މަޝްރޫއުތަކުގެ ތަފުސީލް ފޮނުވަން ޝަރުތުކޮށް، 56.6 ބިލިއަންގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި

މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީ: އެ ކޮމިޓީން ވަނީ ޝަރުތުތަކާއެކު، ބަޖެޓު ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބަޖެޓުގައި ފައިސާ ކަނޑައަޅައިފައިވާ މަޝްރޫއުތަކުގެ ތަފުސީލް ހިމެނުމަށް ޝަރުތުކޮށް، 56.6 ބިލިއަން ރުފިޔާގެ ބަޖެޓު، މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ހުށަހެޅުއްވީ މިދިޔަ މަހުގެ 31ގައެވެ.

އެ ބަޖެޓް ދިރާސާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ރެކަމެންޑޭޝަންތަކެއް ހުށަހެޅުއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޕީއައިސްޕީއަގައި ހިމެނޭ މަޝްރޫއުތައް ހަމައަށް އަގުކޮށް، ދެމެހެއްޓެނިވި ގޮތަކަށް ރާވައި، އެ ޕްރޮގްރާމަތައް އިސްކަންދޭ ތަރުތީބެއް ކަނޑައެޅުން
  • އެއަށްފަހު، އަންނަ އަހަރު އަމަލީ މަސައްކަތް ފަށާ ޕީއެސްއައިޕީ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ރަށްތަކަށް ބެހިފައިވާ ގޮތުގެ ލިސްޓެއް އަންނަ ފެބްރުއަރީ މަހު މަޖިލީހަށް ހުށަހެޅުމަށް
  • ސަރުކާރުން އެކި ފަރާތްތަކާއެކު ހަދަފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކުރިއަށްދާނެ މަޝްރޫއުތަކާއި ކުރިއަށްނުގެންދެވޭނެ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހިންގަން ނިންމައިފައިވާ ރަށްތައް މާޗު މަސް ނިމުމުގެ ކުރިން މަޖިލީހަށް އެންގުމަށް
  • ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ހިނގަމުންދާ ގޮތުގެ ރިޕޯޓް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހެޅުން
  • ސަރުކާރު ހިންގާ ކުންފުނިތައް ރިފޯމް ކުރާނެ ގޮތުގެ ތާވަލެއް އެކުލަވާލައި އޭގެ ދަށުން އަޅަން ރާވާފައިވާ ފިޔަވަޅުތަކާއި އަޅައިފައިވާ ފިޔަވަޅުތައް އެނގޭނެހެން ކޮންމެ ކުއާޓާއެއްގައި ހުށަހެޅުން
  • ޓެކްސް ދައްކާ ފަރާތްތަތަކުން ކޮމްޕްލަޔަންސް ރަނގަޅު ކުރުމަށް ގާނޫނުގެ ދަށުން މީރާއިން އަޅަމުންދާ ފިޔަވަޅުތައް މުރާޖާކޮށް ދިމާވާ އެހެނިހެން ދަތިތައް ހައްލުކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާހު ކުރުން އަވަސްކޮށް، އެ ގާނޫނަށް ހުށަހަޅާ އިސްލާހާ ގުޅޭ ސިޔާސަތުތައް މެދުރާސްތާގައި އިސްލާހުކޮށް މަޖިލީހަށް ހުށަހެޅުމަށް

އެ ރެކަމެންޑޭޝަންތަކަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ތާއިދު ކުރެއްވުމުން، ވޯޓަށް އެހުމުން 18 މެންބަރުންގެ އިއްތިފާގުން ރެކަމެންޑޭޝަންތައް ވަނީ ފާސްކޮށްފައެވެ.

އެ ރެކަމެންޑޭޝަންތަކާއެކު ބަޖެޓު ފާސްކުރަން ކޮމިޓީގައި ވޯޓަށް އެހުމުން، 15 މެންބަރުން ވަނީ ބަޖެޓު ފާސްކުރަން ވޯޓު ދެއްވައިފައެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ތިން މެންބަރުންނެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅައިފައިވާ ބަޖެޓާ ގުޅޭ ގޮތުން އިދިކޮޅުން އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާޅުކުރަނީ ވަކި މަޝްރޫއުތަކަށް ހިނގާނެ ފައިސާގެ އަދަދުތައް ހިމަނައިފައިނުވުމެވެ. އެހެންވެ، އެ ބަޖެޓު އަލުން ހުށަހަޅަން އެމްޑީޕީއާއި އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ގޮވައިލައްވައިފައިވެއެވެ.

https://sun.mv/199250

އެހެންނަމަވެސް ސަރުކާރުން ވަނީ އެ ބަޖެޓު ދިފާއުކޮށްފައެވެ. އެގޮތުން އިންފްރާސްޓްރަކްޗަރު މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވަނީ ބަޖެޓު އެކުލަވައިލީ، ވީހާ ވެސް ގިނަ މަޝްރޫއުތައް ހިންގުމަށް ފުރުސަތު ލިބޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

މި އަހަރަށް ފާސްކުރި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ޖުމުލަ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ. އެހެންވެ، އަންނަ އަހަރަށް ލަފައިކުރަނީ މި އަހަރަށް ވުރެ 1.6 ބިލިއަނެއްހާ ރުފިޔާ ބޮޑު ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފައިކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.

އިގުތިސާދު ހީނަރުވެ، ދަރަނި ބޮޑުވެފައިވާ މި ދަނޑިވަޅުގައި އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ޖުމުލަ 11.5 ބިލިއަން ރުފިޔާގެ ފިސްކަލް އިސްލާހީ ފިޔަވަޅު ހިމަނާފައިވެއެވެ.

comment ކޮމެންޓް