ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ޚިޔާނާތްވިކަމުގެ ތުހުމަތުގައި މިއަދު ދައުވާ އުފުލައިފިއެވެ.
އޭނާއާއި އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފައިވަނީ 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ.
އެ އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކްގެ ފަރާތުން މަސައްކަތް ފުރިހަމަކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ދޫކުރި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
އެހެންވެ، ނާޖާއިޒު ފައިދާއެއް ބްލޭޒަން އިންކް ކުންފުންޏަށް ހޯދައިދިންކަމުގެ ތުހުމަތުގައި ސައީދާއި އޭރު ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ، ދެ މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
އެ މުއާމަލާތާ ގުޅިގެން ފެނަކައަށް 848,000 ރުފިޔާގެ ގެއްލުންވި ކަމަށް ދައުވާގައި ބުނެފައިވެއެވެ.
މިދިޔަ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ސަރުކާރު ކުންފުންޏަކީ ފެނަކައެވެ. އެކަމަކު، އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ސައީދު އަންނަނީ އެ ތުހުމަތުތައް އިންކާރުކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު މަސް ތެރޭގައި ވަނީ އޭނާގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ. މި ސަރުކާރުން ފެނަކައަށް ފުރަތަމަ އައްޔަންކުރި މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ އެ ކުންފުނީގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ކޮރަޕްޝަންގެ 25 މައްސަލައެއް އޭސީސީއަށް ހުށަހެޅި ކަމަށް ވިދާޅުވެފައެވެ.
ޖުމުލަ 1.7 ބިލިއަން ރުފިޔާއަށްވުރެ ބޮޑަށް ދަރާފައި އޮތް ފެނަކައަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބަލަން ގޮވާލައި، މިދިޔަ ޖޫން މަހު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ.
ގިނަ ރަށްރަށުގައި ކަރަންޓާއި ފެނުގެ ޚިދުމަތްދޭ ފެނަކައަކީ އެންމެ މުވައްޒަފުން ވެސް ގިނަ އެއް ކުންފުންޏެވެ.
މި ސަރުކާރު އައި ފަހުން ވެސް ފެނަކައަށް އާ 1،392 މުވައްޒަފުން ނަގާފައިވެއެވެ. އެ މުއްދަތުގައި 400 މުވައްޒަފުން ވަކިވެސް ކޮށްފައިވެއެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި މުއާޒް އިސްތިއުފާ ދެއްވީވެސް އެ ކަންކަން ފާހަގަކުރެއްވުމަށް ފަހެވެ.
އެހެންވެ، ސަރުކާރުން ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު އައްޔަންކޮށްފިއެވެ.