އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސުން ހިމެނޭހެން ދެ ކޮމިޝަންގެ ފަސް މެންބަރުން ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހުގެ ނަން ހިމެނޭ ގޮތަށް، މިނިވަން މުއައްސަސާތަކުގެ މެންބަރުންތަކެއް ވަކިކުރަން ހުށަހަޅައި ކޮމިޓީއަށް ފޮނުވީ މިމަހުގެ 12ގައެވެ.
ކޮމިޓީއަށް ފޮނުވީ، ނާސީހާއި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދުގެ އިތުރުން، އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު އާސިފް އަދި ޑރ. މުހައްމަދު ޒާހިރު ވަކިކުރުމަށެވެ.
އެ ތިން ކޮމިޝަނުން މެންބަރުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ މެންބަރުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށާއި، މަގާމުގައި ހުރެ ގަވާއިދާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށެވެ.
އެ މައްސަލައާ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި، އީސީއާއި އޭސީސީގެ ފަސް މެންބަރުން ވަކިކުރުމަށާއި ނާސިހު ވަކިނުކުރުމަށް ފާސްކޮށްފައިވާކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެގޮތަށް ފާސްކުރިއިރު، އޭސީސީއާއި އީސީގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ދެ ބިލެއް ހުށަހަޅައިފައެވެ.
މި ދެ ބިލުގައި ވާގޮތުން، އޭސީސީ ނުވަތަ އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރުމަށް، ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި ނަން ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ. އެ މަގާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އަދި، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ވެސް ގާނޫނުގައިވާ ގޮތުގެ މަތިން މަގާމުން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެއެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ އޭސީސީ އަދި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރަނީ އެ ދެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގެ ނަތީޖާ 28 ގަޑިއިރުތެރޭ ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.