އިންޑިއާއިން ރާއްޖެއަށް ހަކުރު އެތެރެކުރުން ހުއްޓާނުލާ ކަމަށާއި ހަކުރު ލިބުމުގައި ދަތިކަމެއް ނާންނާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން މިއަދު ބުނެފިއެވެ.
އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓުކުރާ ހަކުރު ލަންކާއަށް ޑައިވާޓުކުރާ ކަމުގެ ތުހުމަތުގައި އެގައުމުން ރާޢްޖެއަށް ހަކުރު އެތެރެކުރުން ގާތްގަނޑަކަށް މުޅިން ހުއްޓިފައި ވާކަމަށް ބުނެ އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އެ ރިޕޯޓުތަކާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެމުން އެސްޓީއޯއިން ބުނީ އިންޑިއާއިން ރާއްޖެއަށް ހަކުރު އެތެރެކުރުން ހުއްޓާނުލާ ކަމަށެވެ.
"ހަކުރު މެނޭޖްނުކުރެވޭނެ ވަރުގެ ދަތިކަމެއް ނާންނާނެ،" އެ ކުންފުނީގެ އޮފިޝަލް ވިދާޅުވިއެވެ،
އިންޑިއާ ޝިޕިން ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެގައުމުން އެކްސްޕޯޓް ކުރާ މުދަލާ ގުޅުންހުރި ކަންތައްތައް ބަލާ ޑައިރެކްޓަރޭޓް-ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ)އިން ބަލަނީ، ރާއްޖެއަށް އެކްސްޕޯޓްކުރުމަށް ކަނޑައަޅާފައިވާ 64,494.33 ޓަނު ހަކުރުގެ ތެރެއިން ބައެއް ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުވާ މައްސަލައެކެވެ.
ޝިޕިން ނިއުސްއިން ބުނާ ގޮތުގައި، ރާއްޖެއަށް އެކްސްޕޯޓްކުރުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް ހަތް ޕާރުސަލްގެ ހަކުރު، އެހެން ތަނަކަށް ޑައިވާޓްކުރަން އުޅުނު ކަމަށް ބެލެވިގެން އެ މުދާ ގެންދާ އިންޑިއާގެ ނާވާ ޝެވާ ބަނދަރުން އެ ތަކެތި ވަނީ ހިފަހައްޓައިފައެވެ.
މި މައްސަލަ ތަހުގީގު ކުރަން ފެށުމާއެކު، ރާއްޖެއަށް ހަކުރު އެކްސްޕޯޓް ކުރުން ވަނީ ގާތްގަނޑަކަށް މުޅިން ހުއްޓިފައި ކަމަށް އެ ނޫހުން ބުނެއެވެ. ވިޔަފާރީގެ ދާއިރާގެ މަސްދަރުތަކުން ބުނާ ގޮތުގައި ސްރީލަންކާގެ އޮފިޝަލުން ވަނީ ކޮލަމްބޯގައި ވެސް ކްލިއަރަންސް ދިނުން ހުއްޓާލައި، އެ ގައުމުގައި ހަކުރު ގަންނަ ފަރާތްތަކާ ދެކޮޅަށް ވަކި ތަހުގީގެއް ފަށާފައެވެ.
މިދިޔަ އޭޕްރިލް މަހު ޑީޖީއެފްޓީއިން ވަނީ ރާއްޖެއަށް ހަނޑޫ، ފުށް، ހަކުރު، ބިސް، އަލުވި، ލޮނުމެދު، އަދި ހިލައާއި ހިލަވެލި ފަދަ ޒަރޫރީ ތަކެތި އެކްސްޕޯޓްކުރުމަށް ހަދައިފައިވާ ޚާއްސަ އެއްބަސްވުން އައުކޮށްފައެވެ.