ސަރުކާރުން އުޒުރުތައް ދައްކަނީ މިދިޔަ ސަރުކާރުގައި ރައްޔިތުންނަށް ހަމަޖައްސާދީފައިވާ ގޯތިތަކާއި ފުލެޓުތައް ނުދޭން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ތުހުމަތުކުރައްވައިފިއެވެ.
މޭޔަރު މިފަދައިން ސަރުކާރަށް ތުހުމަތުކުރެއްވީ ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާން ކުރި ފުލެޓު ލިސްޓު މި ސަރުކާރުން މުރާޖާކޮށް ނުނިމޭތީ އަނެއްކާވެސް ފުލެޓް ލިސްޓު ނެރުން ފަސްކޮށްފައިވަނިކޮށެވެ.
އެ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި، ފްލެޓު ލިސްޓުގެ މަސައްކަތް ލަސްވަނީ ލިސްޓުގެ ސައްހަކަން ޔަގީންކުރާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.

އެފްޑީސީން ހަދާ 4،000 ފުލެޓުގެ މަސައްކަތް މިނިސްޓަރު ހައިދަރު ބައްލަވައިލައްވަނީ: މޭޔަރު އާޒިމް ވިދާޅުވީ ސަރުކާރުން އުޒުރުތައް ދައްކަނީ ފްލެޓާއި ގޯތިތައް ނުދޭންވެގެން ކަމަށް -- ފޮޓޯ/ ހޯމް މިނިސްޓްރީ
ފުލެޓުތަކާއި ގޯތިތައް ދިނުން ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، މޭޔަރު އާޒިމް ވިދާޅުވީ، ބޯހިޔާވަހިކަމަކީ އިންސާނާގެ ދިރިއުޅުމަށްޓަކައި ބޭނުންވާ އަސާސީ ހައްގެއް ކަމަށާއި އެމްޑީޕީ ސަރުކާރުގައި މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރި ކަމަށެވެ.
އެގޮތުން، އެ ސަރުކާރުގައި ރައްޔިތުންނަށް ހަމަޖައްސާދީފައިވާ ފުލެޓުތަކާއި ގޯތިތައް އޭގެ ހައްގުވެރިންނާ ހަވާލުނުކުރާތީ މޭޔަރު ވަނީ އެކަމާ ހިތާމަކުރާ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންނަށް ދޭން ނިންމާފައި ހުރި ގޯތިތަކާއި ފުލެޓުތައް ހަވާލުކުރުމަކީ ސަރުކާރަށް ލާޒިމު ކަމެއް ކަން މުޅި ގައުމު ގަބޫލު ކުރާ ކަން ފާހަގަކުރައްވައި، އާޒިމް ވަނީ މި ސަރުކާރުން އެކަން ނުކުރާން އެކި އުޒުރުތައް ދައްކާ ކަމަށް ތުހުމަތުކުރައްވާފައެވެ.

ބިންވެރިޔާ ސްކީމުން ބިން ދޫކުރުން: މޭޔަރު އާޒިމް ވިދާޅުވީ ސަރުކާރުން އުޒުރުތައް ދައްކަނީ ފްލެޓާއި ގޯތިތައް ނުދޭންވެގެން ކަމަށް -- ސަން ފޮޓޯ
މީގެއިތުރުން، މާލޭ ރައްޔިތުންގެ ހައްގު ނުގިޅައިގަނެގެން ސަރުކާރަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންވެ، މި އަހަރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތައް ރައްޔިތުންނާ ހަވާލުކޮށް ނިންމަން އާޒިމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.
ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓެއް ކުރިން އޮތީ އާންމުކޮށްފައެވެ. މިހާރު ވެސް ފަހިދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ފްލެޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ނިމުން ފުލެޓުތައް ދޫކުރުމުގެ މަސައްކަތް ލަސްވާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުން އަންނައިރު އެކަމަށް އެކި އިހުތިޖާޖުތައް ވެސް އަންނަނީ ބާއްވަމުންނެވެ.

އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ބައެއް ޓަވަރުތައް 95 ޕަސެންޓް ނިމިފައި: މޭޔަރު އާޒިމް ވިދާޅުވީ ސަރުކާރުން އުޒުރުތައް ދައްކަނީ ފްލެޓާއި ގޯތިތައް ނުދޭންވެގެން ކަމަށް --- ސަން ފޮޓޯ
ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި އޭސީސީން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.
ނަމަވެސް، އޭގެ ފަހުން ހަތް ވަރަކަށް މަސްވީއިރު އަދިވެސް ހައުސިން މިނިސްޓްރީން ގެންދަނީ އެ ލިސްޓު ރިވިއުކުރަމުންނެވެ. މީގެ ކުރިން އެ މިނިސްޓްރީން ބުނީ އޮކްޓޯބަރު މަހު ފުލެޓު ލިސްޓު އާންމުކުރާނެ ކަމަށެވެ.
އެކަމަކު، މިހާރު އެ މިނިސްޓްރީން ބުނި ގޮތުގައި ރައީސް އެކުލަވައިލެއްވި ހައުސިން އެޑްވައިޒަރީ ކޮމިޓީއާއި، މާލޭ ސިޓީ ކައުންސިލުގެ ހައުސިން ކޮންސަލްޓޭޓިވް ކޮމިޓީއަށް ވެސް ލިސްޓުތަކުގައި މައްސަލަ އުޅޭކަމަށް ފެންނާތީ، ހުރިހާ އެޕްލިކޭޝަން ފޯމުުތައް އަންނަނީ އަލުން ބަލަމުންނެވެ.
އެކަމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި އެހެންކަމުން ދެން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަނީ މި ފެށޭ މަހުގެ ދެވަނަ ހަފުތާގެ ނިޔަލަށްކަމަށް މިނިސްޓްރީން މީގެ ކުރިން ބުންޏެވެ.