އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ތަރައްގީގެ ޕްރޮޖެކްޓުތަކާއި އަދި އެ ނޫން ވެސް ތަފުސީލުތައް ހިމަނާފައި ނުވާ ކަމަށާއި އެގޮތަށް އޮއްވާ ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވާނެ ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް މިހާރު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައި އޮތް 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސްކުރުން މިއަދުގެ ޖަލްސާގައި ވެސް ކުރިއަށްދިޔައެވެ.
ބަހުސްގެ ވަގުތުގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، ދާއިރާގެ ރައްޔިތުންގެ ވޯޓުން އެ މަގާމަށް ހޮއްވަވާފައިވަނީ ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް އަޅުއްވާފައި ކަމަށެވެ. އެ ޒިންމާއަކީ ރައްޔިތުންނަށް ގެނެސްދޭންޖެހޭ ތަރައްގީ ގެނައުން ކަމަށް ސިޔާމް ވިދާޅުވިއެވެ.
އެހެންނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ އެއްވެސް ތަފުސީލެއް ނެތި 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާފައިވާތީ ސިޔާމް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.
"އަޅުގަނޑު މަޖިލީހުގައި 21 އަހަރު މިވަނީ. މިއީ އަޅުގަނޑު މަޖިލީހުގެ އުމުރުން ފުރަތަމަ ފަހަރު ތަފުސީލެއް ނެތް ގޮތުގައި މި މަޖިލީހަށް ބަޖެޓެއް ހުށަހެޅިގެން ދިޔަ. މީގައި އަޅުގަނޑުގެ ދާއިރާގެ ރަށްތަކަށް، މީދޫއަށް، ބަނޑިދޫއަށް، ރިނބުދޫއަށް، ހުޅުދެއްޔަށް އަދި މި ގައުމުގައި ހުރި އެހެން ރަށްރަށުގެ ތަރައްގީއާ ބެހޭ އެއްވެސް ވާހަކައެއް މި ފޮތުގައި ބަޔާންކުރެވިފައެއް ނެތް،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ޑިމޮކްރަސީގެ އަދި ވިޔަފާރީގެ ވެސް އެންމެ މާތް ސިފައަކީ ޓްރާންސްޕޭރެންސީ ނުވަތަ ދެފުށް ފެންނަ ނިޒާމެއް އޮތުމެވެ. އެގޮތުން، ރައްޔިތުން މިއަދު ބޭނުންވަނީ ކުރާ ކަންތައްތައް އެނގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހެނދުނު ހޭލާއިރުގައި ސަޕްރައިޒެއްވާކަށް ކޮންމެ ދުވަހަކު ބޭނުމެއްނުވޭ. އެހެންވީމާ އަޅުގަނޑުމެން ބުނެދޭން އެބަޖެހޭ ތައުލީމަށް ޚަރަދުކުރަނީ ދެ ބިލިއަން ރުފިޔާ ކަމުގައި ވާނަމަ އަޅުގަނޑުމެން އެބަ ބުނަންޖެހޭ ތައުލީމީ ކޮން ދާއިރާއަކަށްކަން މި ޚަރަދު ކުރަނީ. އަޅުގަނޑުމެން ބުނަން އެބަޖެހޭ ރަށްރަށުގައި ނިމިފައި އޮތީ ކޮންކަމެއްތޯ،" ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވާނުވާއެއް ނޭނގި މި ބަޖެޓަށް ބަހުސްކުރާނެ އެއްވެސް ގޮތެއް އަޅުގަނޑުގެ ސިކުނޑިއަކަށް ނުވިސްނޭ އިއްޒަތްތެރި ރައީސް. މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން ބަޖެޓެއް ހުށަހަޅާނެ ގޮތެއް ނޫން. އަދި، އެއްވެސް ކުންފުންޏަކުން ވެސް ބަޖެޓެއް ހުށަހަޅާނެ ގޮތެއް ނޫން،"
އެ މަނިކުފާނު ވިދާޅުވީ، މިހާރު ހުށަހަޅާފައި އޮތް ބަޖެޓަކީ ވިޔަފާރިއާ، ޓްރާންސްޕޭރެންސީ އަދި ޑިމޮކްރަސީއާ ވަރަށް ދުރު ވިސްނުމެއްގެ ބަޖެޓެއް ކަމަށެވެ. ރައްޔިތުން ހޮއްވަވާފައިވާ މެންބަރެއްގެ ހައިސިއްޔަތުން އެ ރައްޔިތުންނަށް މިއަދު ޖަވާބުދާރީވާންވީ ކިހިނެއްތޯ ސިޔާމް ސުވާލުއުފެއްދެވިއެވެ.
