ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކާ އެއްކޮށް، މަރުވެފައި އޮއްވާ ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރުގެ މައްސާލާގައި ރައްޔިތުން ނިކުމެ އިހުތިޖާޖުކޮށް ޕޮލިސް ސްޓޭޝަން ބަންދުކުރުމަށް ގޮވާލައިފިއެވެ.
މިއަދު ހަވީރު އެ ރަށުގައި ބޭއްވި އިހުތިޖާޖުގައި ރަށުގެ ރައްޔިތުން ވަނީ ޒަކިއްޔާގެ މަރަށް ފަސް މަސް ވެގެންދިޔައިރު މަޑުމައިތިރި ކަމާއި ސުލްހަވެރިކަމާއެކު ވެސް މުޒާހަރާ ކުރެވިއްޖެ ކަމަށް ބުނެފައެވެ.
ނަމަވެސް ސަރުކާރުގެ އެއްވެސް ފަރާތަކަށް މުޒާހަރާގެ އަޑެއް ނީވުނު ކަމަށާއި ހުރިހާ މުއައްސަސާތަކުން ދިނީ ބީރު ކަންފަތެއް ކަމަށެވެ.
އަދި ޒަކިއްޔާގެ މަރާ ގުޅޭގޮތުން ހޮޅުދޫއިން ކުރާ މުޒާހަރާގެ އަޑު ސަރުކާރަށާއި ސަރުކާރުގެ މުއައްސާސަތަކަށް އަޑުނީވެނީތޯ މުޒާހަރާގެ ބައިވެރީން ވަނީ ސުވާލުކޮށްފައެވެ.
ފަސްވަނަ މުޒާހަރާއިން ހަމަނުޖެހުމަކާ ހަމައަށް އައުމުން ސަރުކާރުގެ ސަމާލުކަމަށް މިކަން އަންނާނެ ކަމަށް އުންމީދު ކުރާކަމަށް މުޒާހަރާގެ ބައިވެރީން ވަނީ ބުނެފައެވެ.
"ޕޮލިސް ސްޓޭޝަނުން ޖަވާބެއް ދެއްވާ ގާތިލުން ހައްޔަރު ކުރެވޭނެތޯ ނުވަތަ ނޫންތޯ. އަޅުގަނޑުމެންނަށް ޖަވާބެއް ނުދެނީހެއް އަޅުގަނޑުމެންނެއް މިތަނަކުން ނުދާނަން. ރައްޔިތުންނަށް ހަމަޖެހިގެން ތިބެވިއްޖެ ވަރަށް ދުވަހު. ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިފި،" މުޒާހަރާގެ ބައިވެރީން ގޮވަމުންދިޔައެވެ.

ޒަކިއްޔާގެ މަރުގެ މައްސަލާގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން -----
މިއަދުގެ ހަމަނުޖެހުމުގައި ބައިވެރީން ވަނީ ސަރުކާރުގެ މުއައްސަސާތައް ފެއިލްވެއްޖެ ކަމަށާއި ހޮޅުދޫ ދައިރާގެ މެމްބަރު ވެސް ފެއިލްވެއްޖެ ކަމަށް ގޮވާލާފައެވެ.
އަދި ފުލުހުން ވެސް މި މައްސަލައިގައި ފެއިލްވެއްޖެ ކަމަށާއި ފުލުހުންނާ ހަވާލުވެ ހުންނެވި ދާޚިލީ ވަޒީރު އިހުސާނުގެ އިސްތިއުފާއަށް ވެސް މުޒާހަރާގައި ބައިވެރީން ވަނީ ގޮވާލާފައެވެ.
"މި ތާނގައި އެބަތިއްބޭ ކައުންސިލަރުން. މި ތާނގަ އެބަތިއްބޭ އަންހެނުންގެ ކޮމެޓީ. މި ތާނގަ ފުލުހުން އެބަތިބި. އިންސާފު ނުލިބެންޏާ ކޮބާ އެ މީހުން ތިބުމުގެ ބޭނުމަކީ. ކޮބާ ފުލުހުންގެ މުއައްސަސާ. ކޮބާ އިހުސާނު. ޕޮލިސް ސްޓޭޝަން ބަންދުކުރޭ. އަޅުގަނޑުމެން ބޭނުންވަނީ ޒަކިއްޔައްތަގެ މަރަށް އިންސާފެއް،" މުޒާހަރާގެ ބައިވެރީން ގޮވަމުންދިޔައެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ. ފުލުހުން ބުނި ގޮތުގައި ޑޮކްޓަރުގެ ބަހުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން އޮތީ ބުނެފައެވެ.
ޒަކިއްޔާ މަރުވެފައި އޮތް ސީންގައި އޭނާގެ ކައިރީ އޮތް ވަޅިއާއި އަދި އޭނާގެ ހެދުމުގައި ވެސް ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި އެ ވަޅީގައި ހުރި ލެއަކީ ޒަކިއްޔާގެ ލޭ ކަމަށް ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންނަމަވެސް ޒަކިއްޔާގެ ކަރުގައި ފެންނަން ހުރި ޒަޚަމްތަކަކީ އެ ވަޅިން ލިބިފައިވާ ޒަޚަމްތަކެއްތޯ ނުވަތަ ނޫންތޯ ފުލުހުން ހާމައެއްނުކުރެއެވެ. ފުލުހުން ބުނި ގޮތުގައި އެ މައުލޫމާތުތައް ހިއްސާކުރެވޭނީ މުޅި ތަހުގީގު ނިމުމުންނެވެ.
އޭގެ އިތުރުން، ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ތަނަށް އިތުރު މީހަކު ވަދެ އޭނާއަށް ހަމަލާދިން ކަމުގެ އެއްވެސް ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ވެސް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މަރުގެ ތަހުގީގުގައި ފުލުހުން މިހާރު ވަނީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ބައިވެރިކޮށްފައެވެ.