ވެރިކަމުގައި ތިއްބަވާ ބޭފުޅުން އަބަދު ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ބޭނުންފުޅުވެއެވެ. އެ ކަމަށް އަދައިގެން މަސައްކަތް ވެސް ކުރައްވައެވެ. އަމުދުން، މަޖިލީހުން ހެޔޮވަރުގެ މެޖޯރިޓީއެއް ލިބިއްޖެ ނަމައެވެ. އެއީ، ތާރީޚުގައި ފެންނާން އޮތް ހަގީގަތެވެ.
އާ ގާނޫނުއަސާސީ ތަސްދީގުކުރެއްވި ފަހުން ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީއެއް ފުރަތަމަ ލިބުނީ ޕީޕީއެމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބުގައެވެ. ތާރީޚު ބެއްލެވީމާ އެންޓި ޑިފެކްޝަން ގާނޫނެއް ފުރަތަމަ އުފަންވީ ވެސް އެ ވެރިކަމުގެ ފަހުކޮޅުގައިކަން އެނގެއެވެ. ދެން އައި އެމްޑީޕީގެ ސަރުކާރުގައި އެއަށްވުރެ ބޮޑު ސުޕަ މެޖޯރިޓީއެއް އެ ޕާޓީއަށް ލިބުނެވެ. އެ ވެރިކަން ނިމުނު ފަހުން، އެމްޑީޕީއަށް ކެތްނުވެގެން މިހާރު މި އަމަލުކުރާ 'ދެއުޅިއެއްނުވާ' އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރީ މި ވެރިކަމުގައެވެ.
ވެރިކަމުގެ ނިޒާމު ފަރުމާކޮށްފައި އޮތް ގޮތުން، ސަރުކާރު ޖަވާބުދާރީކުރުވާ ތަނަކީ މަޖިލީހެވެ. އެހެންވެ، ހުރިހާ ސަރުކާރަކުން ވެސް މަޖިލީހާ ކުޅެން ބޭނުންވެއެވެ. ކުޅެން ވެސް ކުޅުނެވެ. ކަޅު ދަބަހުންނެވެ. އެއިން ނުވިއްޔާ ގޮށްމުށުގެ ބާރުންނެވެ. އެއީ ފެންނާން އޮތް ހަގީގަތެވެ.
މި ވެރިކަމަށް އަދި މިވީ އަހަރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނުން ވެސް ފުދިވަޑައިނުގެން އެ މާއްދާތައް ގާނޫނުއަސާސީއަށް އިތުރުކުރަން ބޭނުންފުޅުވެއްޖެއެވެ. ސަރުކާރުން ބޭނުންވަނީ ވެސް ހުށަހަޅާ ގޮތަށް ލަހެއްފަހެއް ނުކޮށް ފާސްކުރާށެވެ.
ސިއްރުސިއްރުން ފޮނުވާ މެސެޖުތަކުންނާއި ދެ ފަޅިއަށް ބަލައިލާފައި ވިދާޅުވާ ބަސްތަކުން ޕީއެންސީގެ މެންބަރުން ވެސް އެ ކަމާ ކުޑަކޮށް ފޫކަހާފައި ތިބިކަން އެނގެއެވެ. އެކަމަކު، ވެރިކަމުގެ ކޮއިލުތެރޭގައި ތިއްބެވީމާ އެއްޗެއް ފާޅުގައި ވިދާޅުވާން ނުކެރެނީ ކަންނޭނގެއެވެ.
އެ އުޅެނީ މެންބަރުން ބަންނަން
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކެއް މިހާރު ވެސް އެބައޮތެވެ. އެއީ؛
- އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.
- ފަނޑިޔާރަކު ކަމުގައިވުން.
ސަރުކާރުން ބޭނުންވަނީ އެ ކަންކަމުގެ ތެރެއަށް ތިން ކަމެއް އިތުރު ކުރާށެވެ. ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލުގައިވަނީ 73 ވަނަ މާއްދާއަށް އިތުރުކުރާ ތިން ބޮޅަކީ؛
- ވަކި ޕާޓީއަކުން ހޮވޭ މެންބަރަކު ޕާޓީން ވަކިވުން، ޕާޓީން ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅުން
- މަޖިލީހުުގެ މެންބަރަކު ޕާޓީ ބަދަލުކުރުން، ޕާޓީން ވަކިވުން، ނުވަތަ ވަކިކުުރުން
- އަމިއްލަ ގޮތުން އިންތިޚާބުވީ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅުން
މެންބަރުން ޕާޓީ ބަދަލުކުރުމަކީ ވަރުގަދަ ކުޅިއެކެވެ. މި ސަރުކާރުގެ ޅަފަތުގައި އެމްޑީޕީގެ 13 މެންބަރުން އެއްފަހަރާ ކޮޅު ބަދަލުކުރި ހަނދާނެއް މީހުން އަދި ނުނެތެއެވެ. އެ ވިޔަފާރި ހުއްޓުވޭނެތީ ބައެއް މީހުން ތިބީ އުފަލުންނެވެ. ހިތްހަމަޖެހިގެންނެވެ.
