ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް އިންތިޚާބުވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށްފައިވަނިކޮށް، ޕާޓީތަކުން މެންބަރުން ވަކިކުރުމާ ގުޅޭ ގާނޫނެއް ހަދާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ބިލެއް ހުށަހަޅައި، އެ ބިލް ފާސްކޮށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފައެވެ. އެ އިސްލާހުގައި ވަނީ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭނެ ކަމަށެވެ.
އެ އިސްލާހާއެކު، ޕާޓީއެއްގެ ސުލޫކީ ކޮމިޓީގައި ހިމެނޭ މަދު ބަޔަކަށް މަޖިލީހުގެ މެންބަރެއްގެ ގޮނޑި އަތުލުމުގެ ބާރު ލިބޭނެ ކަމަށް ވިދާޅުވެ އިދިކޮޅުންނާއި ގާނޫނީ ބޭފުޅުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ފާހަގަކުރެއްވީ، މެންބަރުންގެ ގޮނޑި ގެއްލޭނީ ގާނޫނުގައިވާ ގޮތުގެ މަތިން ޕާޓީން ވަކިކުރުމުން ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
"އެހެންވީމަ އޭގެ މާނައަކީ އަދި އެކަމަށް ވަކި ގާނޫނެއް އެބަ އާދެޔޭ. ހަމަ ޕާޓީގައި އޮންނަ ސުލޫކީ ކޮމިޓީގެ ތިން މީހުން އެއްވެފައި އަޅުގަނޑު ކަނޑާލަން ނިންމައިގެން ކަނޑާލާ ވާހަކައެއް ނޫން އޮންނަނީކީ. އެ ގެނައި އިސްލާހުގައި އޮންނާނެ ގާނޫނުގައިވާ ގޮތުގެ މަތިން މީހަކު ވަކިކޮށްފިއްޔާ ނުވަތަ ވަކިވެއްޖެއްޔާ ގޮނޑި ގެއްލޭ ގޮތަށް އޮންނާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ވަކި ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ހޮވޭ މީހަކު ފަސް އަހަރުގެ ދައުރު ނިމެންދެން އެ ޕާޓީގައި ހުންނަވަން ޖެހޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ޕާޓީއެއްގެ ޓިކެޓުގައި މެންބަރުން އިންތިޚާބުކުރަނީ އެ ޕާޓީގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އިންތިޚާބުކުރާ މީހާ އޭނާގެ އަމިއްލަ ވިސްނުމުގައި އަމިއްލަ ވިސްނުމަށް މި ޕާޓީ ދޫކޮށްލީ ނޫނީ ޕާޓީގެ ވިޕްލައިނަކާ ޚިލާފަށް ވޯޓު ދިނީ، މިފަދަ ކަމަކަށް ވޯޓު ދިނުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެެހެންވެއްޖެއްޔާ ޕާޓީގެ ޓިކެޓަކު ނޫން އެ މެންބަރަކު އިންތިޚާބު ވާން ވާނީ އަމިއްލައަށް އިންތިޚާބުވާން ވާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ އިސްލާހާއެކު، ރައްޔިތުންގެ ބާރު ކަނޑުވާލެވޭ ކަމަށް ބުނެ ގާނޫނީ ދާއިރާގެ ބޭފުޅުން ވެސް ފާޑުވިދާޅުވެފައެވެ. އަދި އެއް ދުވަސް ތެރޭ އިސްލާހު ފާސްކޮށް އަމަލުކުރަން ފެށުމުގެ މަގުސަދާ މެދު އިދިކޮޅު ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ ގާނޫނު އަސާސީ ބަދަލުކުރުމަކީ، އެ ގާނޫނު އަސާސީގެ ދަށުން މަޖިލިސް މެންބަރުންނަށް ދީފައިވާ އިޚުތިޔާރެއް ކަމަށެވެ. އަދި މި އިސްލާހު އަވަހަށް ފާސްކުރަން ޖެހޭ ކަމަށް މެންބަރުން ގަބޫލުކުރައްވާތީ އެ އިޚުތިޔާރުގެ ބޭނުންކުރައްވައިގެން މަސައްކަތްތައް އަވަސް ކުރެއްވީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"[ގާނޫނު އަސާސީ] އަކު ނުބުނޭ ގާނޫނު އަސާސީއަށް ހުށަހެޅޭ އިސްލާހެއް ފާސްކުރަން ވާނީ ހަތަރު ދުވަހު ބަހުސްކޮށްފައި، ފަސް ދުވަސްވަންދެން ކޮމިޓީގައި ބާއްވައިފައި، ދެން ގެނެސްގެން އަދި ރިޕޯޓަށް ހަތަރު ދުވަހު ބަހުސްކޮށްފައެކޭ ގާނޫނު އަސާސީއަކު ނުބުނޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ގާނޫނު އަސާސީ ބަދަލުކުރަން ފާސްކުރީ އެކަމާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ތަޅުމުގައި އަޑުގަދަކޮށް، އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.
އެ އިސްލާހު ފާސްކުރުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެއީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، އަބްދުއްރަހީމް ކޮންޓްރޯލް ކުރެއްވުން ކަމަށެވެ.
މިރޭ ވެސް އަބްދުއްރަހީމް ވަނީ، އެ މަނިކުފާނާއި ރައީސާ ދެމެދު އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށާއި ސިޔާސީ ކަންކަމުގައި ރައީސާ އެންމެ ގާތް ގުޅުމެއް އޮތީ އެ މަނިކުފާނާ ދެމެދު ކަމަށް ވިދާޅުވެފައެވެ.