ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ގެންނަން ހުށަހެޅި އިސްލާހުތަކާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީސް ކުރާ ސަރަހައްދުގައި މުޒާހަރާކުރަނިކޮށް، ސަރުކާރު ހިންގާ ޕީއެންސީގެ އެކްޓިވިސްޓުންތަކެއް އެ ތަނަށް ދިއުމުން މުޒާހަރާ މިއަދު ހޫނުވެއްޖެއެވެ.
ގާނޫނުއަސާސީއަށް އިޞްލާޙެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. އެއީ، 70 މެންބަރުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގައި މި ވަގުތު އެ އަދަދަށް މެންބަރުން އެބަތިއްބެވިއެވެ.
ސަރުކާރުން ވަނީ މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ހިމަނަން މިއަދު ހުށަހަޅުއްވާފައެވެ. އެއީ؛
- މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
- ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
- ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
ޕީއެންސީގެ ސުޕަމެޖޯރިޓީން ބިލު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިއިރު އެ މަސައްކަތް ނިންމައި، ހަވީރު 5:30 ގައި އެ މައްސަލައަށް ތަޅުމުގައި ގޮތެއް ނިންމަން ޖަލްސާއެއް ވަނީ އެޖެންޑާކޮށްފައެވެ.

އެހެންވެ، އެމްޑީޕީން ވަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކުގެ ސަބަބުން، ޚާއްސަކޮށް މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ ބާރު ކެނޑޭ ކަމަށް ބުނެ މަޖިލީސް ސަރަހައްދަށް އެއްވެ، ނުރުހުން ފާޅުކުރަން ފަށައިފައެވެ.
އެކަމަކު، އެމްޑީޕީން މުޒާހަރާ ކުރަނިކޮށް ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުންތަކެއް ވަނީ އެ ސަރަހައްދަށް ވަދެގަނެފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނެއެވެ.

އެ އެކްޓިވިސްޓުން އެމްޑީޕީން މުޒާހަރާ ކުރާ ސަރަހައްދަށް ވަދެގަތުމުން އެ ސަރަހައްދު ހޫނުވިއެވެ.
އެކަމަކު، މަޖިލީސް ސަރަހައްދުގައި ތިބި ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވި ސަރުކާރުގެ އެކްޓިވިސްޓުން ދުރަށް ޖައްސައިފައެވެ. އަދި، އެ ސަރަހައްދުގައި މުޒާހަރާކުރަން ތިބި އެމްޑީޕީގެ ބައިވެރިން ވެސް ފުލުހުން އަންނަނީ ފަހަތަށް ޖައްސަމުންނެވެ.
ގާނޫނުއަސާސީއަށް ގެންނަން ހުށަހެޅި އިސްލާހުތައް މިއަދުން މިއަދަށް ފާސްކުރާތީ އެމްޑީޕީގެ މެންބަރުން ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.