"އެންޓި ޑިފެކްޝަން މާއްދާއެއް ގާނޫނުއަސާސީގައި ހިމެނުމަކީ އަޅުގަނޑު ތާއީދުކުރާ ކަމެއް. އެހެނަސް ދައުލަތަކުން ގާނޫނުއަސާސީ އިސްލާހުކުރާއިރު ކޮންމެ ވެސް ގޮތަކާއި ފޮތަކާއި ހަމަޔަކާއި ލަމައެއް އޮންނާންވާނެ،" މިއީ ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދުގެ ހިޔާލެވެ.
"ގާނޫނުއަސާސީއަކީ ރައްޔިތުންގެ މަސްލަހަތު އެއާ ލާމެހިފައި އޮތް ގައުމުގެ ދުސްތޫރު. ގާނޫނުއަސާސީ ބުނާ ގޮތުން ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން، އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުން ކިބައިގައި. ވީއިރު ގާނޫނުއަސާސީ ބަދަލުކުރަން ވާނީ ރައްޔިތުން މަޝްވަރާކުރުމުގެ އިޖުރާއަތަކަށް ފަހު،"
އެއީ ތެދެކެވެ. ކުއްލިއަކަށް ހުށަހަޅާފައި ބަދަލުކޮށްލަންޏާ އޭގައި އޮތް އެންމެ މާއްދާއެއްގެ ވެސް ބޭނުމެއް ނެތެވެ.
ދިޔާނާގެ ހިޔާލެއް ނޫނެވެ. އެކަމަކު، މެންބަރުން ޕާޓީން ވަކިކުރީމާ ގޮނޑި ގެއްލޭ ނަމަ މެންބަރުން އެގެން ބަނދެވުނީއެވެ. އެއަށް ވުރެ ފަލައަކަށް، އެއަށްވުރެ ފާޅުގައެއް މެންބަރުންނެއް ނުބަނދެވޭނެއެވެ. ޖެހޭނީ ޕާޓީން ބުނިހާ ގޮތެއް ހެދިގެން ހުންނާށެވެ. ނޫނިއްޔާ ފަސް އަހަރު މަގުމަތީ ތެޅިގެން ދާ އޮހޮރައިގެން ހޯދި ގޮނޑި ދޫކޮށްލާފައި އަލުން މަގުމަތިވާށެވެ.
ހިޔާލަށް ގެންނާށެވެ. ދާއިރާ ރައްޔިތުންގެ ވިންދާ ދެކޮޅަށް ޕާޓީން މިސާލަކަށް ވިޕެއް ނުރެނީއެވެ. އެއާ ހިލާފުވެގެން ކަނޑައިލުމުގެ ބިރު އޮތީއެވެ. އެ ދެއްކެނީ ބިރު ނޫން ކޯޗެއް ހެއްޔެވެ؟ މެންބަރުން އެއަށްވުރެ ބޮޑަށް ބަނދެވޭނެހެއްޔެވެ؟ ނޫނެވެ. ފިސާރި ބާރުކޮށް އެ ބަނދެވުނީއެވެ.
ގާނޫނުއަސާސީ އެކުލަވައިލިއިރުގައި އެ މާއްދާތައް ނުހިމެނީ ވެސް އެހެންވެއެވެ. ހަނދާނުން ކައްސާލައިގެންނެއް ނޫނެވެ. ކަނޑައެޅިގެން އެ މީހުން ބަލައިނުގަތީއެވެ. މަޝްވަރާކޮށްފައި އެއީ ކުރާވަރުގެ ކަމެއް ކަމުގައި ނުފެނުނީއެވެ.
"ގާނޫނުއަސާސީ ލިޔުނު މީހުން ރިޖެކްޓުކޮށްފައި އޮތް ވާހަކައެއް މިއީ،" ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) މި މައުޞޫގައި މީގެ ކުރިން ލިޔުނު ރިޕޯޓަކަށް ވާހަކަދައްކަވަމުން ވިދާޅުވެފައިވެއެވެ.
ގާނޫނުއަސާސީގައި އޭރު މި މާއްދާތައް ނުހިމެނި އެންމެ ބޮޑު އެއް ސަބަބަކީ ރައްޔިތުންގެ ބާރު ކެނޑުނަ ނުދިނުމެވެ.
