ފުލެޓު ލިސްޓު މުރާޖާކޮށް ނުނިމޭ؛ ލިސްޓު ނެރުން އަނެއްކާވެސް ފަސްކޮށްފި

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު: ފުލެޓް ލިސްޓު ނެރުން އަނެއްކާވެސް ވަނީ ފަސްކޮށްފައި -- ސަން ފޮޓޯ/ އަބްދުﷲ ޝާތިއު

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާން ކުރި ފުލެޓު ލިސްޓު މި ސަރުކާރުން މުރާޖާކޮށް ނުނިމޭތީ އަނެއްކާވެސް ފުލެޓް ލިސްޓު ނެރުން ފަސްކޮށްފިއެވެ.

ހައުސިން މިނިސްޓްރީން އެންމެ ފަހުން ފުލެޓް ލިސްޓު ނެރޭނެ ކަމަށް އިއުލާންކޮށްފައި އޮތީ މިއަދެވެ.

ނަމަވެސް މިއަދު އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ އެ ސްކީމަށް ހުށަހަޅާއިފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަަށަވަރުކުރަން ޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓު ހަވާލުކުރުން ލަސްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ފުލެޓުތަކާ ގުޅޭ މައްސަލަ ބެލުމަށް ފަހު، އެންގި އެންގުމާ ގުޅިގެންނެވެ. އެ ކޮމިޝަނުން ނިންމީ މިދިޔަ ސަރުކާރުން ފުލެޓުތައް ދޫކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

އެއާ އެކު ފުލެޓުގެ ކަންތައްތަކާ ގުޅިގެން އުފައްދާފައިވާ ކޮމިޓީއާއި މާލެ ސިޓީ ކައުންސިލްގެ ފަސް މެންބަރުން ހިމެނޭ ކޮމިޓީގެ ލަފާއާ އެކު ވަނީ ފޯމުތައް ރީއިވެލުއޭޓް ކުރަން ނިންމައި، އެ މަސައްކަތް ފަށައިފައެވެ.

ގެދޮރުވެރިޔާ ސްކީމުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 15،000 އަށްވުރެ ގިނަ މީހުނަށް ފުލެޓު ދިނުމަށް އެމްޑީޕީ ސަރުކާރުން އޮތީ ނިންމައިފައެވެ.

comment ކޮމެންޓް