މިހާރު މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭބޭފުޅުން މަގާމުތަކުން ވަކިކުރައްވާ ގޮތަށް ދެން ވަކިކުރައްވާނީ ޝަރުއީ ދާއިރާގައި ތިއްބަވާ ބޭބޭފުޅުން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ޝާހިދު އެފަދައިން ވިދާޅުވިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސުން ހިމެނޭހެން ދެ ކޮމިޝަންގެ ފަސް މެންބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ނިންމައިފައެވެ.
އަދި އޭސީސީއާއި އީސީގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ދެ ބިލެއް ވެސް ހުށަހަޅައިފައެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަހަރަކު ކޮމިޝަނެއް، ފަހަރަކު މިނިވަން މުއައްސަސާއެއް ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެންދަވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެކަންތައްތައް އެ ކުރައްވަނީ ލިޔެވިފަ އޮތް ވަކި ތަރުތީބަކުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ބާރުތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ގަދަކުރުމުގެ ސިލްސިލާއެއް ނޫންތޯ މިއަންނަނީ؟ މިހާރު މިނިވަން މުއައްސަސާތައް. ދެން އަންނާނީ ޖުޑިޝަރީ. ވަކިކުރައްވާނެ އިނގޭތޯ. އެކަން ކުރައްވައިގެން ނޫންތޯ މުޅި ދައުލަތް މުށުތެރެއަށްލައްވާ ބާރުކޮށްލެވޭނީ؟،" ޝާހިދު ވިދާޅުވިއެވެ.
އެގޮތުން ދެން މި ސަރުކާރުން ކޮންޓްރޯލްކުރާނީ ޖުޑިޝަރީ ދާއިރާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އެއް އަހަރު ދުވަހުގެ ތެރޭ ކުރައްވާފަ ހުރި ކަންތައްތައް މިހުރީ. ފަހަރަކު ދޮރެއްގަ ޓަކި ޖައްސަވާލައްވާފަ އެތަނެއްގަ ތިބި ބަޔަކު އެ ބަދަލުކޮށްލައްވަނީ. ބޭނުންވާ ބޭފުޅުން އެ ލައްވަނީ. ދެން މިހާރު އަތްނުލެވި އޮތީ ޖުޑިޝަރީގައި،" ޝާހިދު ވިދާޅުވިއެވެ.
"...އަޅުގަނޑު މިރޭ މިހެން ދެންނެވީތީވެސް ބަލަންތިބެމާތޯ، ކިހާ އަވަހަކަށްތޯ ރާއްޖޭގެ ޖުޑިޝަރީގަ ތިބި ބޭބޭފުޅުން ބަދަލުކުރައްވަން މި ސަރުކާރުން މަސައްކަތްކުރައްވާނީ،" ޝާހިދު އިތުރަށް ވިދާޅުވިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހުގެ ނަން ހިމެނޭ ގޮތަށް، މިނިވަން މުއައްސަސާތަކުގެ މެންބަރުންތަކެއް ވަކިކުރަން ހުށަހަޅައި ކޮމިޓީއަށް ފޮނުވީ މިމަހުގެ 12ގައެވެ. އެގޮތުން ފޮނުވި އިތުރު ނަންތަކަކީ:
- އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް
- އޭސީސީގެ މެންބަރު ތޯހާ މުހައްމަދު
- އީސީގެ ނައިބު ރައީސް އަލީ ނަޝާތު
- އީސީގެ މެންބަރު މުހައްމަދު އާސިފް
- އިސީގެ މެންބަރު ޑރ. މުހައްމަދު ޒާހިރު
އެ ތިން ކޮމިޝަނުން މެންބަރުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ މެންބަރުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށާއި، މަގާމުގައި ހުރެ ގަވާއިދާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށެވެ. އެ މައްސަލައާ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި، އީސީއާއި އޭސީސީގެ ފަސް މެންބަރުން ވަކިކުރުމަށާއި ނާސިހު ވަކިނުކުރުމަށް ފާސްކޮށްފައިވާކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ ރާއްޖޭގެ ޝާރުއީ ދާއިރާ މިނިވަންކޮށް، އެ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓުމަކަށް ގެންނާނެ ކަމަށް ބުނަމުންނެވެ.
އެގޮތުން، މިހާރު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ "އަތް ބޭނުން" ނިމުމަކަށް ގެނެސްފައި ވާކަމަށް މި ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އެކަމުގެ ހެއްކެއްގެ ގޮތުން އެމނަިކުފާނު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެ ވަޑައިގެން ހުންނެވީ، ވެ ވަޑައިގަތް ވައުދާ އެއްގޮތަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނެވީތީ ކަމަށެވެ.