"ޕާޓީއަކުން މީހަކު އެންޑޯސްކޮށްގެން ނެރުނަކަސް އަދި ވޯޓުލާ މީހަކު ވޯޓުލަނީކީއެއް ކޮންމެހެން އެ ޕާޓީވެގެން ކަމަށް ބަލައިގެންނެއް ނުވާނެ ދޯ. މީހާއަށް ދޯ ވޯޓުލަނީ؟ އެހެންވީމާ ގާނޫނުއަސާސީއާ ހިލާފުވާ ހިސާބުތަކަށް މި ވަދެވެނީ،" އެންޓި ޑިފެކްޝަން ގާނޫނަށް ފާޑުވިދާޅުވަމުން އޭރު އިބުރާ ފާހަގަކުރެއްވިއެވެ.
ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ މިކަން ފުށުއަރާ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
އެ މާއްދާގައި ބުނަނީ، "ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި، އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ."
މެންބަރުން ބަންނަނީ އޭ މި ބުނަނީ އެހެންވެއެވެ. ޕާޓީތަކުން ހެދިހާ އެއްޗެއް ހަދަން ދޫކޮށްލަން މަޖުބޫރުވާތީއެވެ. ޕާޓީން ރުޅި އައިސްގެން މެންބަރު ޕާޓީން ބޭރުކޮށްލާއިރަށް ގޮނޑި ގެއްލޭތީއެވެ. އެ ވަރުގެ ފައްކާ ބިރެއް ނޯންނާނެތީއެވެ.
ކުއްލިއަކަށް ކީއްވެ؟
ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ގަވާއިދެެއް ހަދައިގެން މި ދެތިން ހަފުތާއެއްގައި އެ ނޫން ވާހަކައެއް ނެތެވެ. 'މަހުޖަނު ވިޔަފާރިވެރިން' ތިބީ ކޯފާވެފައެވެ. ގަވާއިދު އޮތް ގޮތުން ވެސް މެއެވެ. ހައްގު ރުޅިއެކެވެ. އެކަމަކު، އެ މައުޞޫއަކަށް ނުދާނަމެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނޭ،" އެ ވިޔަފާރިވެރިން ކަންބޮޑުވީމާ ރައީސް މުއިއްޒު ހަރުއަޑުއުފުޅުން ވިދާޅުވިއެވެ.
އެ މައްސަލަ އޮތީ ބޮޑުވެފައެވެ. މަހުޖަނުން ކޯފާވީމާ ބައެއް ފަހަރު ތަންކޮޅެއް ފަސޭހައިން މެންބަރުންގެ ހިތް ވެސް ބަދަލުވެއެވެ. ނުބުންޏަސް ސަރުކާރަށް ވެސް މި ކަމެއްގައި އެ ބިރު އެބައޮތެވެ. މަޖިލީހުގެ ތެރެއިން ބައެއް މެންބަރުން ސަރުކާރާ ދެކޮޅު ވެދާނެކަމުގެ ބިރު ބޮޑެވެ. އެއީ، މި ބަދަލު ގާނޫނުއަސާސީގައި ހިމަނަން ޖެހުނު އެންމެ ބޮޑު އެއް ސަބަބެވެ.
"މެންބަރުންތަކެއް ދީލައިލައިފާނެކަމުގެ ބިރު އެބައޮތް. އެ ބިރާ އެކު މެންބަރުންނަށް ޓްރަސްޓް ނުކުރެއްވޭތީ ކުރައްވާ ކަމެއް ކަމަށް ފެންނަނީ،" ޕީއެންސީގައި 'އަނގަދަ ގަދަ' މެންބަރަކު ވިދާޅުވިއެވެ.
ބައެއް ފިސާރި ފައިސާވެރިން އެ ތިބީ ސަރުކާރާ މެދު ނުރުހުންވެފައެވެ. އެހެންވީމާ، އަމުދުން އިތުބާރު ކުރަން އުނދަގޫވާނެތާއެވެ. ގާނޫނުގައި އޮތް ވަރުން ވެސް ފުދިވަޑައިނުގެން ގާނޫނުއަސާސީއަށް ތިން މާއްދާ އިތުރުކުރަނީ އެ ބޭނުމުގައެވެ. ގާނޫނީ ގޮތުން ސަރުކާރު ބަލިކޮށްލެވޭ ހަމައެކަނި ބޭފުޅުންކޮޅު ބަންނާށެވެ. ސަރުކާރުގައި އޮތް ސުޕަމެޖޯރިޓީއާއި އަމަލު މި ކުރާ އެންޓި ޑިފެކްޝަން ގާނޫނަށް ވެސް އިތުބާރު ނުކުރެއްވޭތީއެވެ.
ރީތިކޮށްލާފައި އިނގިރޭސި ނަމެއް ކިޔިދާނެއެވެ. މޮޅުކޮށްލަން މާތް މަގުސަދެއް ވެސް ލިޔެވިދާނެއެވެ. އެކަމަކު، މިއީ މެންބަރުން ހެޔޮ ވަރަށް ބަނދެލުން ނޫން ދެވަނަ ކަމެއް ނޫނެވެ.