މަސްތުވާތަކެއްޗާއެކު ލަންކާ މަސްބޯޓުން ހައްޔަރުކުރި 5 ބިދޭސީންގެ ބަންދަށް 30 ދުވަސް

ލަންކާ މަސްބޯޓުން ހައްޔަރުކުރި މީހުން -- ފޮޓޯ/ ފުލުހުން

ގަވައިދާ ޚިލާފަށް ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ލަންކާގެ މަސް ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާއެކު ހިފެހެއްޓި ފަސް ބިދޭސީންގެ ބަންދަށް 30 ދުވަސް އިއްޔެ ޖަހައިފިއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުން ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.

ބަންދުކުރި ފަސް ބިދޭސީންނަކީ ވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ. އެ މީހުންނަކީ:

  • ރާޖަޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް، 21 އަހަރު
  • މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ، 22 އަހަރު
  • ޗަމޮދް ދިވިންގާ ދިލަކާވަ، 22 އަަހަރު
  • ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ، 37 އަހަރު
  • ލޮރެންސު ހޭވާގީ ސަރަތު، 56 އަހަރު

މިއީ މި މަހުގެ 24ވަނަ ދުވަހު ހދ. މަކުނުދޫ ބޭރުން އަތުލައިގަތް "އަށަންޕުތަ" މަސް ނަމަކަށް ކިޔާ ބޯޓުން ހައްޔަރުކުރި މީހުންނެެވެ. އެ ބޯޓުން މަގުމަތީ އަގުގައި އެއް ބިލިއަން ރުފިޔާއަށް އަރާ މަސްތުވާތަކެތި ފުލުހުން އަތުލައިގަތެވެ.

މި ތަކެތީގެ ޕްރެލިމިނަރީ ނަތީޖާތައް ދައްކާ ގޮތުން އޭގެ ތެރޭގައި 344 ކިލޯގެ މެތު އަދި 124.6 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ސީޕީ އަލީ ޝުޖާއު ވިދާޅުވިއެވެ.

ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވައި ސީޕީ ވިދާޅުވީ ލަންކާގެ ބޯޓާ، ދިވެހި ރާއްޖޭގެ އެއްވެސް ޑްރަގް ނެޓްވޯކަކާ ގުޅުމެއް ވާކަމެއް އަދި ނޭނގޭ ކަމަށާއި، މިވަގުތު އެކަމާ ގުޅިގެން އެއްޗެއް ދަންނަވަން ދަތި ކަމަށެވެ.

https://sun.mv/199447

އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ.

comment ކޮމެންޓް