެތައް އަހަރެއް ކުރިއަށް ހިސާބުތައް ޖަހައިގެންނެވެ. އެހެންކަމުން އާ އުސޫލެއް ގަވައިދެއް އަންނަ ނަމަ ވަރަށް ކުރިއާލާ އެނގެން ވާނެއެވެ. އެއް ދުވަހުން ނުވަތަ މަސް ދުވަހުން ގަވާއިދު ބަދަލުވާނަމަ އެއީ ވިޔަފާރިތަކަށް ބޮޑު ގެއްލުމެކެވެ.
ދެން ދިމާވާނެ އަނެއް މައްސަލައަކީ ސަރުކާރުގެ ނިންމުންތަކަށް އާއްމުން ކުރާ އިތުބާރު ގެއްލުމެވެ. ކަމެއް އިއުލާނުކުރި ނަމަވެސް މާދަން އެކަން ބަދަލު ވެދާނެ ކަމަށް ދެކޭ މީހުން ގިނަވުމެވެ. އެހެންވާނަމަ ސަރުކާރުގެ ނިންމުންތައް މީހުން ސީރިއަސްކޮށް ނުނަގާނެއެވެ.
ސިޔާސަތުތަކަށް ތަކުރާރުކޮށް ބަދަލު ގެނައުމަކީ އިދާރީ ގޮތުން ހިންގުމަށް ދަތިވެ, ހިދުމަތްތައް ދިނުމުގައި ލަސްތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ. މިކަމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތަކާއި ޒަރޫރީ ޚިދުމަތްތައް ތަންފީޒުކުރުމަށް ހުރަސްއެޅިދާނެއެވެ.
މިހެން މިވަނީ ކީއްވެ؟
ރައީސް މުއިއްޒުގެ ސަރުކާރަށް މިވީ އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ނިންމުންތަކެއް ވަނީ ނިންމަވައިފައެވެ. އޭގެ ތެރޭގައި، ވަރަށް ރަނގަޅު ނިންމުންތަކެއް ވެސް އެބަ ހިމެނެއެވެ. ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކެއް ވެސް ކުރައްވައިފިއެވެ.
ނަމަވެސް، ބައެއް ނިންމުންތަކާމެދު ބަހުސް ކުރެވެން އެބައޮތެވެ. އެހެންއެކަން ދިމާވާ ސަބަބާ މެދު ވިސްނާލާއިރު ވަރަށް ބޮޑު ކަމެއް ފާހަގަކުރެވެއެވެ.
ފުޅާދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅަކާ ސުވާލުކޮށްލުމުން ވިދާޅުވީ، ގިނަ ފަހަރަށް ނިންމުންތައް ބަދަލުކުރަން ޖެހެނީ ކުރަން ޖެހޭ ވަރަށް ދިރާސާތައް ނުކޮށް ނިންމުންތައް ނިންމާތީ ކަމަށެވެ.
"އެއްވެސް ކަމަކީ ހަމަ ހުރެފައި ނޫނީ ދެ މީހަކާ ވާހަކަދައްކައިގެން ނިންމަން ވާނެ ކަންކަމެއް ނޫން. ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެން ވާނެ. އެކަން ނުކުރާތީ އިރުއިރުކޮޅާ ބަދަލެއް. އިރުއިރުކޮޅާ އެކަން ބަދަލުކޮށްފައި މިކަން ބަދަލު ކޮށްފައި ހަދަން މި ޖެހެނީ," އޭނާ ވިދާޅުވިއެވެ.
"ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރު ކުރަން ނިންމިއިރު އެ ނިންމެވި ބޭފުޅުންނަށް އާއިލާތަކާ އެކު ކުޑަ ކުދިން އައިސް ތިބެނީ ހިލޭ ކަމާއި އެ ކުދިންގެ ބޮލަށް ޑޮލަރު މާރު ނުކުރެވޭނެކަން އެނގޭނެތާ. ފަހުން އެ ގޮތަށް ބަދަލުކުރަން އެ ޖެހެނީ އެވަރަށް ވާހަކަ ނުދެކެވޭތީ،"
އެހެންކަމުން މަޝްވަރާއަށް ފަހި ފުރުސަތެއް ދޭން އެބަޖެހެއެވެ. ހަތް ގަޑިއިރު ތެރޭ ގާނޫނުއަސާސީ އިސްލާހުކުރާ އުސޫލުން ކަންކަން ކުރުމަކީ އެއް ގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ. ހުރިހާ ފަރާތެއްގެ ބަސް އަހައި ވީ ވަރަކުން ކަންބޮޑުވުންތައް ހައްލުކޮށްދޭން މަސައްކަތްކޮށް ދޭން ޖެހެއެވެ. އަދި، ކަމެއް ނިންމުމުގެ ކުރިން އެކަމެއް ރައްދުވާ މީހުންގެ ކަންބޮޑުވުމާއި އެ މީހުންގެ ބަސް ވަރަށް ގާތުން އަހަންވާނެއެވެ.
އެ ޑިޕްލޮމެޓަށް މަޖާވި ކަމަކީ ހަގީގަތުގައި ސީރިއަސް މައްސަލައެކެވެ. ސަރުކާރެއްގެ ނިންމުންތައް އިރުއިރުކޮޅާ މިހެން ބަދަލުވާންވެއްޖެ ނަމަ އެކަން ކުޅޭކުޅޭ ކަމަކަށް ނޫނީ ނުވާނެއެވެ.