މާލޭގައި މަސްދަޅު ކޭސް ބަހަން މިރޭ ފެށުމާއެކު، އެތައް ސަތޭކަ ބަޔަކު ނިކުމެ ދިގު ކިއުތައް ހެދުމުން، ހޮނިހިރު ދުވަހުގެ ކުރިން އިތުރު ތަންތަނުން މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް ސިޓީޒް ލޯކަލް ގަވަނަންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ 8:00 ޖެހިއިރު މަސްދަޅު ކޭސް ބަހަން ވަނީ ފަށައިފައެވެ. މަސްދަޅު ކޭސް މާލޭގައި ބަހަނީ މިފްކޯ އޮފީސް ކޮމްޕައުންޑުގައާއި، ހެންވޭރު އެމްޓީސީސީ ސޯމިލުގައެވެ.
އެ ސަރަހައްދުގައި، ވަގުތުގެ މާ ކުރިން އެތައް ބަޔަކު ކިއު ހަދައިގެން ތިބިިއިރު، އެތައް ބަޔަކު އޭގެ ފަހުން ވެސް ކިއުގައި ޖެހެމުން ދިޔައެވެ.
އެއާއެކު މަސްދަޅު ކޭސް ހޯދަން ހަދައިފައިވާ ސަފުގެ ކޮޅާކޮޅު ވެސް ނުފެނެއެވެ. މުޅި ކޮށި ވަށައިޖެހޭހައި ސަފު ދިގެވެ.
ސަފުތައް ދިގުވެ، މަސްދަޅު ކޭސް ހޯދަން އެތައް އިރެއް ތިބެންޖެހުމާއެކު އިންތިޒާމުތައް ދޯދިޔާކަމުގެ ބައެއް ޝަކުވާތައް ވެސް ސޯޝަލް މީޑިއާގައި ބައެއް އާންމުން ކޮށްފައިވެއެވެ.
އެއާއެކު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އާންމުން އެކަމަށް އިޖާބަ ދިން މިންވަރަށް ބަލައި ހޮނިހިރު ދުވަހުގެ ކުރިން މަސްދަޅު ކޭސް ބަހާނެ އިތުރު ތަންތަން ކަނޑައަޅައި އާންމުކުރާނެ ކަމަށެވެ.
އާދަމް ޝަރީފް ވަނީ މަސްދަޅު ކޭސް ބެހުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށާއި، ރައްޔިތުން ދޭ އެއްބާރުލުމަށް ޝުކުރު އަދައިކުރައްވާކަމަށް ވިދާޅުވެފައެވެ.
މަސްދަޅު ކޭސް ބަހަން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މާދަމާ މަސްދަޅު ކޭސް ނުބަހާނެއެެވެ.
މަސްދަޅު ކޭސް ބަހާނެ ގަޑިތައް:
- ހޮނިހިރު ދުވަހު: 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
- އާދިއްތަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް: 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
ވިލިމާލޭގައި މަސްދަޅު ބަހާނީ ވިލިމާލޭގެ ވެމްކޯ ސައިޓުންނެވެ.
ހުޅުމާލެ ފޭސް-1 ގައި މަސްދަޅު ބަހާނީ އުމަރު ޒާހިރު ބިލްޑިންގުންނެވެ. ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރު 10ގެ ޔޫތު ސެންޓަރުގައި މަސްދަޅު ކޭސް ބެހުން ކުރިއަށް ގެންދާނެއެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅުކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރުމަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.