ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅުއްވާފައި ބިލުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމަން މިއަދު ހަވީރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ގާނޫނުއަސާސީގައި ހިމަނަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ބިލުގައި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން ބައެއް މެންބަރުންނާއި ސިޔާސީ ފަރާތްތަކުގެ އަދި ގާނޫނީ ބޭފުޅުންގެ ވެސް ކަންބޮޑުވުން އެބައޮތެވެ. ވަކިން ޚާއްސަކޮށް، މިއަދު ބިލު ހުށަހަޅައި، ވަގުތުން މުޅި މަޖިލީހުގެ ކޮމިޓީއަށް ގޮސް މިއަދުން މިއަދަށް ގާނޫނުއަސާސީ އިސްލާހުކުރަން އުޅޭތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު މެންބަރުން ދަނީ ފާޅުކުރަމުންނެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކޮމިޓީގެ ބަހުސް މަރުހަލާ ކުރިއަށް ގެންދަވާނީ 13:30 އާ ހަމައަށް ކަމަށެވެ.
މަޖިލީހުން ވަނީ ހަވީރު 17:30 އަށް ވަނީ އެ އިސްލާހާ މެދު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓާ މެދު ގޮތެއް ނިންމުން ހިމަނައި ޖަލްސާއެއް އެޖެންޑާކޮށްފައެވެ.
ސަރުކާރުން ވަނީ މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ހިމަނަން މިއަދު ހުށަހަޅުއްވާފައެވެ. އެއީ؛
- މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
- ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
- ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
ގާނޫނުއަސާސީއަށް އިޞްލާޙެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. އެއީ، 70 މެންބަރުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގައި މި ވަގުތު އެ އަދަދަށް މެންބަރުން އެބަތިއްބެވިއެވެ.