"ނޭނގި ތިބެ މި ބަޖެޓަކީ ސައްތައިންސައްތަ ރަނގަޅު އެއްޗެކޭ ބުނަން ހެޔޮ ވެސް ނުވާނެ. އަޅުގަނޑު ހަމަ އާދޭހާއެކު ދަންނަވަން އިއްޒަތްތެރި ރައީސް މި ބަޖެޓު ގެންދަވާށޭ. ގެންގޮސް އަޅުގަނޑުމެންނަށް ތަންދޮރު އެނގޭނެ ގޮތަކަށް އަޅުގަނޑުމެންނަށް މި ބަޖެޓު ހުށަހަޅައިދެއްވާ،" ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު ތަކުރާރުކޮށް ގޮވާލެއްވީ ބަޖެޓު އަނބުރާ ގެންދިޔުމަށެވެ. އަދި، ތަފުސީލުތައް ހިމަނުއްވާ ބަޖެޓު އިސްލާހު ކުރުމަށް ފަހު އަލުން ހުށަހެޅުމަށެވެ. އެހެން ނޫންނަމަ، ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރައީސް. އަޅުގަނޑު އާދޭހާ އެކު މި ދަންނަވަނީ މި ބަޖެޓު ފޮތް ގެންދަވާ. ގެންގޮސް އަލުން ގެންނެވީމާ އަޅުގަނޑުމެން މި ކަމާ ބެހޭގޮތުން ރަނގަޅަށް ވާހަަކަދައްކާނަން. އެކަމަކު، މި ގޮތަށް އޮއްވަކާ އަޅުގަނޑަކަށް މި ބަޖެޓަކަށް ވޯޓެއް ނުދެވޭނެ،" ސިޔާމް ވިދާޅުވިއެވެ.
ބަޖެޓުގައި ތަފުސީލުތައް ނެތުމުގެ ކަންބޮޑުވުން އިދިކޮޅު އެމްޑީޕީން ވެސް ވަނީ ފާޅުކޮށްފައެވެ.
ބަޖެޓުގައި ހިމަނާފައިވާ ކަންތައްތައް
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
ދަރަނި އަނބުރާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިއީ، ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ. މި ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 7.9 އިންސައްތައެވެ.
މީގެ އިތުރުން، އަންނަ އަހަރަށް ލަފައިކުރާ ދައުލަތުގެ ބަޖެޓުގައި ޖުމުލަ 11.5 ބިލިއަން ރުފިޔާގެ އިސްލާހީ ފިޔަވަޅު ހިމަނައިފައެވެ. އެއީ، އެ ފިޔަވަޅުތަކާ އެކު ޚަރަދުން ސަލާމަތްކުރެވޭ 6.6 ބިލިއަން ރުފިޔާއަކާއި އާމްދަނީ އިތުރުކުރަން އެޅި ފިޔަވަޅުތަކާ އެކު އިތުރު 4.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މާލީ ވުޒާރާއިން ބުނީ މިއީ އާ މަޝްރޫއުތަކަށް އެންމެ ބޮޑު އަދަދެއް ބަޖެޓުކުރެވޭ އަހަރަށްވާނެ ކަމަށެވެ.
މި އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ޚާއްސަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، މިއީ ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ސަރުކާރުގެ ވައުދާ އެއްގޮތަށް ފަސް އިންސައްތައިގެ އިންޓްރެސްޓްގައި ދެ ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުން ވެސް ވަނީ ބަޖެޓުގައި ހިމަނައިފައެވެ. އެގޮތުން ބޯހިޔާވަހިކަމަށް ތިން ބިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.
މި އަހަރަށް ފާސްކުރި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ޖުމުލަ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ. އެހެންވެ، އަންނަ އަހަރަށް ލަފައިކުރަނީ މި އަހަރަށް ވުރެ 1.6 ބިލިއަނެއްހާ ރުފިޔާ ބޮޑު ބަޖެޓެކެވެ.