ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުތައް، އިތުރު އިސްލާހުތަކަކާ އެކު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ގާނޫނުއަސާސީއަށް އިޞްލާޙެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. އެއީ، 70 މެންބަރުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގައި މި ވަގުތު އެ އަދަދަށް މެންބަރުން އެބަތިއްބެވިއެވެ.
ސަރުކާރުން ވަނީ މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ހިމަނަން މިއަދު ހުށަހަޅުއްވާފައެވެ. އެއީ؛
- މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
- ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
- ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
މި އިސްލާހުތައް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ބިލު ފާސްކުރަން ކޮމިޓީގައި ނެގި ވޯޓުގައި ބިލު ފާސްކުރަން ހާޒިރުވެ ތިބި 89 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓުދެއްވިއެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ 13 މެންބަރުންނެވެ. އެހެންވެ، ކޮމިޓީން ވަނީ އެ ބިލު ފާސްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީން ނިންމާގޮތް ތަޅުމުން ފާސްކުރަން މިއަދު ހަވީރު 5:30 އަށް ވަނީ މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައެވެ. ބިލުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅީ ވެސް ވީހާ ވެސް އަވަހަށް ބިލުގެ މަސައްކަތް ނިންމަން ވެގެންނެވެ.
ބިލުގައިވާ ގޮތުގައި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.
އެ އިސްލާހާ އެކު ކޮމިޓީން ބިލު ފާސްކުރީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ދެ އިސްލާހަކާ ވެސް އެކުއެވެ.
ޝުޖާއު ވަނީ ކަނޑުގެ ސަރަހައްދަށް ބަދަލެއް އަންނަ ފަދަ ކަމެއް މަޖިލީހަށް ފާސްކުރެވޭނީ ހަތަރުބައިކުޅަ ތިންބައި އަގުލަބިއްޔަތުން ކަމަށް ކަނޑައަޅަން ހުށަހަޅައިފައެވެ. އެ އިސްލާހު ކޮމިޓީގެ 83 މެންބަރުންގެ ވޯޓުން ވަނީ ފާސްވެފައެވެ. ވަކިގޮތަަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ވޯޓު ދެއްވާފައިވަނީ އެންމެ މެންބަރެކެވެ.
ޝުޖާއުގެ ދެވަނަ ހުށަހެޅުމަކީ ކަނޑުގެ ސަރަހައްދަށް ބަދަލެއް އަންނަ އެއްވެސް ނިންމުމެއް މަޖިލީހަށް ވެސް ނިންމޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅުމުގެ އިސްލާހެވެ. އެ އިސްލާހު 78 މެންބަރުންގެ ވޯޓާއެކު ފާސްކުރިއިރު ހަ މެންބަރުން އެއާ ދެކޮޅަށް ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވިއެވެ.
މި ބިލަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހު މަޖިލީހުން މިއަދު ވަނީ ބޭރުކޮށްލާފައެވެ. މީކާއިލް ހުށަހެޅުއްވީ މަޖިލިސް މެންބަރަކު ޕާޓީން ވަކިކުރާ ހާލަތުގައި، އޭނާ އެ މަގާމުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް އެ ދާއިރާގެ ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ މެދުގައި ވޯޓެއް ނަގަންޖެހޭ ގޮތަށެެވެ.
އަދި، ސިޓީތައް ފިޔަވައި އެހެން ދާއިރާތަކުން މެންބަރަކު ވަކިކުރަން އާބާދީގެ 25 ޕަސެންޓު މީހުންގެ ސޮޔާއެކު ޕެޓިޝަން ހުށަހަޅަން ޖެހޭނެއެވެ. އަދި، މާލެއާއި ސިޓީތަކުގެ ދާއިރާތަކަށް ނިސްބަތްވާ މެންބަރުން ވަކިކުރަން އާބާދީގެ 15 ޕަސެންޓު މީހުންގެ ސޮޔާއެކު ޕެޓިޝަން ހުށަހަޅަން ޖެހޭނެއެވެ.
ނަމަވެސް، 68 މެމްބަރުންގެ ވޯޓާ އެކު އެ އިސްލާހު ބޭރުކޮށްލިއެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ 12 މެންބަރުންނެވެ.
މީގެ އިތުރުން މީކާއިލް ވަނީ އެ ބަދަލުތައް ގެނައުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ހުށަހެޅުއްވާފައެވެ. ނަމަވެސް، 69 މެންބަރުންގެ ވޯޓުން އެ އިސްލާޙު ބޭރުކުރިއެވެ. މަޝްވަރާ ކުރަން ތާއީދު ކުރެއްވީ އެންމެ 11 މެންބަރުންނެވެ.
ހަވީރު އޮތް މަޖިލީހުގެ ޖަލްސާގައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކަށް ވޯޓަށް އަހާނެއެވެ.
އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން އަންނަނީ މަޖިލީސް އިދާރާ ހުންނަ ސަރަހައްދުގައި މުޒާހަރާ ވެސް ކުރަމުންނެވެ.