ފެނަކަ ކޯޕަރޭޝަން، އެސްޓީއޯގެ ސަބްސިޑަރީއަކަށް ހެދުމުގެ މަސައްކަތްތައް ހުއްޓާލައިފައިވާކަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.
ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސްޓީއޯއިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 25ގައެވެ.
އިއްޔެ އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މިދިޔަ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓްރީން އަންގައިފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް ހުއްޓާލުމަށް ނިންމައިފައިވަނީ، އެ ކުންފުނިން ސަރުކާރަށް ހުށަހެޅި އެކުއިޒިޝަން ޕްރޮޕޯޒަލްގައި ހިމަނައިފައިވާ ކަންކަން ކުރިއަށް ގޮސްފައިވާ މިންވަރަށް ބަަލައިފައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެ ކަންތައްތަކަށް ބަލައި، ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ނިންމައިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ފިނޭންސް މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހެއްގައިވާ ގޮތުގެ މަތީން، ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީއަކަށް ހެދުމަށް ރައީސް ނިންމެވީ ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު ވެސް އެސްޓީއޯއަށް ލިބޭ ގޮތަށެވެ.
އެ ބަދަލުގެ ބޭނުމަކީ ޔުޓިލިޓީ ސެކްޓަރު ހަރުދަނާކުރުމާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު، ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތްދޭ، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން ފެނަކައަކީ ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ކުންފުންޏެކެވެ. އެގޮތުން ކޮންޓްރެކްޓު ދިނުމުގައި އާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުކޮށް، އޭސީސީއަށް ވެސް މައްސަލަތަކެއް ހުށަޙަޅައިފައިވެއެވެ.
އޭގެ ތެރޭގައި، އިންތިޚާބުތަކާ ދިމާކޮށް މުވައްޒަފުން ނަގައި، އިންތިޚާބަށް ފަހު އެ މުވައްޒަފުން ވަކިކުރާ ކަމުގެ ތުހުމަތުތައް ފެންމަތިވެފައިވެއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމާ ހަވާލުވެ ވަޑައިގެންނެވިއިރު، އެ ކުއާޓަރުގައި ލިބުނު ގެއްލުމުގެ އަދަދު ހުރީ 24.7 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރު ނިންމާލީ 7.4 މިލިއަން ރުފިޔާގެ ފައިދާއެއްގައި ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އޭނާ ވަނީ އަމާޒަކީ މިއަހަރު ނިމޭއިރު 25 މިލިއަން ރުފިޔާގެ ފައިދާއެއް ފެނަކައިން ހޯދުން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
comment ސިއްކަ
5 month 3 week ago
އިބޫ ވެރިކަމުގަ ބިލިޔަނުން ކާލިޔޯ. އެކަމަކު ފެނަކަ ސައީދު އާއި ސުވާލެއްވެސް ނުކުރޭ.
comment ފެނަކަ
5 month 3 week ago
ކިހާ ދެރަކަމެއް. ފެނަކަ އެސްޓީ. އޯގެ ދަށަށް ބަދަލުވުމުގެ މަރުހަލާގަ ތޯ މިހުރިހާ ދުވަހު އޮތީ؟ އެހެން ކަމަށް ވާނަމަ، މި ހިނގައި ދިޔަ ދުވަސްތަކުގައި އެސް.ޓީ.އޯ އިން ފެނަކަ އާއި ގުޅޭ އެއްވެސް މުޢާމަލާތެއް (ޚަރަަދު ހިނގާ) ހިންގިދާނެތޯ؟ ސުވާލު އުފެދޭ. އަދި އެފަދަ މުޢާމަލާތެއް ހިންގާފައިވާ ނަމަ، އެކަމުގެ ސަބަބުން ފެނަކައަށް އިތުރަށް ލިބުނު ގެއްލުމުގެ ބަދަލު އެސް.ޓީ.އޯ އިން ދޭނެ ތޯ ދެން؟؟ މިސާލަށް މި ބުނާ ވާހަކަ އަކީ އެސް.ޓީ.އޯ އިން އެމީހުންގެ ސްޕޮންސަރގަ ފެނަކައިން އިން ޒިންމާ ނަގާގޮތަށް އެފް.އެސް.އެމް މެދުވެރިކޮށް ފެނަކަ އިން، އެރަށްރަަށުގައި އެމް.ޓީ.ސީ.ސީ ގެ ޕްރޮޖެކްޓްތައް ހިނގާ ބައެއް ރަށްތަކުގައި އެމް.ޓީ.ސީ.ސީ ގެ ވެހިކަލްތަކަށް އަޅަން ޑީސަލް ދޫކޮށްފައި އެބަވޭ ، ސުވާލަކީ މިކަމުގެ ބަދަލު އެސް.ޓީ.އޯ އިން ދެން ފެނަކަ އަށް ދޭނެތޯ؟ ނުދޭނަމަ، މިގެނެވުނު ވަގުތީ ބަދަލުގައި ފެނަކަށް ފައިދާ ތޯ ވީ ގެއްލުންތޯ؟
comment އައްޔު
5 month 3 week ago
ފެނަކަ ފައިދާވާނެ ކުންފުންޏަކަށް ހެދިދާނެ އެއްވެސް ކަމެއް ނޫންތީކީ ބޭނުންވަނީ ޚަރަދު ކުޑަކޮށް ޚިދުމަތްދޭން ދަންނަބައެއް