ކޮރަޕްޝަންގެ އަމަލު ހިންގާކަމަށް ބުނެ ވިސްލްބްލޯ ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ފެތުރެމުންދަނީ ދޮގު ޚަބަރުތަކެއް ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިއަދު ބުނެފިއެވެ.
ނިމިދިޔަ ހަފުތާގެ ތެރޭ ވަނީ ވިސްލް ބްލޯކުރި ޕޯސްޓުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކަމަށް ބުނާ މައްސަަލައެއްގައި ނުވަލައްކަ ރުފިޔާއިން ޕޯސްޓް ޖޫރިމަނާ ކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ނިންމި ކަމަށް ޚަބަރުތަކެއް ދައުރުވެފައެވެ.
މިކަމާ ގުޅިގެން ޕޯސްޓުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ކުންފުނީގެ އެއްވެސް ކަމަކާ ބެހޭގޮތުން ދައުލަތުގެ އެއްވެސް އިދާރާއެއްގައި ވިސްލްބްލޯ ކުރުމާ ގުޅުގެން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ.
އެހެންކަމުން ވިސްލްބްލޯ ކުރި މުވައްޒަފަކު ވަކިކުރި ކަމަށް ދޭހަވާ ގޮތަށް ފަތުރާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ޕޯސްޓް އޮފީީހުން ވަނީ ބުނެފައެވެ.
ހަމައެއާއެކު ކުންފުނީގެ ވަޒީފާއިން ވަކިކުރެވުނު މުވައްޒަފަކީ ވެސް އޭނާގެ މަސައްކަތު ޕާފޯމެންސާއި މަސައްކަތުގެ އަޚުލާާގާ ގުޅުންހުރި މައްސަލަތަކެއްގައި ވަޒީފާއިން ވަކިކުރެވުނު މުވައްޒަފެއް ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން އެ މުވައްޒަފު އޮފީހަށް ވަތް ހިސާބުން 10 މަހަށްވުރެ ގިނަ ދުވަހު، އެކަން ރަނގަޅު ކުރުމަށް ނަސޭހަތާއި އިންޒާރު ދީފައިވާނެ ކަމަށް ވެސް ޕޯސްޓުން ވަނީ ބުނެފައެވެ.
ޕޯސްޓުން ވަނީ މުވައްޒަފު ވަޒީފާއިން ވަކިކުރުމާ ހަމައަށް މުވައްޒަފާއިމެދު އެޅުނު ހުރިހާ އިސްލާހީ ފިޔަވަޅުތަކަކީ ވެސް ކުންފުނީގެ މުވައްޒަފުންނާ ބެހޭ ގަވާއިދާއި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން އެޅިފައިވާ ފިޔަވަޅުތަކެއް ކަމަށް ބުނެފައެވެ.
އެ ކުންފުނިން ވަނީ ބައެއް ވެރީންގެ މަސްލަހަތު ހިމެނޭ ގޮތަށް ހާޒިރީީއަށް ބަދަލު ގެންނަކަމަށާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބޮޑު މުސާރައެއް ނަގާކަމަށް ބުނެ ދައްކަމުން ދަނީ ވެސް ދޮގު ވާހަކައެއް ކަމަށް ބުނެފައެވެ.
ސަރުކާރުގެ އިދާރާތަކުގެ ސިޔާސީ އިސްވެރީން ގަޑިޖެހޭ ގަޑިއަކީ 8:31 ކަމަށާއި އަދި ގަޑިޖެހިއްޖެ ނަމަ ގަޑިލާރި ނެގޭނެ ކަމަށް ރައީސް އޮފީހުގެ ދެންނެވުމާ ޚިލާފަށް އަމަލުކޮށްފައި ވަނީ ކުރީގެ މެނޭޖްމެންޓުންކަން ޕޯސްޓުން ވަނީ ފާހަގަކޮށްފައެވެ.
އަދި އެމްޑީއާއި އެހެނިހެން އިސްވެރީން ވެސް ގަޑި ޖެހިއްޖެ ނަމަ ގަޑިލާރި ނެގުމަކީ އެޗްއާރަށް އޮތް ބާރެއް ކަމަށާއި ވެރީން ގަޑިޖެހުމުން ގަޑިލާރި ނެގުމަކީ މިހާރުގެ މެނޭޖްމެންޓުން ކަންތައް ކުރަމުންދާ ގޮތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ޕޯސްޓުން ވަނީ މުސާރައާއި އެލެވެންސަކީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި މެނޭޖިން ޑިރެކްޓަރާއި އަދި ހުރިހާ މުވައްޒަފުންނަށް ވެސް މުސާރައިގެ އޮނިގަނޑާއި އެއްގޮތަށް ދެވޭ އެއްޗެއް ކަމަށް ބުނެފައެވެ.
އެހެންކަމުން މެނޭޖިން ޑިރެކްޓަރު ބޮޑު މުސާރަ ނަގާކަމަށް ފަތުރާ ޚަބަރަކީ މެނޭޖިން ޑިރެކްޓަރުގެ އަގު ވައްޓާލުމުގެ ބޭނުމުގައި ފަތުރަމުން ގެންދާ ދޮގު ޚަބަރެއް ކަމުގައި މޯލްޑިވްސް ޕޯސްޓުން ވަނީ ބުނެފައެވެ.