ސަރުކާރުގެ ފަރާތުން ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުރިހާ ޓެކުހެއް ވެސް، ބޮޑުކުރާ އަދަދުތަކަށް އެއްވެސް ބަދަލެއް ގެނައުމަކައިނުލާ ހުށަހެޅި ގޮތަށް ބޮޑުކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުން ވަނީ ގްރީން ޓެކްސް ދެގުނަކޮށް، ޓީޖީއެސްޓީ އަދި ޑިޕާޗާ ފީ ބޮޑުކުރަން ހުށަހަޅާފައެވެ.
އެ ބިލުތައް މަޖިލީހަށް ހުށަހެޅުމުން އިދިކޮޅު އެމްޑީޕީން އިސްލާހުތަކެއް ވެސް ހުށަހެޅިއެވެ. އެކަމަކު، އެ އިސްލާހުތައް ބަލައިނުގަނެ މުޅި މަޖިލީހުގެ ކޮމިޓީން އިއްޔެ ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް ތިން ޓެކްސް ވެސް ބޮޑުކޮށްދޭން ފާސްކޮށްފައެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް ޓެކްސްތަކަށް ބަދަލު ގެންނަން މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ވޯޓަށް އަހައިފައެވެ. ޓެކްސް ބޮޑުކުރަން ސަރުކާރުން ވަނީ ޖުމުލަ ތިން ގާނޫނަކަށް އިސްލާހު ހުށަހަޅައިފައެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު ފާސްކޮށްފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް އަށް މެންބަރަކު ވޯޓުދެއްވިއެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފައިވަނީ 71 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް ވެސް އަށް މެންބަރުން ވޯޓުދެއްވިއެވެ. އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގައި ޓެކްސް ބޮޑުކުރަން ހުށަހެޅި ބިލު ވެސް ފާސްކޮށްފައިވަނީ ހަމަ އެ އަދަދުގެ ވޯޓުންނެވެ.
ސަރުކާރުން ހުށަހެޅީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކުރާށެވެ.
ގްރީން ޓެކްސް ދެގުނައަށް ބޮޑުކުރަން ވެސް ވަނީ ފާސްކޮށްފައެވެ. އެއީ، 50 ކޮޓަރިއަށް ވުރެ ކޮޓަރި މަދު ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގައި އަދަދު ތިން ޑޮލަރުން ހަ ޑޮލަރަށް ބޮޑުކުރާށެވެ. އަދި، އެއަށް ވުރެ ބޮޑެތި ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ނަގައި ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރާށެވެ.
ރާއްޖެއިން ފުރާ ފަސިންޖަރުން އަތުން ނަގައި ޓެކްސް ވެސް ބޮޑުކުރަން ފާސްކުރިއެވެ. އެ ބަދަލަކީ؛
- އިކޮނޮމީ ކުލާހުން ފުރާ ބިދޭސީންގެ އަތުން މިހާރު ނަގައި 30 ޑޮލަރު، 50 ޑޮލަރަށް ބޮޑުކުރުން
- ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގައި 60 ޑޮލަރު، 120 ޑޮލަރަށް ބޮޑުކުރުން
- ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގައި 90 ޑޮލަރު، 240 ޑޮލަރަށް ބޮޑުކުރުން.
- ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން ނަގައި 120 ޑޮލަރު، 480 ޑޮލަރަށް ބޮޑުކުރުން.
އެއާޕޯޓު ފީތައް ބޮޑުކުރަން ނިންމާފައިވަނީ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެންނެވެ.
މިއީ އާމްދަނީ އިތުރުކުރަން މި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ފިޔަވަޅުތަކެކެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވާގޮތުން އިސްލާހީ ފިޔަވަޅުތަކާ އެކު އަންނަ އަހަރުގެ އާމްދަނީއަށް 4.9 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.